English Edition
Dhivehi Edition

ކުޑަދަރިފުޅު ވާހަކަ ދެއްކުން ލަސްވުމާއި، ވާހަކަ ނުދެއްކުމަކީ، ބެލެނިވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ތަފާތު ސަބަބުތައް މެދުވެރިވެގެން ކުދިންގެ ވާހަކަ ދެއްކުން ލަސްވުމާއި، ވާހަކަ ނުދެއްކުމަކީ އަބަދުވެސް ފާހަގަވާ ކަމެކެވެ. ކުޑަކުދިންގެ ނަފުސާނީ އިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި، ވާހަކަ ދެއްކުމުގެ މައްސަލަތައް ހުންނަ ކުދިން މިފަހަކަށް އައިސްގިނައެވެ. ހޯދުންތަކުން ދައްކާ ގޮތުގައި، ގޭތެރޭގައި ދަރިފުޅާއި، ވާހަކަ ދައްކާ މީހުން މަދުވުމާއި، ކުދިންނަށް ވަގުތު ނުދެވުމާއި، ކުއްޖާގެ ޅަފަތުގައި ކުއްޖާ ވަށައިގެން އުޅޭ މީހުން، އެއްބަހަށްވުރެ ގިނަ ބަސްބަހުން ވާހަކަ ދެއްކުމަކީ ކުއްޖާގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީވުން ލަސްވެދާނެ ކަންކަމެވެ.

ތުއްތު ކުދިން އެކުދިންގެ އެންމެ ޅަފަތުގައިވެސް މުއާމަލާތްކުރެއެވެ. އަނގައިން ބަހެއް ނުބުނެވޭ އިރުވެސް އެކުދިންގެ އިހުސާސްތަކާއި، ބޭނުންވާ ކަންކަން، އެހެންމީހުން ގާތު ބުނެއެވެ. އެއީ ރުއިމުންނާއި އެކި އަޑުއަޑު ލައްވައިގެންނެވެ. ކުއްޖާގެ ވާހަކަ ދެއްކުމަށް އަންނަ ކުރިއެރުމާއި، ދިމާވާ މައްސަލަތައް ކައިރީ އުޅޭމީހުނަށް ފާހަގަވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން ވާހަކަ ދެއްކުމުގެ މައްސަލައެއް ކުއްޖާ ކިބައިގައި ހުރިނަމަ އަވަހަށް އެކަމަށް ހައްލު/ފަރުވާ ހޯދިދާނެއެވެ.

ކުޑަކުދިންގެ ހެދިބޮޑުވުމާއި ބެހޭ ދިރާސާތައް ކުރައްވާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ވުމުގެ މަރުހަލާ ތަކެއްވެއެވެ. އެއީ ވިހެއީއްސުރެންވެސް އުމުރުން 6 އަހަރާއި ދެމެދު އެކި މިންވަރަށް އެކިގޮތްގޮތަށް އަންނަ ކުރިއެރުންތަކެކެވެ.

އުފަންވީއްސުރެން އެކި ގޮތްގޮތަށް ކުދިން މުއާމަލާތް ކުރެއެވެ. ވާހަކަދެއްކުމުގެ ހުނަރު ތަރައްގީވުމުގައި، މައްސަލައެއް ދިމާނުވާނަމަ އުމުރުން 5 މަހުގައި، އެކިއެކި އަޑުއަޑު ލައްވައި، ރޮއެ، ހީ، ހަދާނެއެވެ. އަދި އެކުދިންނާއި ދައްކާ ވާހަކަތަކަށް އިޖާބަދޭނެއެވެ. އެގޮތުން ތަފާތު އަޑުއަޑު ލައްވައިގެންނާއި، ލޮލާއި، އަތާއި ފައިގެ ހަރަކާތްތަކުން އެހެން މީހުންގެ ސަމާލުކަން ހޯދާނެއެވެ. އުމުރުން 6 މަހުގައި، ކުދި ބަސްތައް ކިޔަން ފަށައެވެ. މިއުމުރުގައި އެކުދިންނަށް މާހައުލުން އިވޭ އަޑުތައް ތަކުރާރުކުރަން ފަށައެވެ. އުމުރުން 1 އަހަރުގައި ބަސްތައް ރަގަޅަށް ކިޔަންފަށައެވެ. ދޮޅުއަހަރާއި، 2 އަހަރާއި ދެމެދުގައި، ގާތްގަޑަކަށް ފަންސާހަކަށް ބަސް ކިޔަން ފަށައެވެ. އަދި މީގެތެރޭގައި ދެބަސް ގުޅުވައިގެން ކިޔުމާއި، ކުރު ޖުމްލަތައްވެސް ބުނެ އުޅޭނެއެވެ. އުމުރުން ދޮޅުއަހަރާއި، ދެއަރާއި ދެމެދު ވާހަކަ ދެއްކުމުގެ ހުނަރަށް ބޮޑު ބަދަލެއް އަންނަތަން ފެންނާނެއެވެ. ބަސްކޮށާރަށާއި، ވާހަކަދެއްކުމަށް އިތުރު ފުރިހަމަކަމެއް އަންނާނެއެވެ. ވީމާ މިއުމުރު ފުރާތަކުގައި ކުދިންގެ ފަރާތުން މިބަދަލުތައް ނުފެންނަނަމަ އެކަމަށް ޚާއްސަ ސަމާލުކަން ދޭންވާނެއެވެ.

އުމުރާއި ގުޅޭގޮތުން ކުދިންގެ ބަސް ތަރައްގީވެ، ވާހަކަ ދައްކަން ނުފަށާނަމަ، އަޑުއިވުމުގެ މައްސަލައެއް ހުރިތޯ ޗެކުކުރަންވާނެއެވެ. އަޑު އިވުމުގެ މައްސަލައެއް ހުރިނަމަ، އެހެން މީހުން ދައްކާ ވާހަކަތަކަށް، އިޝާރާތްކުރުމާއި، ސަމާލުކަން ދިނުން ކުދިންގެ ކިބައިން ނުފެންނާނެއެވެ.

ކެނެޑާގެ ކުޑަކުދިންގެ ޖަމްއިއްޔާއަކުން، 2021 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ 5 ކުއްޖަކުން އެއްކުއްޖަކީ ވާހަކަ ދެއްކުމުގައި ލަސްކަމެއް ނުވަތަ އުނދަގޫ ކަމެއް ދިމާވާ ކުއްޖެކެވެ. މީގެ ސަބަބުން މިކުދިންގެ އެހެނިހެން އުޅުންތަކާއި ގުޅުންތަކަށްވެސް ބަދަލުއާދެއެވެ. އަދި މިފަދަ ކުދިން ރުޅިގަދަވެ، ބޮޑާހޭކުންވެސް އެއުމުރުގެ އެހެން ކުދިނަށްވުރެން ގިނައެވެ. މިމައްސަލަ ދިމާވަނީ، އެކުދިންގެ ވާހަކަ ދެއްކުމުގައި ދިމާވާ އުނދަގޫތަކާއި ހެދި، އެކުދިން ބޭނުންވާ ކަންތައް އެހެން މީހުންގާތު ނުބުނެވޭތީއެވެ. ވީމާ މިފަދަކަމެއް ކުދިންގެ ފަރާތުން ފާހަގަ ވާނަމަ އަވަހަށް އެކަމަށް ސަމާލުކަން ދޭށެވެ. އެގޮތުން، ކުދިންނާއި ވާހަކަ ދެއްކުން ގިނަ ކުރެވިދާނެއެވެ. ވާހަކަ ދައްކާއިރު ކުދިންނަށް ސަމާލުކަންދީ، މޫނަށް ބަލައިގެން، އަޑުއަހާކަން އިހުސާސްވާހެން ވާހަކަ ދެއްކުން މުހިއްމެވެ. ވާހަކަ ދެއްކުމުގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަ ވެއްޖެނަމަ އެންމެ ރަގަޅުގޮތަކީ، ސްޕީޗުތެރަޕިސްޓަކަށް ދެއްކުމެވެ. ޅަފަތުގައި ވާހަކަ ދެއްކުމުގައި ދިމާވާ، ލަސްކަން ނުވަތަ މައްސަލަ،ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބައެއް ކުދިންގެ ރަގަޅުވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ކުޑަކުދިން ސްކްރީން ކައިރީ ގިނަ ވަގުތު ހޭދަ ކުރުމަކީ، ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ވުމަށް އެންމެ ބޮޑަށް އަސަރުކުރުވާ އެއްކަމެވެ. އެހެން ކަމުން ސްކްރީން ކައިރީ ކުދިން ހޭދަކުރާ ވަގުތުތަކަށް ބަދަލުގެނެވިދާނެއެވެ. ސްކްރީން ކައިރީ ކުދިން ހޭދަކުރާ ގަޑިތަކުގައި ގިނަ ފަހަރަށް ތިބޭނީ އެއްވެސް މީހަކާއި ވާހަކަ ނުދައްކައި އެހެން ދުނިޔެއެއްގައެވެ. އެގޮތަށް ތިބޭތިބުމުގައި ކުދިން އެހެންމީހުން ދައްކާ ވާހަކައަށް ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމުން، ކުދިންގެ މުއާމަލާތް ކުރުމުގެ ހުނަރު ތަރައްގީ ވުމަށް މިކަމުން ވަރަށް ބޮޑު ނޭދެވޭ އަސަރުކުރެއެވެ. އަބަދު ފޯނު،އައިޕެޑު، ޓެބްލެޓުފަދަ ތަކެތި ގެންގުޅޭ ކުދިންނަށް އެކުދިންގެ ބޭނުންތައްވެސް އެހެން މީހުން ކައިރީ ނުބުނެވެއެވެ. މިފަދަ ކުދިން ބަނޑުހައިވުން ފަދަ ކަމަކަށް ބޭނުންވިއަސް ނުބަން ނޭގި ތިބެއެވެ. އެހެންކަމުން އެތައް އިރެއް ވަންދެން ބޭނުންވާ ކަންތައް ނުކޮށް މިކުދިން ތިބެދާނެއެވެ. އަދި މިގޮތަށް ހޭނިއްޖެ ކަމަށްވަންޏާ މިކުދިންގެ މުޢާމަލާތު ކުރުމުގެ ހުނަރު ތަރައްގީވުން ލަސްވެއެވެ. އަދި އެހެންމީހުން ދައްކާ ވާހަކަ ކަނުލައި އަޑުއަހައި އެކަމަށް ސަމާލުކަންދޭ މިންވަރުވެސް ކުޑަކަމަށް ވެއެވެ. އެހެން ކަމުން މިކުދިންނާއި އެހެން މީހުނާއި އޮންނަ ގުޅުން ކުޑަވެއެވެ. މިޒަމާނަކީ ފޯނު، ޓެބްލެޓު، އައިޕެޑު ފަދަ ވަޞީލަތްތަކާއި ނުލައިވެސް އުޅެވޭނެ ޒަމާނެއް ނޫންކަމުން، އެފަދަ ތަކެތި ރަގަޅު ގޮތުގައި، ވަކި އުޞޫލަކުން ބޭނުން ކުރަން ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

އުފެދުމުގައި ހުންނަ އުނިކަމަކުންވެސް ކުއްޖާގެ ވާހަކަ ދެއްކުމަށް އުނދަގޫ ކަމެއް ނުވަތަ ލަސްކަމެއް އައިސްދާނެއެވެ. އެގޮތުން، އަނގަޔާއި، ތުންފަތް އަދި ތަލި އުފެދުމުގައި އަންނަ އައިބު ކަމަކުންނާއި،އަޑުއިވުމުގެ މައްސަލަ ހުރުމާއި، ނާރުގެ މައްސަލައެއްގެ ސަބަބުންވެސް ވާހަކަ ދެއްކުން ލަސްވެއެވެ. އަދި އޯޓިޒަމް ސްޕެކްޓްރަމްއަށް ފެތޭ ކަމެއް ހުރުމުގެ ސަބަބުންވެސް ކުއްޖާގެ ވާހަކަ ދެއްކުމުގެ މައްސަލަތައް ދިމާވެއެވެ. މިފަދަ ހާލަތެއްގައި އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ ހޯދުން އަވަސްކުރަން ވާނެއެވެ.

ދިރިއުޅޭ މާހައުލުން ކުދިންނަށް ވާހަކަ ދެއްކުން ތަރައްގީ ވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ. ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، ދުވަހުގެ ވަގުތުތައް ހޭދަކުރާ ގޮތްތަކަށް ވަކި އުސޫލުތަކެއް ކަނޑައެޅިދާނެއެވެ. އެގޮތުން ގަޑިން ގަޑިއަށް ކަންކަން ކުރަން އާދަކުރެވިދާނެއެވެ. މީހުނާއި އޮންނަ ގުޅުން ރަގަޅު ކުރެވިދާނެއެވެ. އާއިލީ ގުޅުންތައް ބަދަހި ކުރުމަކީ ކުޑަކުދިންގެ ހެދިބޮޑުވުމަށް ހެޔޮ ބަދަލުތަކެއް ގެނުވާ ކަމެކެވެ. އެގޮތުން، ކާ ގަޑިތަކުގައި، ގޭގެ އެންމެން އެއްސުފުރާއަކުން ކެއުމާއި، އެގަޑީގައި ފޯނު، ޓެބްލެޓު އަދި އައިޕެޑް ފަދަ ތަކެތި ނުގެންގުޅުން، އާއިލާ މީހުންގެ މެދުގައި ކުރެވޭ ބައެއްކަހަލަ މަޝްވަރާތަކުގައި ކުދިން ބައިވެރި ކުރުން، ކުދިންނާ ވާހަކަ ދައްކާއިރު އެކުދިންގެ ވާހަކަތަކަށް ސަމާލުކަން ދިނުން ހިމެނެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ކާ ގަޑިތަކުގައި ކުދިން އަތަށް ފޯނުފަދަ ތަކެތި ދީފައި ބޭތިއްބުމަކީ ކުދިންގެ ވާހަކަ ދެއްކުމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރުވާ އެއްކަމެވެ. ކާގަޑީގައި ފޯނުފަދަ ތަކެތި ގެންގުޅުމުން، އެންމެ ކުޑަމިނުން އަނގަޔަށް ލެވެނީ ކޯއްޗެއް ކަންވެސް ކުދިންނަށް ނޭނގެއެވެ. ކާތަށި ކައިރީ ކިތައްމެ އިރެއް ވިއަސް މިކުދިންނަށް ރޭކާވެސް ނުލައެވެ. ހަމަ އެހެންމެ ކިތަންމެ ގިނައިން ކެވުނަސް ނޭގެއެވެ. ސަމާންވީ ހުރިހާ ދީނެއްގައިވެސް ޚާއްސަކޮށް އިސްލާމްދީނުގައި، ކެއުމުގެ ކުރިންނާއި، ކައިނިމިގެން އަދި ކާ ގަޑީގައިވެސް ރިޒުގު ދެއްވި ފަރާތަށް ޝުކުރުވެރިވެ ކާން އޮންނަނީ އަންގަވާފައެވެ. އެހެން ކަމުން ކާ ގަޑިއަކީ އެކަމަށް ހުސް ގަޑިއަކަށް ހެދުން ވަރަށް މުހިއްމެވެ.

ދަރިން ތަރުބިއްޔަތު ކުރުމަކީ، އެހާ ފަސޭހަ ކަމެއްނޫނެވެ. އެހެނަސް އެކަން ބުރައަކަށްވަނީ، ކުދިންގެ ހެދިބޮޑުވުމާއި، ތަރުބިއްޔަތަށް ދޭންވާ ސަމާކުލުކަން ނުދެވޭތީއެވެ. ކުދިންގެ ހެދިބޮޑުވުމާއި، އުމުރުފުރާތަކަށް އަންނަ ބަދަލުތަކާއި، ކުއްޖާގެ ޖިސްމާނީ، ނަފުސާނީ ދުޅަހެޔޮކަމަށް ފަރުވާތެރިވެ ކުދިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

ކުދިންގެ ހެދިބޮޑުވުމުގެ ހުރިހާ ކަމަކާއި އެންމެބޮޑު ގުޅުމެއް އޮންނަ އެއް ކަމަކީ، މުއާމަލާތް ކުރުމެވެ. ވީމާ ކުއްޖާގެ މުއާމަލާތް ކުރުމުގެ ހުނަރުތައް ދެނެގަނެ އެކަމަށް ފަރުވާތެރި ވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

1 ކޮމެންޓް
ޙައްވާ ޙަނީފާ
މެއި 30, 2023
މިފަދަ ލިޔުންތައް ޢާންމު ކުރެއްވުމަކީ، ތަޢުލީމީ ހަރުފަތްތައް ގިރާކުރުމަށް މަސައްކަތްކުރާ ގިނަ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ކަމެއް. އިސްވެދިޔަ ލިޔުމަކީވެސް އަޅުގަނޑު ހަދަމުންދާ، "ކުޑަ ކުއްޖަކު ހެދި ބޮޑުވުން" މި މައުޟޫގެ ދަށުން ކުރެވޭ ދިރާސާއަކަށް ނުހަނު ބޭނުންތެރި މަޢުލޫމާތު ލިބުނު ލިޔުންކޮޅެއް. ތި ބޭފުޅުން ކުރައްވަމުން ތިޔަ ގެންދަވާ މަސައްކަތްޕުޅު ތަކުގައި ﷲ ތަޢާލާ ބަރަކާތް ލައްވައި، އަދައްވުރެން ފަހި މުސްތަގުބަލެއް މިންވަރުކުރެއްވުމަކީ އަޅުގަނޑުގެ ދުޢާ!