English Edition
Dhivehi Edition
ފޮޓޯ: ރަތަފަންދޫ ސްޕޯޓްސް

ގދ ރަތަފަންދޫގެ ދަރުމަވެރި ޖަމްއިއްޔައެއް ކަމުގައިވާ ރަތަފަންދޫ ސްޕޯޓްސްއިން އިސްނަގައިގެން މި ހިނގާ އޭޕްރީލްމަހު 25 އިން ފެށިގެން ކުރިޔަށްދާ “ރަމަޟާން ކަޕް 2021” ފޯރިޔާއެކު އެރަށުގައި ކުރިޔަށް އެބަދެއެވެ.

ވޭތުވެދިޔަ 2 އަހަރުގެ ރޯދަމަހުގައިވެސް ރަތަފަންދޫ ސްޕޯޓްސް އިން އިސްނަގައިގެން މިފަދަ 2 މުބާރާތް ބޭއްވާފައިވެއެވެ. ރަތަފަންދޫ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި “ރައިޑާސް އެފްސީ” “ޓީމް ހިޝާމް” “ފަހިމަގު އެފްސީ” އަދި “އެފްސީ ސްޓްރީޓް” ހިމެނޭހެން ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވާއިރު މެޗުތައް ކުޅެމުންދަނީ ލީގް އުސޫލުންނެވެ.

މި މުބާރާތުގެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. ބައްދަލު ކުރާނީ “އެފްސީ ސްޓްރީޓް” އަދި “ޓީމް ހިޝާމް” އެވެ. ރަމްޟާން މަހު ރޭގަނޑު ކުޅެމުން އަންނަ މި މުބާރާތުގެ ފައިނަލް މެޗް އަންނަ މޭ މަހު 2 ވަނަ ދުވަހުގެރޭ 9:30 ގައި ރަތަފަންދޫ ފުޓްސަލްދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިންލް މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ހުރިހާ މެޗެއްގެ ކުޅުން ނިމޭއިރު ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައި އޮންނަ 2 ޓީމެވެ.

މުބާރާތުގެ އެކި ވަނަތަކަށް ފައިސާގެ އިނާމް ހުށަހެޅިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 1000ރުފިޔާ، ރަނަރަޕް ޓީމަށް500ރުފިޔާ، ޓޮޕް ސްކޯރަރ އަށް 200ރުފިޔާ އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ކޮންމެ ކުޅުންތެރިޔަކަށް 100ރުފިޔާގެ އިނާމް ރަތަފަންދޫ ސްޕޯޓްސް އިން ވަނީ ހުށަހަޅާފައެވެ.