English Edition
Dhivehi Edition

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދެބެސްޓްފްރެންޑަށް ވެދާނޭތޯ! މިސުވާލު ކުރާ ހިސާބުން ދެން ފެށިގެން ދާނީ ހޫނު ބަހުސެއްކަން ޔަޤީނެވެ. މިލިޔުން ވެގެންދާނީ މިބަހުސްގައި އަދަމުންދާ އަލިފާނަށް ދަރު އެޅުމަށެވެ. މިލިޔުމުގައި މިބަލާލަނީ އެންމެ ގާތް އެކުވެރިޔާ ލޯބިވެރިޔާއަށް ބަދަލުވެގެންދާ ގޮތަށެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު ދެބެސްޓްފްރެންޑްގެ ގޮތުގައި ނުތިބެވޭނެކަން މިލިޔުމުން ހެކި ލިބިގެންދާނެއެވެ.

އެގޮތުން ބަލާއިރު އެކުވެރިޔާގެ ސަބަބުން ރައްޓެހިވެގެން އުޅޭ ކުއްޖާއާ މައްސަލަޖެހުމާއި، ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް އެކުވެރިޔާއާ ހިއްސާކޮށް ހެދުމުން ހިތުގައި ހަމްދަރުދީއާއި ކުލުނު އުފެދި ދާދި އަވަހަށް އެއިހުސާސްތައް ލޯތްބަށް ބަދަލުވެގެންދާތަން ފެންނަނީ މަދެއްކޮށް ނޫނެވެ.

ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު ނުވަތަ މީހަކާ އިދެގެން އުޅޭއިރު ތިމާ ލޯބިވާ މީހަކު ނުވަތަ އަނބިމީހާ/ފިރިމީހާ އަނެކާއާއެކު ގިނަ ވަގުތު ހޭދަކޮށް އަނެކާއަށް ގިނަ އެއްޗެހި ހިއްސާކޮށް އުޅޭތަން ބަލަން ކެތްވާނީ ފަހެ ކާކަށް ހެއްޔެވެ. އެހިސާބުން ދެން އަރަން ފަށާނީ ޝައްކުގެ ދުންތަކެވެ. އަލިފާން ނެތީސް ދުން ނާރާނެ ކަމަށް އަނެކާއަށް ޤަބޫލުކުރެވެން ފަށައެވެ. ބައިވެރިޔާއާ މައްސަލަ ޖެހި ރުޅިވުމުންވެސް އެވާހަކަތައް ހިއްސާ މިކުރެވެނީ އެއްކަލަ “ބެސްޓްފްރެންޑް” އާއެވެ. އޭގެ ނަތީޖާއަށް ވެގެންދަނީ ހިތުގައި އިޝްޤީ ލޯބި އުފެދުމެވެ.

އަންހެނަކާއި ފިރިހެނަކު އެކުގައި އުޅެން ފެށުމުން އަޅުވައިކިޔުންވެސް އިތުރުވެގެންދެއެވެ. ދުވަހަކު އެދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ނެތަސް އެދެމީހުން އުޅެނީ ލޯބިވެގެންނޭ ކިޔާ އަޑުފަތުރައެވެ. ސަބަބަކަށް ވަނީ އެއްވެސް ޖެހިލުމެއްނެތި ހުރިހާ ވާހަކައެއް ހިއްސާ ކުރުމާއި އެކުގައި ތަންތަނަށް ދާތަން އަދި ކޮފީތަކުން އެކުގައި ފެންނާތީއެވެ. މީހަކާ އިދެގެން އުޅުނަސް އަދި ކުއްޖަކާ ރައްޓެހިވެގެން އުޅުނަސް ގިނަ ފަހަރަށް ކޮފީތަކަށްވެސް މިދެވެނީ ބެސްޓްފްރެންޑާއެކުގައެވެ. ހީސަމާސާކޮށް އެކުގައި އުޅޭއިރު މަންޒަރު ފެންނަ މީހުންނަށް އަބަދުވެސް ހީވެފައި އޮންނާނީ އެދެމީހުން އުޅެނީ ރައްތެހިވެގެން ކަމަށެވެ. މިގޮތަށް އެކުގައި ގިނަ ވަގުތު ހޭދަކޮށް އަޅާލުމާއި ލޯބި ލިބެންފެށުމުން އަނެކާގެ ހިތުގައި އޮންނަ އެކުވެރިކަން ލޯތްބަށް ބަދަލުވެއެވެ. ބައެއްފަހަރު ދެމީހުންގެ މިގުޅުން އިޝްޤީ ލޯތްބަށް ބަދަލުވެ ކައިވެންޏާ ހަމައަށްވެސް ދާތަން ފެނެއެވެ.

މިއީ ލޯ ކުރިމަތިން ފެންނަން އޮތް ހަޤީޤަތެކެވެ. ބައެއް ހާލަތްތަކުގައި އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވުމާއި ގުޅިގެން މުޅި އުމުރަށްވެސް އެދެމީހުންގެ ގުޅުން ކެނޑިގެންދެއެވެ.

އަދި އެދެމީހުންނަކީ މީހުންނާ އިނދެގެން ދިރިއުޅެއް ފަށައިގެން އުޅޭ ބަޔެއް ނަމަ އަނބިމީހާ ނުވަތަ ފިރިމީހާގެ ހުންނަ ރަނގަޅު ސިފަތަކުގެ އިތުރުން ގޯސް ސިފަތަކުގެ ވާހަކަވެސް މިދައްކަނީ އެއްކަލަ ބެސްޓްފްރެންޑް ކައިރީގައެވެ. އެއްވެސް މީހެއްގެ ހިތެއް ބުނާކަށް ނޭގޭނެއެވެ. ގިނަފަހަރަށް އެންމެ ކައިރީގައި އުޅޭ އެކުވެރިޔާ ގަސްދުގައިވެސް ތިމާގެ ދިރިއުޅުން ބަރުބާދުކޮށްލައެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ހާމަވެގެންދާ ކަމަކީ އެންމެ ގާތް އެކުވެރިޔާގެ މަޤާމަށް އިދިކޮޅު ޖިންސުގެ މީހަކު ގެނައުމުން، ކަންނިމޭއިރު އޮންނާނީ އެދެމެދުގައި ލޯބި އުފެދިފައި ކަމެވެ. ތާއަބަދު ދެއެކުވެރިންގެ ގޮތުގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ނުތިބޭނެ ކަމެވެ.

 

1 ކޮމެންޓް
Ibrahim6684
ޖޫން 5, 2021
Dheenee ilmveri akaa thi maulooga oi suvaalu kollabaa