ގދ. ތިނަދޫގައި ކަރަންޓީން ކުރެވިފައިވާ ގެތަކާއި ތަންތަން އޮންލައިންކޮށް ބަލާލެވޭނެ ގޮތަށް ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާގެ ވެބްސައިޓް ފަރުމާކޮށްފިއެވެ.
ތިނަދޫގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޓޭޑް ޖަމިއްޔާއިން ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް، އެންމެ ފަހުގެ ތަފާސް ހިސާބުތަކާއެކު ތިނަދޫގައި ކަރަންޓީން ކުރެވިފައިވާ ގެތަކާއި ތަންތަން އޮންލައިންކޮށް ބަލާލެވޭނެ ޑޭޝްބޯރޑެއް އެޖަމިއްޔާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އެ ޕޭޖުގައި އެޑްރެސްތައް ވަކިވަކިން ސަރޗްކޮށް ކަރަންޓީން ކުރެވިފައިވާ ތަނެއްތޯ ބަލާލެވެއެވެ.
އެ ޕޭޖް މެދުވެރިކޮށް މާލެއިން ދަތުރުކޮށް ފުރަބަންދުގައި ތިއްބަވާ ފަރާތްތަކާއި، ބަލި ޖެހި ހޯމް އައިސޮލޭޝަންގައި ކަރަންޓީންވާ ފަރާތްތަކުގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ކަރަންޓީން ކުރެވޭ ފަރާތްތައްވެސް ފަސޭހަކަމާއެކު ބަލާލެވެން ހުންނާނެކަމަށް ޖަމިއްޔާގެ ރައީސް އިނާޒު މުޙައްމަދު މަޢުލޫމާތު ދެއްވައެވެ.
ތިނަދޫގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގިނަ ގެތަކެއްގައި މީހުން ކަރަންޓީން ކުރެވިފައިވުމާއެކު މިފަދަ ޚިދުމަތެއް އޮންލައިންކޮށް ލިބިގެން ދިއުމުން ގޭގައި ތިއްބަވައިގެން ސްމާރޓް ފޯނު މެދުވެރިކޮށް މެޕުން ބަލާލުމަށްފަހު، ޒިޔާރަތް ކުރެވޭނެ ގެތަކާއި ތަންތަން ފަސޭހައިން ބަލާލެވެން ހުރުން މިއީ އާންމުންނަށް ލިބިގެންދާނެ ލުއެއްކަމަށް ބެލެވެއެވެ. ކަރަންޓީން ކުރެވިފައިވާ ގެތައް އެނގި އެތަންތަނަށް ނުގޮސް ތިބުމަކީ ޑައިރެކްޓް ކޮންޓެކްޓްވާ މީހުން މަދުކޮށް ބަލި ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ތިނަދޫގައި މިފަހުން ފެނުނު ކޮވިޑްގެ 170 ކޭސްގެ ތެރެއިން 61 އިންސައްތަ މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހުންނެވެ.