English Edition
Dhivehi Edition

ދަރިންނަކީ އަހަރެމެން އެންމެންގެވެސް ލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ. މޭގެ ފިނިކަމެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި، އެންމެންވެސް ގަދަ އަޅައި މަސައްކަތް ކުރަމުއެވެ. އެ ދަރީންނަށް ފުރިހަމަ ސިއްޙަތަކާއި، ދުޅަހެޔޮ ހަށިގަނޑެއް ހޯދައި ދިނުމަށް އެތަކެއް ހޭދަތަކެއް ކުރަމުއެވެ. ތަޢުލީމީ ގޮތުން އެންމެ ކާމިޔާބު، ކިޔެވުމަށް މޮޅު ކުއްޖަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރަމުއެވެ. ކުއްޖާ ގައިގައި ތަފާތު ހުނަރުތައް އަށަގަނުވައި، އަޚުލާގު ރަގަޅު ދީނަށް ލޯބިކުރާ ކުއްޖަކަށް ވޭތޯ ބުރަ މަސައްކަތްތަކެއް ކުރަމުއެވެ.

ކުދިންނަށް އުނގަންނައިދީ، ކުރިމަގަށް އެކުދީން ތައްޔާރުކުރުމަކީ، އެހާ ފަސޭހަ ކަމެއްނޫނެވެ. އަދި އެއީ، ވަގުތު ބޭނުންވާ ކަމެކެވެ. އެކަމަށް ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާތަކާއި، އުޞޫލުތައް ދެނެގަތުން ވަރަށް މުހިއްމެވެ. އެކިކުދިންގެ ހެދި ބޮޑުވުމާއި، ތަރައްގީ އަންނަނީ އެކިމިންވަރަށެވެ. އެކަން އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ، އެކުދިން ދިރިއުޅޭ މާހައުލުން ލިބޭ ތަޖުރިބާތަކަށާއި، ކެއުންބުއިމާއި، ނިދުމުގެ ވަށްޓަފާޅިއާއިއެވެ.

މަޝްހޫރު ނަފުސާނީ އިލްމުވެރިޔާ ޕިއާޖޭ ހާމަކުރައްވައި، ކުޑަކުދިންގެ ހެދިބޮޑުވުމާއި ގުޅޭގޮތުން ދިރާސާ ކުރައްވާ މިހާރުގެ އިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި، ކުއްޖާގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުތިމާއީ، ތަރައްގީ، ވުމުގެ މުހިއްމު 4 މަރުހަލާއެއް ވެއެވެ. އެގޮތުން މިމަރުހަލާ ތަކުގައި ކުއްޖާގެ، ކުދިމަސްތަކާއި،(ފައިން މޮޓޯ) ބޮޑެތި މަސްތައް (ގްރޮސްމޮޓޯ) އަދި ހިއްސުތަކާއި، އިޖުތިމާއީ ހުނަރުތައް(ސެންސަރީ އެންޑް ސޯޝަލް) ހެދިބޮޑުވެ ތަރައްގީ ވަމުންދާނެއެވެ. އެއީ ވިހެއުމުން ފެށިގެން ގޮސް ކުއްޖާގެ އުމުރުން 2 އަހަރާއި ހަމަޔަށް އަންނަ ތަފާތު އެކި އެކި ތަރައްގީތަކާއި، 2 އަހަރުން ފެށިގެން 7 އަހަރާއި ދޭތެރޭ ތަރައްގީވެ ފެންނަން ފަށާ ކަންތަކާއި، 7 އަހަރާއި 11އަހަރާއި ދޭތެރޭ ކުދިންނަށް ކުރެވޭ ކަންތަކާއި،މިހެންގޮސް އުމުރުން 12 އަހަރު ފުރެންދެން ކުއްޖާގެ ހެދި ބޮޑުވުމާއި، ހުނަރުތަކުގެ ތަރައްގީއަށް އަންނަ ބަދަލުތަކެވެ. އެހެންކަމުން ކުއްޖާގެ ދުޅަހެޔޮ ކަމަށާއި، އުނގެނުމުގެ ގާބިލުކަން އިތުރުކުރުމަށް މުހިއްމު ދައުރެއް މި އުމުރުގައި ބެލެނިވެރިންނަށް އަދާ ކުރެވިދާނެއެވެ.އަދި މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކުޑަކުދިންނަކީ އަބަދުވެސް އެކުދިންގެ މާހައުލުން ފެންނަ ކަންކަން ކޮޕީކުރާ ބައެކެވެ. މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ ކުދިން، އަދި އާއިލާ އެހެން މީހުން ކުރާ ކަންކަން އެމީހުން ގިނަފަހަރަށް ކޮޕީ ކުރާނެއެވެ. އެހެންކަމުން ގޭތެރޭގައި ކިޔަވާ އުމުރުގެ އެހެންކުދިން ފަންސުރު، ގަލަން ފަދަ ތަކެތި ގެންގުޅޭނަމަ، މިއުމުރުގެ ކުދިން އެތަކެތި ގެންގުޅޭނެއެވެ. އެކަން ހުއްޓުވަން އެއްވެސް ކަމެއް ކުރުން ބުއްދިވެރިޔެއް ނޫނެވެ. ނަމަވެސް ކުދިންނަށް ބާރުއަޅައިގެން ލިޔުއްވަން އުޅުމުގެ ބަދަލުގައި، އެއުމުރަކާއި ގުޅޭހުނަރުތައް ތަރައްގީ ކުރަން މަސައްކަތް ކުރުން ރަގަޅެވެ. އެންމެ ފުރަތަމަ އެންމެ އިސްކަމެއްދޭންޖެހޭ ކަމަކީ، ރީތިކޮށް ލިޔުމެއްނޫނެވެ. ހުނަރުތައް ތަރައްގީ ކުރުމެވެ. އެކަމަށް މަގުފަހިކުރުމެވެ. ކުދިންނަށް ފަންސުރު ތަޢާރަފު ކުރުމާއި ބެހޭގޮތުން ކުޑަކުދިންގެ ނަފުސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުދިންނަށް ފަންސުރު ތަޢާރަފު ކުރުމުގައި މި 3 ކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

  • ކުއްޖާ ފަންސުރުގައި، ހިފާގޮތް އެކުއްޖާ އަމިއްލައަށް ރަގަޅުކުރަން ފުރުސަތު ދޭށެވެ. އެކަން އެކުއްޖާގެ ކުދިމަސްތަކާއި، ބޮޑެތި މަސްތައް ތަރައްގީވަމުން އަންނަ މިންވަރަކުން ރަގަޅުކުރުމަށް ފުރުސަތު ދޭށެވެ.ބޮޑެތި މީހުން ފަންސުރުގައި ހިފާގޮތް ދައްކައި، ސީދާ އެގޮތަށް ހިފަހަށްޓަން އެކުދިންނަށް މަޖުބޫރު ނުކުރާށެވެ.
  • އިނގިލި ކުރީގެ މަސްތައް(ކުދިމަސްތައް) ތަރައްގީ ކުރުމަށްޓަކައި ހަމައެކަނި، ކުރަހާ ކުލަޖައްސަން ކުއްޖާއަށް ނުޖައްސާށެވެ. ކުޑަކުދިންގެ ހެދިބޮޑުވުމުގެ ތަރައްގީއަށް ތަފާތު އެކި އެކި ފުރުސަތުތަކާއި، ތަޖުރިބާ ބޭނުން ވެއެވެ. މިސާލަކަށް،ކުދިމަސްތަކުގެ ތަރައްގީއަށް، ޕްލޭޑޯއިން ކުޅުން، ކަތުރުން ކެފުން،ކޮލާޖު ހެދުން،ވެއްޔާއި ކުޅުންފަދަ ވަރަށްގިނަ ފުރުސަތުތައް މިކުދިންނަށް ހޯދައި ދެވިދާނެއެވެ.
  • ކުއްޖާ އެންމެ ކުޑައިރު، އަތުގެ މަސްތައް ރަގަޅަށް ތަރައްގީ ނުވަނީސް، އެކުދިން ލައްވައި ލިޔުއްވަން މަޖުބޫރު ނުކުރާށެވެ. ނަމަވެސް ވެލީގައި އަކުރުއެޅުން، ފަދަ ކަންތައްތައް ކުރުވިދާނެއެވެ. އުމުރުން 5 އަހަރުން ދަށުގެ ކުދިން ލައްވައި މަޖުބޫރުން ކިޔުމާއި، ލިޔުމުގެ ކަންކަން ކުރުވުމަކީ ކުއްޖާގެ މުސްތަގުބަލަށް އޭގެއިން އަސަރުރާނެ ކަންކަމެވެ. މިއުމުރުގެ ކުދިންނަށް ޖެހޭނީ އެކުދިން ރުއްސައިގެން، ތަރުތީބަކުން، ކަންކަން ގެންދާށެވެ. އެގޮތުން ކުއްޖާގެ ހެދިބޮޑުވުމުގެ އެކިއެކި މަރުހަލާތަކާއި، ގާބިލުކަމަށް ވިސްނައިގެން ތަފާތު ހަރަކާތްތައް ގެންދިއުމުން ވަރަށް ފައިދާވާނެއެވެ. އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެކިކުދިންގެ ގާބިލުކަމާއި، ތަރައްގީގެ ސްޕީޑު ހުންނާނީ އެކިމިންވަރަށް ކަމެވެ. ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި އަޅުވައި ނުކިޔާށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދަންނާށެވެ.

 

 

 

 

 

3 ކޮމެންޓް
ފަރީދާ
ޖޫން 21, 2021
މިލިޔުން ދެތިން ފަހަރު ކިޔައިގެންވެސް ކުދިންނަށް ފަންސުރު ތަޢާރަފްކުރަންވީ އުމުރެއް ނޭނގުނު. މީ މިހާރަކަށް އައިސް އާންމު ކަމެއް. ސުރުޙީ އާއި ލިޔުމުގައި ގުޅުމެއް ވަރަށް ނޯވޭ.
A
ޖޫން 10, 2021
Alhugandu ge thajribaa in bunelan othi dharifulhuge Umurun 6mahun feshigen Quran kiyavaidhinuma akuru angaidheyn masahkaih kurumaki kujjage hih alive kiyevumah loabi jehey kamekey
ޔޫން
ޖޫން 10, 2021
މިޒަމާނުގައި ފަންސުރުން ލިޔަން ދަސްކޮށްނުދޭ