އިންޑިއާގެ ހޮސްޕިޓަލެއްގައި ކޮވިޑްބައްޔަށް ފަރުވާ ހޯދަމުން ދިޔަ ހިތްވަރުގަދަ ޒުވާން އަންހެން ކުއްޖާ މަރުވެއްޖެއެވެ.
އުމުރުން އެންމެ 30 އަހަރުގެ ޒުވާނާ ގިނަމީހުންނަށް އެނގިފައިވަނީ، އިންޑިއާގެ މަޝްހޫރު ފޮޓޯގްރަޕަރ ވިރަލް ބަޔާނީ އޭނަގެ އިންސްޓަގްރާމްގައި އެޒުވާނާގެ ހާލަތު ގެނެސްދިނުމުންނެވެ.
ވިރަލް އިންސްޓަގްރަމްގައި ހިއްސާކޮށްފައިވާ ވިޑިއޯގައި ބުނެފައިވަނީ އެކުއްޖާއަށް ހޮސްޕިޓަލްގެ އައިސީޔޫ އިން އެނދެއް ނުލިބޭކަމަށާއި ނަމަވެސް ޑޮކްޓަރުގެ ހުއްދައާއެކު އެކުއްޖާ ފޯނުން ލަވަ އަޑުއަހައިގެން ހޮސްޕިޓަލް ވޯޑްގެ އެނދުގައި އިށީނދެ އިނދެ ނަށަމުން ދިޔައީ ހިތްވަރާ އެކު ކަމަށެވެ. ވީޑިއޯ އިންފެންނަނީ އެ ޒުވާނާ ހޮސްޕިޓަލްގެ އާދައިގެ ވޯޑެއްގައި އޮކްސިޖަން އާއި އެކު ވަގުތީ ފަރުވާ ހޯދަމުން ގެންދާ މަންޒަރެވެ.
ހިތްވަރުގަދަ އެޒުވާނާގެ ހާލަތު ގޯސްވެ ވެންޓިލޭޓަރަށް ނުލެވި އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް އިންޑިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ޓްވިޓާގައި ބުނެފައި ވެއެވެ. މި ޒުވާނާ އަކީ ކާކުކަމާއި އިންޑިއާގެ ކޮން ހިސާބެއްގައި ހިނގާފައިވާ ހާދިސާއެއްކަން ސާފެއް ނުވެއެވެ.
މި ޒުވާނާ މަރުވުމާއެކު ބޮލީވުޑްގެ ގިނަ ތަރިން ހިމެނޭހެން އޭނާގެ އާއިލާ އަށް ދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ. އަދި އޭނާގެ ހިތްވަރުގަދަކަމަށް ސާބަސްދެމުން މެސްޖެތައް ފޮނުވަމުންނެވެ.
ކޮވިޑްބަލީގައި މުޅި އިންޑިއާގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ނުލިބުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތައްބަޔަކުދަނީ މަރުވަމުންނެވެ.