English Edition
Dhivehi Edition
އާކައުންސިލު ބައްދަލުވުން/ފޮޓޯއައްޑޫ ކައުންސިލް އިދާރާ

މެއި 17 ވަނަ ދުވަހު އައްޑޫސިޓީގެ އާ ކައުންސިލް ހުވާ ކުރުމުގެ ތާރީޚީ އިޚްތިފާލަށްފަހު ޖެހިގެންއައި ދުވަހަކީ ކައުންސިލުން އެބޭފުޅުންގެ ރަސްމީ މަސައްކަތާއި ޙަވާލުވި ދުވަހެވެ. މަސައްކަތް ފެއްޓެވިތާ 24 ގަޑިއިރުވެސް ހަމަނުވަނީސް އިއްޔެ މެންދުރުފަހު އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓި މޭޔަރ މުޙައްމަދު ޝުޢާއު ވެސް ހިމެނޭހެން ހުރިހާ ކައުންސިލަރުންވަނީ ނޫސްވެރިންނާއި ބައްދަލުކޮށް މިވަގުތު އައްޑޫސިޓީގެ ޙާލަތު އޮތްގޮތާއި ހުރި ކަންބޮޑުވުންތަކާއި އާކައުންސިލުން އިސްކަންދޭ ކަންތައްތަކާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

އޮންލައިންކޮށް ވަގުތުން ކުރިއަށްދިޔަ އެބައްދަލުވުމުގައި ކައުންސިލްގެ ބެލުމުގެ ދަށުން ސަރުކާރުން އައްޑޫގެ ތަރައްޤީއަށްޓަކައި ޕްލޭން ކުރެވިފައިވާ ކަންތައްތަކާއި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް ހާމަކުރެއްވިއިރު އެންމެ އިސްކަމެއް މިވަގުތަށް ދޭން ނިންމާފައިވަނީ ކޮވިޑްގެ ޙާލަތުން އަރައިގަތުމަށްކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރ ޢަލީ ނިޒާރު/ ފޮޓޯ އައްޑޫސިޓީ ކައުންސިލް

ރާއްޖެއަށް ކޮވިޑްގެ ވަބާ އައީއްސުރެން ފެށިގެން އައްޑޫސިޓީގައި މިބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް 3 ވަނަ ދައުރުގެ ކައުންސިލާއި އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި އެސްއެސްޑީތަކާއި އެހެނިހެން މުވައްސަސާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއެއްގެ ގޮތުން ކޮމިއުނިޓި ސްޕްރެޑެއްނެތި އާބާދީ ބޮޑު އައްޑޫސިޓީ ދިގު މުއްދަތެއް ހޭދަކޮށްފައިވިޔަސް މިއަދު އާ ކައުންސިލް ހުވާ ކުރިއިރު ކަންކަން މިވަނީ ބަދަލުވެފައެވެ.

މިއަދު މުޅި ރާއްޖޭގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އައްޑޫސިޓީވެސް މިވަނީ ބޭނުންވެފައެވެ. މޭޔަރ ގެ ވާހަކައިން އެންމެ ބޮޑަށް ދޭހަވި ކަމަކީ ވެސް އައްޑޫގެ ޙާލަތު ހީނުކުރާހާ ގޯސްވެފައިވާކަމެވެ. 118 އެކްޓިވް ކޭސް މިވަގުތު އޮތް އިރު މިހުރިހާ އެންމެންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 300 ނުވަތަ 400 މީހުން ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު މިއެންމެން ހޯދުން އެއީ ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

 

މާމެންދޫ ދާއިރާގެ ކައުންސިލަރ

މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ޢަދާލާ ރަޝީދު

މިބައްދަލުވުމުގައި އެހެން ބައެއް ކައުންސިލަރުންވެސް ވަނީ އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބޭފަދަ މުހިއްމު މެސެޖްތަކެއް ފޯރުކޮށްދެއްވާފައެވެ. އެގޮތުން މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ޢަދާލާ ރަޝީދު ވިދާޅުވީ މަގުބައްތި ނެތުމުގެ ސަބަބުން ރޭނގަޑު މަގުތައް އަނދިރިކަން ފާހަގަކުރެއްވޭ ކަމަށާއި އެކަން ޙައްލު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އޭގެ އިތުރުން ފްލެޓް ޢާއިލާތަކުގެ ކަންބޮޑުވުން ވެސް ކައުންސިލާއި ޙިއްސާކޮށްގެން އެދެވޭ ޙައްލެއްހޯދުމަށް މަސައްކަތް ފެއްޓެވިކަމަށާއި ފަތާ ޓްރެކް ސަރަޙައްދުގައި ހުރި މައްސަލަތަށްވެސް ވަރަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރ

މާދެލަ ދާއިރާގެ ކައުންސިލަރ މުޙައްމަދު ފައިސަލް

މިބައްދަލުވުމުގައި ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރ މުޙައްމަދު ފައިސަލް ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލަ އެދާއިރާގައި ވަރަށް ބޮޑު ކަމަށާއި މުޅި އައްޑޫސިޓީއަށްވެސް މިމައްސަލަ ކުރިމަތިވެފައިވާތީ އާކައުންސިލުން މިކަމަށް ޙައްލު ހޯދައިދިނުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން އައްޑޫސިޓީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީން ކަން ފައިސަލް ވަނީ ރައްޔިތުން ނަށް އަރުއްވާފައެވެ.

ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރ

ރަސްގެދަރަ ދާއިރާގެ ކައުންސިލަރ ޙުސެއިން ޒަރީރު

މިބައްދަލުވުމުގައި ރަސްގެދަރަ ދާއިރާގެ ކައުންސިލަރ ޙުސެއިން ޒަރީރު ވެސް ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކާގައި ހުވާ ކުރުމުގެ ކުރިން ފެށިގެން މިއަދާ ހަމަޔަށްވެސް މެދުނުކެނޑި ލިބެމުން އަންނަ ޝަކުވާ ތަކުގެ ތެރޭގައި އައްޑޫގެ ސިއްޙީ ޙާލަތާއި އީއޯސީ އަދި އެސްއެސް ޑީ އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ވާހަކަ އަޑުއިވޭ ކަމަށާއި މިކަންކަން ޙައްލުކޮށް ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަތުމުގައި ވެސް ފުރަތަމަ ކަމަކަށް ކޮވިޑްގެ ޙާލަތު ރަނގަޅުވުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ

މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދު

އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން މަގުތަކުގެ މައްސަލައާއި މަދިރި، ރޭލުފަނި ފަދަ ދިރޭ ތަކެތީގެ އުނދަގޫ ތަކާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ފެންބޮޑުވުންފަދަ އެތައް އެތައް މައްސަލައެއް ފުނިޖެހިފައިވާ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އޭނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި ، ވަޢުދު ތަކާއި ތަރައްޤީއަކީ ޔަޤީން ކަމެއް ކަމަށާއި އެހެންނަމަވެސް ކެތްތެރިކަމާއެކު މިވަގުތު ކުރިމަތިވެފައިމިވާ ޙާލަތުން އަރައިގަތުމުގައި މޫލެކެޑެ ދާއިރާގެ ރައްޔިތުންނާއި ޖުމްލަ ގޮތެއްގައި މުޅިސިޓީގެ ހުރިހާ ރައްޔިތުން މިކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ހުޅުދޫ ކައުންސިލަރ

ހުޅުދޫ ކައުންސިލަރ ޙުސެއިން ފައިޒު ރަޙްމާން

އައްޑޫސިޓީގެ ގުޅިފައިވާ 4 ރަށާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ރައްޔިތުން އާ ކައުންސިލާއި މެދު ކުރާ އުއްމީދުތަކަށް އެދެ ރަށުގެ ކައުންސިލަރުންވެސް ވަނީ ޖަވާބުދާރީވެފައެވެ. ހުޅުދޫ ކައުންސިލަރ ޙުސެއިން ފައިޒު ރަޙްމާން ވަނީ އެރަށުގައި ކޮވިޑް ފެތުރިފައިވާ މިންވަރުގެ ބޮޑުކަން ހާމަކުރައްވަމުން އެދަރަޖައަށް ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި އެކަމުން އަރައިގަތުމަށް މިހާރުން މިހާރަށްވެސް އެޅެންހުރި ފިޔަވަޅުތަކާއިގެން ކުރިއަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ފައިޒު ވަނީ އޭނާ އިއްޔެ އޮފީހަށް ވަޑައިގަތުމުން އެއޮފީހަށް އައިސްފައިވާ ކުރިއެރުމާއި ވަސީލަތްތަކުގެ ގިނަކަން ވަޒަން ކުރެއްވުނުކަން ހާމަކުރައްވަމުން އެއީ 3 ވަނަ ދައުރުގެ ކައުންސިލަރ ގެ މިންނެއް މަސައްކަތް ކަމަށާއި އޭގެއިތުރުންވެސް މުޅި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ކުރީގެ ކައުންސިލަރ ޝުކުރީ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީދޫ ކައުންސިލަރ

މީދޫ ކައުންސިލަރ އާމިނަތު ޞާލިޙާ

މީދޫ ކައުންސިލަރ އާމިނަތު ޞާލިޙާވެސް ވަނީ އެރަށުގައި ހުރި ކަންބޮޑުވުންތައް ހާމަ ކުރައްވާފައެވެ. ކޮވިޑް ގެ މިހާރުގެ ފުރަތަމަ ކޭސްވެސް ނިއުލައިން ބޯޓުން ފެނުނުކަން ފާހަގަ ކުރައްވަމުން މިކަމާ ގުޅިގެން 2 ރަށުގެ ކައުންސިލްގެ މަޝްވަރާގެ މަތިން ބޯޓުފަހަރު ބަނދަރުކޮށް ލަފާފުރުމުގައި މެދުބަނދަރު އެކަނި ބޭނުން ކުރުމަށް ނިންމެވިކަން އޭނާ ހާމަކުރެއްވިއެވެ. އޭގެ އިތުރުން އެސްއެސްޑީތަކަށް ބޭނުންވާ ވަސީލަތްތަކާއި ރިސޯސްތައް ހޯދައި ދިނުމަށް ބުރަ މަސައްކަތްތަކެއް ފެއްޓެވިކަން ހާމަ ކުރައްވަމުން ޞާލިހާ ވިދާޅުވީ އޭނާ އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ރަށުގައި މިފަދަ އެއްވެސް ވަސީލަތެއްނެތްކަމުގެ އިޙްސާސްކުރެވޭތީ ކަމަށެވެ. ބޭސްފަރުވާގެ ވަސީލަތުންވެސް މަޙުރޫމްވެފައިވާ ތީ ރަށުގައި ތިބެގެން ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް އެކަންކަން ފަހިކޮށްދިނުމުގައި ދެގޮތެއްނުވެ މަސައްކަތް ކުރައްވާނެ ކަމަށް ޞާލިޙާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަލަށް އާބާދުވި ސަރަހައްދުގައި މަގުބައްތި ޖެހުމާއި ދަނޑުވެރި ސަރަޙައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމާއި ފެންބޮޑުވުމުން ސަލާމަތްވުމަށް 5 ސަރަޙައްދަކުން ފެން ބޭރުވާނެ ނިޒާމެއް ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ވެސް ކުރަންހުރި ކަންކަން ގިނަވެފައި ވަގުތު ސަލާމަތް ކުރުމުގެ ގޮތުން މި ޕްރެސް ކޮންފަރެންސް ގައި އެހެން ބައެއް ދާއިރާތަކުގެ ކައުންސިލަރުން ގެ އަޑު ނީވުނުކަމުގައިވިޔަސް ޖުމްލަ ގޮތެއްގައި ހުރިހާ ކައުންސިލަރުންވެސް ތިބީ އެއްރޫޙެއްގައި އެކައްޗެއް ކިޔަގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޚިދުމަތް ކުރުމަށް ކަމަރު ބަދެގެންކަން މޭޔަރ އާއި ޑެޕިއުޓި މޭޔަރ ގެ ވާހަކައިން ދޭހަވެގެން ދިޔައެވެ.

މިކަންކަމަށް ބަލާއިރު އައްޑޫސިޓީގެ އާ ކައުންސިލްގެ ޙަރަކާތްތެރިކަން ފުރަތަމަ 24 ގަޑިއިރު ވަޒަން ކުރެވިއްޖެއެވެ. ދެންއޮތީ ބާކީ އޮތް 4 އަހަރާއި 11 މަހާއި 29 ދުވަހު ކަން ހިނގާނެ ގޮތް ބަލަން ތިބުމެވެ. ރައްޔިތުންގެ އުއްމީދު ތަކުގައި ޙަގީގީ ކުލަ ޖެހިގެން ދާނެ ދައުރަކަށް 4 ވަނަ ކައުންސިލް ހެދުންއޮތީ ތިޔަ ކައުންސިލަރުންގެ އަތްޕުޅުމަތީގައެވެ.

1 ކޮމެންޓް
އުއްމީދު
މެއި 19, 2021
އަލައް ހޮވިވަޑަގަތް މޭޔަރަކީ ސީދާ ރައްޔަތުން ހޮވި ބޭފުޅައް. ކުރިން ތިބިމީހުން ކަމައް ކެޑަސް ނިކެޑަސް ބެލޭކައް ނިއޮވެއި. ބެނާނެއި ކަމައް ވީފެހޭ މަގޭ ހިއްސާ އޮންނަށިޔައު، މިކޯ މިއޮއް ކައުންސިލެ ތަޢުލީމީ ބޭފުޅުން ތެބެފެނެއި. ދެން އަފިރިން މިތިބީ ނަތީޖާއި އިންތިޒާރެ މޭޔަރ ނިޒާރު.