English Edition
Dhivehi Edition

މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް) ގެ ފަރާތުން އިސްރައްވެހިންގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހ.އެއްގަމުގޭގައި ބޭއްވި މި ބައްދަލުވުމުގައި އިސްރައްވެހިންގެ 60 އަށް ވުރެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ހަވީރަކީ އުމުރުން ދުވަސްވެފައި ތަންތަނަށް ނުދެވި ގޭގައި ތިބޭ މީހުންނަށް އެ އުމުރުގެ އެހެން ރަޙްމަތްތެރިންނާއި ބައްދަލުކޮށް އުފާވެރިމާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެމްއެސްޖީއެފް ގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނީ މިއީ ކުރުމަށް ވަރަށް ރަނގަޅު ކަމެއް ކަމަށާއި މި ޕްރޮގްރާމުގެ ސަބަބުން ވަކި ގަޑިއަކަށް ތައްޔާރުވެގެން ބޭރަށް ދެވުމުންނާއި ސިޑިން ނުފައިބާ މަތީގައި ތިބޭތާ ގިނަ ދުވަސްތަކަކަށް ފަހު މިކަހަލަ ކަމަކަށް ދާން ތައްޔާރުވެގެން ތިރިއަށް ފައިބާ މިތަނަށް އާދެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ބައެއް މީހުން ބުނި ގޮތުގައިކުޑައިރުގެ ސްކޫލް ދައުރުގެ ރަޙްމަތްތެރިންނާއި 45 އަހަރަށް ވުރެ ގިނަ އަހަރު ވެފައިވަނިކޮށް ބައްދަލުކުރުމުގެ ފުރުސަތުގެ ޕްރޮގްރާމުގެ ސަބަބުން ލިބިގެން ދިޔަ ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ވެސް ބައިވެރިންނަށް ޚާއްޞަ ކޮށްގެން ތައްޔާރުކޮށްފައިވާ ހަވީރު ސަޔާއި އަދި ތަފާތު ހަރަކާތްތަކެއް ހިމެނިފައިވެއެވެ. މި ހަރަކާތްތަކުގައި އެމްއެސްޖީއެފްގެ އިތުރުން އައްޑޫވިމެންސް އެސޯސިއޭޝަނާއި މަންފާ އަދި ވެސް ގިނަ އެސޯސިއޭޝަން ތަކުން ވަނީ ބައިވެރިވެފައެވެ.

މިއީ އެމްއެސްޖީއެފް ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ 2 ވަނަ ޕްރޮގްރާމެވެ. އެމްއެސްޖީއެފް އިން ބުނީ މީހުންގެ ތަރުހީބު ލިބޭ މިންވަރަކުން މިއަށްވުރެ ފުޅާކޮށް މި ފަދަ ބައްދަލުވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ މަހަކު އެއްފަހަރު ބާއްވާނެ ކަމަށެވެ.