ފުލުހުންނަށް ހުރަސްއަޅައި، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުންވަން މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތައާވަލްކޮށްފިއެވެ
އިދިކޮޅު މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ މިދިޔަ ޖުލައި 24 ވަނަ ދުވަހު ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ. މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ މެމްބަރުންނަށް މިހާރު އަންނަނީ ޗިޓު ފޮނުވަމުންނެވެ.
މި މައްސަލައިގެ ލިޔުންތައް މެންބަރުންނާ އޮގަސްޓް 14 ވަނަ ދުވަހު ކޯޓުން ހަވާލުކޮށްފައިވާއިރު މި މެންބަރުންގެ ޝަރީއަތް އެއް ޝަރީއަތުގެ މަޖިލީހެއްގައި ކުރިއަށް ގެންދަން ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މެމްބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ގެ ގޮޑި ގެއްލިފައިވާކަމަށްވަނީ ކަޑައަޅާފައެވެ.
މި ދައުވާ މެމްބަރުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް މި މެމްބަރުންނަށް ހަޒީރެއް ނުވެވޭނެއެވެ.