English Edition
Dhivehi Edition

މި ދުވަސްކޮޅު ބޮލީވުޑްގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރަންބީރުކަޕޫރާ އި މާހިރާ ހާންގެ ލޯބީގެ ގުޅުމުގެ ވާހަކައެވެ. މި ދެތަރިން ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނަމުންދާއިރު އެންމެ ފަހުން ދެމީހުން އެކުގައި ޕެރިހުގައި ނަގާފައިވާ ފޮޓޯތަކެއް މިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. ރަންބީރު ކަޕޫރަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ގިނަ ތަރިންނާއެކު އެކު ދުވަސްވަރު ލޯބީގެ ގުޅުންތައް ބާއްވާފައިވާ މަޝްހޫރު ތަރިއެކެވެ. ދެން މިއޮތީ މާހިރާ ހާން ގެ ވާހަކައެވެ. މާހިރާ ހާން އަކީ ކާކު ހެއްޔެވެ؟

މާހިރާ ހާން އުފަންވެފައިވަނީ 21 ޑިސެމްބަރު 1984 ވަނަ އަހަރު ޕާކިސްތަނުގެ ކަރާޗީ އަށެވެ. މާހިރާގެ ކުޑައިރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ޕާކިސްތާނުގައެވެ. އުމުރުން 16 އަހަރުގައި މޮޑެލްކުރުމުގެ މަސައްކަތް ފަށާފައިވާ މާހިރާވަނީ އޭރު އެމް.ޓީވީ ގައި ވީޑިއޯ ޖާނަލިސްޓެއްގެ ވަޒީފާވެސް އަދާކޮށްފައެވެ. އުމުރުން 17 އަހަރުގައި މަތީ ތައުލީމު ހާސިލް ކުރުމަށްޓައި ލޮސް އެންޖަލީސްއަށް ބަދަލުވެފައިވާއިރު މާހިރާ ތައުލީމު ހާސިލްކޮށްފައިވަނީ ޔުނިވާސިޓީ އޮފް ސަދަން ކަލީފޯނި އާއިންނެވެ.ލޮސް އެންޖަލީސްގައި ކިޔަވަން އުޅުނު ދުވަސްވަރުވެސް މާހިރާ ވަނީ ކޭޝިއަރެއްގެ ވަޒީފާ އަދާކޮށްފައެވެ.

މާހިރާ ކިޔަވަން ޔޫ.އެން ގައި އުޅުނު ދުވަސްވަރު އެ ގައުމުން އަލީ އަސްކަރީ އާއި ދިމާވެ ދެމީހުންވަނީ ގިނަ ދުވަސްތަކެއްވަންދެން ރައްޓެހިވެގެން އުޅެފައެވެ. 2007 ވަނަ އަހަރު މާހިރާ ވަނީ އާއިލާގެ ނުރުހުމުގައި އަލީ އަސްކަރީ އާއި ކައިވެނިކޮށްފައެވެ. ކައިވެންޏަށް 08 އަހަރުވިއިރު ދެމީހުން ދޭތެރޭގައި ޖެހެމުންދިޔަ މައްސަލަތަކުގެ ސަބަބުން ދެމީހުން ދުރުވާން ނިންމާފައިވާއިރު މި ކައިވެންޏަށް މާހިރާއަށްވަނީ ފިރިހެންކުއްޖަކު ލިބިފައެވެ. އަލީ އަސްކަރީ ކައިރިން ވަރިވުމަށްފަހު ދަރިފުޅު އަޒްލާންގެ ހުރިހާ ޒިންމާއެއް އުފުލަމުން އައި މާހިރާ ބުނެފައިވަނީ އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ދަރިފުޅަށްޓަކައި ކަމުގައެވެ. އަދި އަބަދުވެސް ދަރިފުޅަށް ވަގުތު ދިނުމަށްޓަކައި ޓީވީގައި މަސައްކަތްކުރަމުންދަނީ ވަރަށް މަދުވަގުތަކު ކަމަށް މާހިރާވަނީ ބުނެފައެވެ

ބޮލީވުޑްގައި މާހިރާއަށް މާގިނަ ކާމިޔާބީއެއް ލިބިފައި ނެތްނަމަވެސް އޭނާވަނީ ޕާކިސްތާނުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. އެމް.ޓީވީ އިން ދައްކާފައިވާ ގިނަ ރިއަލިޓީ ޝޯތަކެއް މާހިރާ ހުށަހަޅާފައިވާއިރު އޭނާގެ މަގުބޫލު ޝޯތަކުގެ ތެރޭގައި ވީކް އެންޑްސް ވިތް މާހިރާ އާއި މޯސްޓް ވޮންޓެޑް އަކީ ފާހަގަކޮށްލެވޭ ޝޯތަކެވެ. މާހިރާގެ ފިލްމީ މަސައްކަތްތައް ފެށިފައިވަނީ 2011 ވަނަ އަހަރު އޭނާ ކުޅުނު އުރުދޫ ފިލްމު ބޯލް އިންނެވެ. އެ ފިލްމުގައި ކުޑަ ރޯލެއް ކުޅުނު ކަމުގައިވިޔަސް އެ ފިލްމުގައި މާހިރާ ކުޅުނު ރޯލަށް ގިނަ ބަޔަކުވަނީ ތައުރީފުކޮށްފައެވެ.

އިންޑިއާގެ ޒިންދަގީ ޗެނަލް އިން މާހރާ އާއި ފަވާދު ހާން ކުޅުނު ޓީވީ ސިލްސިލާ ‘ހަމްސަފަރް’ ދައްކަން ފެށުމާއެކު އިންޑިއާގެ ގިނަ ބައެއްގެ ލޯބި މާހިރާއަށް ވަނީ ލިބިފައެވެ. މާހިރާ ގެ ހުނަރުވެރިކަމުގެ ސަބަބުން ޝާހުރުކް ހާނުގެ ރައީސް ކުޅުމުގެ ފުރުސަތު މާހިރާއަށް ލިބިގެން ދިޔައެވެ. ފިލްމުގައި ކުޑަ ރޯލެއް މާހިރާ ކުޅުނު ކަމުގައިވިޔަސް އެ ފިލްމުގެ ‘ޒާލިމް’ މި ލަވައިން މާހިރާގެ ހުނަރު ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ބޮލީވުޑްގައި މާހިރާއަށް ރަގަޅަށް ފައިހަމަކޮށްލާނެ ފުރުސަތެއް ނުލިބެނީސް މޮޅު ބަތަލާއަކަށްވުމަށް ދެކެމުން އައި ހުވަފެންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ދާހިލީ މައްސަލަތަކުގެ ސަބަބުން ޕާކިސްތާނުގެ ބަތަލާއިން އިންޑިއާއިން ޑީޕޯޓްކޮށްފައިވާއިރު، މާހިރާއަށް ވަނީ ރައީސް ޕްރޮމޯޓްކުރުމުގެ ފުރުސަތުވެސް ގެއްލިފައެވެ.

2012 ވަނަ އަހަރު ޕާކިސްތާނުގެ އެންމެ ރީތި އަންހެނާގެ މަގާމު ހޯދާފައިވާ މާހިރާ އިންޑިއާ އިން ޑިޕޯޓްކޮށްފައިވީ ނަމަވެސް އޭނާ އާއި ބޮލީވުޑާއި އޮށް ގުޅުން އަދިވެސް ކެޑިފައެއް ނުވެއެވެ. އޭނާގެ ރީތިކަމާއި މޮޅު ހުނަރުގެ ސަބަބުން އިންޑިއާ މީހުންގެ ހިތުން އޭނާއަށް ލިބިފައިވާ ލޯބި ފަޑުވެފައި ނުވާއިރު މާހިރާ މިވަނީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމުގައިވާ ކަޕޫރު އާއިލާގެ މެމްބަރުންގެ ހިތްވެސް އަތުލާފައެވެ.

.