English Edition
Dhivehi Edition

ޓެރަރިޒަމްގެ އިންޒާރެއް ރާއްޖެ އަށް ލިބިފައި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ. މިއަދު އާދަމް ޝަރީފް ވިދާޅުވީ އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަމުން އަންނަނީ ދުނިޔޭގެ އެކި އެއާޕޯޓުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާތައް ރާވަމުންދާތީ، ދުރާލައި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އިއްޔެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ސިފައިން ވަނީ ވެލާނާ އެއާޕޯޓުގައި ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި މި މަހުގެ 14 ވަނަ ދުވަހު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތައް 10 ދުވަސްޖަހާފައިވާއިރު މި މައްސަލައާ ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން ވަކި އެއްޗެއް ބުނަފެއް ނެތެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހެދި ދިރާސާއިން ދައްކާ ގޮތުގައި އައިއެސްއާ ގުޅިގެން މިހާތަނަށް 49 މީހަކު ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރާފަ އެވެ.