English Edition
Dhivehi Edition

އާއްމުންނަށް ހުޅުވާލައިގެން ފައިސާގެ އިނާމްތަކެއް ލިބޭ ކުއިޒެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

“މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021” ނަމުގައި ބާއްވާ މިކުއިޒް އޮންނާނީ 1 ޖުލައި 2021 އިން ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަށެވެ.

ކުއިޒްގެ ސުވާލުތައް ޝާއިޢު ކުރަމުންދާނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކަމަށާއި މިކުއިޒުން އެއްވަނައަށް އަންނަ ފަރާތަކަށް -/3000 ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް -/2000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް -/1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީޑިޔާ ކައުންސިލުން ބުނާގޮތުގައި މިފަދަ ކުއިޒެއް ބޭއްވުމުގެ މަޤްސަދަކީ އެކައުންސިލުން ހިންގާ ހަރަކާތްތަކާއި، އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމާއި އަދި މީޑީއާ ކައުންސިލްގެ އާންމު މަޢުލޫމާތާއި، މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މަޢުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުމާއި، މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މަޢުލޫމާތު، ކުއިޒެއްގެ ޒަރީޢާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ.

މި ކުއިޒްގައި ބައިވެރިވުމުގެ ސުންގަޑިޔަކީ 2021 ޖޫން 15 ން ފެށިގެން 2021 ޖުލައި 15 ގެ ނިޔަލަށެވެ. ރަޖިސްޓްރީއަށް ހުޅުވައިލުމުން އެކަން މީޑިއާ ކައުންސިލުގެ ފޭސްބްކް، އިންސްޓަރގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް އާންމުކުރެވޭނެއެވެ.

2021 ޖުލައި 1 ން ފެށިގެން ކޮންމެ ދުވަހެއްގެ 13:00 ގައި އެދުވަހެއްގެ ސުވާލު ޝާއިޢުކުރެވޭނެއެވެ.

މި ކުއިޒް ގެ އުސޫލުތައް މީޑިއާ ކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.