English Edition
Dhivehi Edition
މަޢުރިފަތަކީ ނުވަތަ އިނގިރޭސި ބަހުން ނަމަ ރިއަލައިޒޭޝަނަކީ ކޮބައިތޯއެވެ؟ މަޢުރިފަތަކީ ﷲ ގެ ނިސްބަތުގައި ތިމާގެ ބަލިކަށިކަން އިންސާނާއަށް ގަބޫލު ކުރެވުމެވެ. ﷲ އަކީ ހުރިހައި ބާރެއްގެ ވެރި ކަލާނގެ ކަމާއި، ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއްކަން ޔަގީން ވުމެވެ. މި ޔަގީންކަން ހިތުގެ އެންމެ ފުން މިނަށް ވާސިލުވެ، އިންސާނާގެ މުޅި ނަފްސިއްޔާތަށް އަސަރު ކުރަން ފެށުމަކީ މަޢުރިފަތެވެ.

މީހަކު އޭނާގެ ދަިރިފުޅަށް ލިޔާ ސިޓީއެއްގައި ދަރިފުޅާ މުޚާޠަބްކޮށް ލިޔެއެވެ. “ބައްޕަގެ ހިތުގެ އެންމެ ފުނަށް އަލިކުރާ ހަނދާއެވެ!” މި ޢިބާރާތުގެ މަފްހޫމް ﷲ އަށް ނިސްބަތްކޮށް ބުނެވޭ ގޮތް ވުމަކީ މަޢުރިފަތެވެ.

މިސާލަކަށް ކީރިތި ޤުރްއާން މުޠާލިޢާ ކުރައްވަމުން ގެންދަވާއިރު މި ދަންނަވާ މާނަ ހިމެނޭ އާޔަތް ފެނިވަޑައިގަންނަވާނެއެވެ. މިއީ ލުޤްމާން ސޫރަތުގެ 27 ވަނަ އާޔަތެވެ. “އަދި ހަމަ ކަށަވަރުން، ބިމުގައި ވާހައި ގަސްގަހާގެއްސަކީ، ގަލަންތަކެއް ކަމުގައި ވެފައި، އަދި ކަނޑު (ދެލި ކަމުގައި ވެފައި) އޭގެ ފަހަށް ހަތް ކަނޑު އެޔާ އެކު ވިޔަސް، ﷲ ގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެއެވެ.” މި އާޔަތް ކިޔައިލުމާއެކު ހިތުގައި ޖަޒުބާތުގެ ޠޫފާނެއް އުފެދިގަންނާނެއެވެ. ހިތަށް އަރާނެއެވެ. ﷲ އަކީ ކުޅަދުންވަންތަކަމުގެ އިންތިހާ އެވެ. އިންސާނާއަކީ ބަލިކަށިކަމުގެ އިންތިހާއެވެ. މި އިޙްސާސް ކުރެވުނީމާ ލޮލުން ކަރުނަ ހިލޭނެއެވެ. އަދި ބޭއިޚްތިޔާރުގައި ބުނެވޭނެއެވެ. އޭ ﷲ އެވެ. އިބަ ރަސްކަލާނގެ އަކީ ކަލިމަފުޅުތައް ލިޔެ ހުސްނުވާ ކުޅަދުންވަންތަ، ޖައްބާރުވަންތަ ކަލާނގެއެވެ. އިންސާނާއަކީ އާރެއް ބާރެއް ނެތް ނިކަމެތި މަޚްލޫޤެކެވެ.

މިއީ އިންސާނަކަށް ދުނިޔޭގައި ހޯދައިގަނެވޭނޭ އެންމެ ފުރިހަމަ ހޯދައިގަތުމެވެ. މި ހޯދައިގަތުމުގެ ސަބަބުން އިންސާާނާ އޭނާގެ ހައިސިއްޔަތުގެ ރޮނގު ކުރަހައިލައެވެ. މި ރޮނގުގެ އެންމެ ކުރީގައި ވޮޑިގެން ވަނީ ﷲ އެވެ. އެންމެ ތިރީގައި ނުވަތަ އެންމެ ފުލުގައި ހުންނަނީ އިންސާނާއެވެ. އިންސާނާގެ ހިތަށް ވެރިވާ މި ޝުޢޫރަކީ ހަމަ އެކަނި އިންސާނާ ތަޖްރިބާ ކުރާ ކަމެކެވެ. އެހެން އެއްވެސް މަޚްލޫޤަކު ކުރާ ތަޖްރިބާއެއް ނޫނެވެ. މިއީ އަޅަކަށް ކުރެވޭނޭ އެންމެ މަތިވެރި ތަޖްރިބާއެވެ. ﷲ ހެއްދެވި އެންމެހައި މަޚްލޫޤުން އިންސާނާގެ މައްޗަށް ހަސަދަވެރި ވާފަދަ މަތިވެރި ތަޖްރިބާއެކެވެ. މި މަތިވެރި ތަޖްރިބާއަށް ކިޔާ ނަމަކީ މަޢުރިފަތެވެ. މި މަތިވެރި މަޢުރިފަތުގެ ޝަރަފު ހާސިލު ކުރެވެނީ ހަމައެކަނި އިންސާނާއަށެވެ.