English Edition
Dhivehi Edition

ގއ ކަނޑުހުޅުދޫއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ގއ.ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގިއެ އޮޕަރޭޝަނުގައި ފެރީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރުކޮޅު ހޯދާފައިވެއެވެ.

އޭގެ އިތުރުން، ގދ. ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް 24 އަހަރުގެ މީހަކާއި 26 އަހަރު ދެ މީހުން ހައްޔަރު ކޮށްފައިވެއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

މީގެ އިތުރުން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައިވެސް ފުލުހުންވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ހޯދާފައެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުންކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގި މި އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަންއާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އަންނަނީ ތަހުޤީޤުކުރަމުންނެވެ.