English Edition
Dhivehi Edition

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީގައި ވަޅި ހަރައި އަނަސް މަރާލި މައްސަލާގައި ހޯދަނީ ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް(21) އަދި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު (21) އެވެ. މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސް މަރާލާފައިވަނީ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދިނުމަށްފަހުގައެވެ.އަނަސްގެ އާއިލާއިން ބުނެފައިވަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.