English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 22 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާކަން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިއީ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން ވެސް ތިނަދޫއިން އެންމެ ގިނަ އަދަދަކަށް މީހުން ބައްޔަށް ފައްސިވި ދުވަހެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 22 މީހުން ފައްސިވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 78 އަށް އަރާފައެވެ. މިވަގުތު އެކަކަށް ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ފައްސިވެފައިވާ 22 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 18 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 04 މީހެއް ހިމެނެއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 116 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 62 (53 އިންސައްތަ) މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 28 (24 އިންސައްތަ) މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު 15 (13 އިންސައްތަ) މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 11 (09 އިންސައްތަ) މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،728 ސާމްޕަލް ނަގާފައިވެއެވެ. މީގެތެރެއިން ނަތީއްޖާ ނުލިބި 209 ސާމްޕަލެއް ވެއެވެ. އަދި ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 36 ސާމްޕަލް ނަގާފައިވެއެވެ.

ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނު 413 މީހުން 191 ގެއެއްގައި ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 18 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެއެކެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް މޮނިޓަރިންގ އަށް ލީފަހުން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި 38 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިވަގުތު ގދ. އަތޮޅުގެ ތިނަދޫގެ އިތުރުން ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން 02 މީހުންނާއި ގދ. މަޑަވެލިން އެކަކާއި ގދ. ވާދޫއިން އެކަކު ބައްޔަށް ފައްސިވެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.