English Edition
Dhivehi Edition

ޝާހިދު ރަމްލާއަށް ދައްކަނީ އުންމީދެއްނެތް ކުލަ ހުވަފެންތަކެކޭ ރަމްލާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ދެތިން މަސްވަންދެން ހުރެވޭނެ ބާވައެވެ. އެހެންނޫނީ މިދަތުރު އައިސްފައިވެސް އެގޮތަށް އަޅާލުން ކުޑައީ ކީއްވެބާވައެވެ.

ރަމްލާ އެންމެ ފަހުން ވަޒީފާ އަދާކުރިތަނުން ވަކިވެގެން އައިދުވަހަކީ ރަމްލާގެ ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެދުވަހު ޝާހިދު ކަންތައް ކުރާގޮތް ދުވަހަކުވެސް ރަމްލާގެ ހިތުން ފޮހެވިދާނެބާވައެވެ.

މިހާރުވެސް ޝާހިދުގެ ކިބައިން ރަމްލާއަށް ފެންނަމުން އެދަނީ އަޅާލުން ކުޑަކަމާއި ދުރުހެލި ކަމެވެ. ރަމްލާ ވަޒީފާއިން ވަކިވި ދުވަހު ރަމްލާ އާއި ވާހަކަ ނުދައްކާނަމޭ އެއްއަހަރު ވަންދެންވެސް ރަމްލާއަށް ނުބަލާނަމޭ ޝާހިދު ބުނި ދުވަސް ރަމްލާގެ ލޮލުން ކަރުނަ އައުމާއެކު ހަނދާނަށް އައެވެ. އެކަމަކު އޭނާ މިދަތުރު 10 ދަުވަހު އައްޑޫގައި ތިބުމަށް ރޭވީ ވަކި މަގުސަދެއްގައެވެ. ހީނަރު ވެފައިވާ މިގުޅުން އާބާދު ކުރުމަށެވެ. އެކަމަކު ވަމުން މިދަނީ މުޅިން އެހެން ކަމެކެވެ.

ރަމްލާ އަމިއްލަ ހިތާއި އަމިއްލަ އަށް ވާހަކަދައްކަމުން ދިޔައެވެ. ފޮތުގެ ގަނޑުތަކަށް ބަލަން އިނދެއެވެ. ހީވާގޮތުން އޭނާ އިނީ ވަރަށް ޝައުގުވެރިކަމާއެކު ފޮތް ކިޔާށެވެ. ދޭތެރެއަކުން ޝާހިދު ރަމްލާ އަށް ބަލާވެސް ލައެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެބަލާލުމުގައި އެއްވެސް މާނައެއް ނެތްކަހަލަ އެވެ.

” ޝާހިދުގެ ތިޔަ ލޯބި ހިތު އަޅައިގެން އަހަރެން ކިހާ ދުވަހަކު އުޅެންވީ ހެއްޔެވެ؟ ކިހާ ފަރިއްސެއް ކިއަން ވީހެއްޔެވެ؟” އެންމެ ފަހުން އިސްއުފުލާލާފަ ޝާހިދު އާއި ދިމާލަށް ބަލާލާފައި ރަމްލާ ކަރުނަވީ އަޑަކުން ބުނެލިއެވެ . ތަފާތަކީ މިއަޑު ޝާހިދު އަށް ނީވޭނެ ކަމެެވެ. ސަބަބަކީ އެލަފްޒުތައް ރަމްލާ ބުނީ ހިތުގެ އަޑުންނާއި ހިތުގެ ދުލުންނެވެ. ލަފްޒުތަކެއްގެ ގޮތުގައި ބޭރައް ނާދެއެވެ. ޝާހިދު އަށް އެ ފަސާނާގެ އަޑު ނީވުނީ އެހެންވެގެންނެވެ.

ހައިރާންކަން އެކުލެވިގެންވާ ނަޒަރަކުން ޝާހިދު ރަމްލާ އަށް ބަލާލިއެވެ. އެއްޗެކޭ ބުނިހެން ހީވެގެންނެވެެ. އެނަޒަރުން ބުނާގޮތުން ތިޔަކިޔަނީ ކީކޭހޭ އަހާލި ކަހަލަ އެވެ. އެއަޑު ރަމްލާއަށް ނީވެއެވެ. ސަބަބަކީ އެއީ ޝާހިދުގެ ހިތަށް އައި އެއްޗަކަށް ވާތީއެވެ. ލަފްޒެއް ގޮތުގައި ނުބުނެވުނު ކަމެވެ.

މިދަތުރުގައި ޝާހިދުއަށް ސިހުން ލިބޭ ކަންތައް ރަމްލާވެސް ވަނީ ރާވާފައެވެ. އެހެނަސް އެވެސް ބިލާހެކޭ ރަމްލާގެ ހިތަށް އެރިއެވެ. އޭނާ ރާވައިފާ އެއްވެސް ކަމެއް ކުރެވިދާނޭ ބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. ޝާހިދު ވަރަށް ބިޒީކޮށް މީހަކާ ވާހަކަ ދައްކަނީއެވެ. ރަމްލާއަށް އަޑު ނީވޭވަރަށެވެ.

ކާރު އައުމާއެކު ޝާހިދު ތެދުވެ ކާރަށް އަރަން އައުމަށް ރަމްލާއަށް އިޝާރާތް ކޮށްލަމުން ގޮސް ކާރަށް އެރިއެވެ. ކުރީ ސީޓްގައެވެ. ޑުރައިވަރާ ޖެހިގެންނެވެ. ރަމްލާވެސް މަޑުމަޑުންގޮސް ކާރަށް އަރާ ފަހަތު ސީޓުގައި އިށީނެވެ. އަދިވެސް ދެމީހުން ވަނީ ވަރަށް ބީރައްޓެހި ކޮށެވެ.

ކާރު ދުއްވާލުމާއެކު ޝާހިދު ބުނަމުން ދިޔައީ އާއިލާގެ ކޮންމެވެސް ގެޔަކަށް ދާވަހަކައެވެ. އެެގޭގެ އެޑްރެހެވެ. ފޯނުން ކޮންމެވެސް މީހެއް ކާރީ ބުނެލުމަށް ފަހު ރަމްލާ ވެސް ދާންޖެހޭނެޔޭ ޝާހިދު ފަހަތަށް އެނބުރިލާފަ ބުންޏެެވެ. އަދި މިހާރު އެމީހުން ކުއްޔަށް ހިފިގެޔަށް ގޮސް ތައްޔާރު ވާށޭ ވެސް ބުންޏެވެ. މިއީ މިދަތުރުގައި ރަމްލާއަށް ލިބުނު ފުރަތަމ ސިހުން ގެނުވި ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ ސަޕްރައިޒް އެވެ.

ރަމްލާ ދަބަސްތައް ބަހަށްޓާލާފަ ފެންވަރާ ތައްޔާރުވެލިއެވެ. ބޮޑުދުވަހަކަށް މަރުހަބާކިޔާންވެގެންނޭ ހީވެއެވެ. ޝާހިދުއަށްޓަކައި މިގޮތަށް އަބަދުވެސް އޭނާ ފަރިވެލައެވެ. ތަފާތަކީ ތަޢުރީފްގެ ބަސް ނުއިވޭކަމެވެ..

އުފަލާއި ހިތްހަމަޖެހުން އެދިގެން ފައި ނެގި މިދަތުރުގައި ކުރިޔަށް މިދިމާވަނީ އަދި ދިމާވާނީކިތައް ކަންތަށްތަކެއް ކަމެއް ޙުދު ރަމްލާއަށްވެސް ނުމެއެނގެއެވެ. އެންމެ ފުރަތަމަ އާއިލާ ގެޔަކަށް ދިޔުން ރޭވުނު މިޕްރޮގުރާމް އަކީވެސް ރަމްލާ ކުރިން އުންމީދު ކުރި ޕޮރުގުރާމެއް ނޫނެވެ. ކުއްލިޔަކަށް ރޭވުނު ކަމެކޯލައެވެ.

ޝާހިދުގެ ކޮންމެވެސް ތިމާގެ ގެޔަކަށް ދިއުން އެންމެ ފުރަތަމަ ރޭވީވެސް ޝާހިދު އެއަރޕޯޓުގައި ހުރެގެންނެވެ. އެއަރޕޯޓަށް ކުރިން އާދެވުނީވެސް ޝާހިދަށްވިއްޔާއެވެ. ރަމްލާއާއި ތަފާތު ފުލައިޓްތަކުގަ އައިމައެވެ. ޝާހިދު ގެ ޢާއިލާ މީހުން ކާރިޔަށް ދިޔުމަކީ ހިތް އެކަމަށް ކިތަންމެ އެދުނަސް ރަމްލާ ބިރުގަންނަ ކަމެކެވެ. އުދާސް ވާކަމެކެވެ. އެމީހުން ރަމްލާ ދެކެ ރުޅިއަންނަ އަދި ނަޕްރަތު ކުރާ އެއްސަބަބަށްވުރެ ގިނަ ސަބަބުތައް އޮވެޔޭ ރަމްލާ ހިތަށް އަރައެވެ.

ޝާހިދު އާއި ރަމްލާ ކާރުގައި ފޭދޫއަށް ދާން ދިޔައެވެ. ޝާހިދުގެ އާއިލާ މީހުންގެޔަށް ދިޔުމަށެވެ. އެމީހުން ދިރި އުޅެނީ ފޭދޫގައެވެ.

ކާރުގައި އިނދެގެން ރަމްލާގެ ލޮލުގައި ކަރުނަތައް މުތީތަކެއްހެން ވިދާލިއެވެ. ސިއްރުން ރަމްލާ ކަރުނަ ފޮހެލިއެވެ. އެކިޒަމާންތަކުގައި އެއާއިލާ މީހުންރަމްލާ އާއި މެދު ކަންތަށް ކުރިގޮތް ރަމްލާގެ ހަދާނަށް އައެވެ.. ފޮނި ހަނދާންތަކެއް ނޫނެވެ. ހިތި ހަދާންތަކެކެވެ. އެމީހުން ރަމްލާ ދެކެ ރުޅިއަންނަ އަދިނަފްރަތު ކުރާ ވަކި ސަބަބެއް ރަމްލާ އަށް ނޭނގެއެވެ. ރަމްލާ މިކަން އެއީ ކަމަކަށް ނަހަދާ ދޫކޮށްލައެވެ. ހިތުގައި ގިލަންވެރިކަން ވޭމެއެވެ. ސަބަބު ނޭނގޭތީއެވެ. ޝާހިދުވެސް މިކަމުގާ ޢިޙްތިޔާރު ކުރަނީ ހިމޭން ކަމެވެ. އަދި އެއްވެސް ކޮޅަކަށް ބުރަވެ އޭނާ ވާހަކައެއް ނުދައްކައެވެ. މައްސަލަ އޮތަސް ހައްލު ކުރަން ބޭނުން ނުވެއެވެ. އޭނާ ދެކޭގޮތުގައި އަޅާ ނުލީމާ މައްސަލަ ހައްލުވީއެވެ. ހަނދާން ނެތިދާނެއެވެ ޢާއިލާ މީހުންނާ ޝާހިދު އާއި އޮންނަ ގުޅުން ހީނަރު ނުކޮށް ކުރިޔަށް އޭނާ ދަމަހައްޓައެވެ. ޢާއިލާގެ ޙަފްލާތަކުން ބާކީވެފައިވަނީ ރަމްލާއެވެ. ޝާހިދު ރަމްލާ ނެތަސް އެ މީހުން ބާއްވާ ހުރިހާ ހަފްލާއެއްގައި ހެޔޮހިތުން ބައިވެރިވެއެވެ. އަދި އެކަމުގެ ފުރަހަމަ ތަފްސީލް ރަމްލާއަށްވެސް ދެއެވެ. ރަމްލާ އެގޭގެ އެކަންތަށް ސިފަ ކުރަނީ އޭނާއަކީ އަން އިންވައިޓެޑް ގެސްޓް އޭ ނުވަތަ އެޢާއިލާގައި ހުންނަ ހުއްދަ ނެތި ހުންނަ ބީރައްޓެހި މީހާއެވެ. ރަމްލާގެ ހިތަށްވަނީ މިކަމާހެދި ފުން އަސަރު ތަކެއްކޮށްފައެވެ. ހިތާމައިގެ އިންތިހާއެވެ. ޝަކުވާތަކުގެ ސައިލާބެއް ރަމްލާގެ ހިތުގައި އޮވެއެވެ. އެހެނަސް އޭނާ ހިމޭންކަން އިހްތިޔާރު ކުރިއެވެ. އަބަދުވެސް އާދައެކޭ އެއްގޮތެވެ. ރަމްލާގެ އެއްވެސް ސިފައެއް އެމީހުން ގަބޫލު ސިފައެއް ނޯވޭ ކަހަލައެވެ.

ކަންތައް ކޮންމެ ގޮތަކަށް އޮތަސް ފަހުނޭވަޔާ ޖެހެންދެން ރަމްލާ ޝާހިދު ދެކެ ލޯބި ވާނެއެވެ. މުޅި ދިރިއުޅުން ޝާހިދުގެ ނަމުގާ ޤުރުބާން ކުރާނެއެވެ. އެއީ ތެދުވެރި ލޯތްބެވެ.

އެގެޔަށް ކާރު މަޑުކުރުމާއެކު ޝާހިދު އާއި ރަމްލާ ކާރުން ފޭބިއެވެ. ޝާހިދު ކުރިއަށް ދިޔުމާއެކު ފަހަތުން ގޮސް ރަމްލާ ބޭނުންވީ ޝާހިދުގެ އަތުގައި ހިފާށެވެ. ލޯބިންނެވެ. ތެދެކެވެ. ޝާހިދުވެސް އެނބުރިލާފައި ރަމްލާގެ އަތުގައި ހިފިއެވެ. އަދި ހިނިތުންވެލިއެވެ. ހީވާގޮތުން ޝާހިދު ހުރިހާލޯތްބެއް ރަމްލާއަށް ދޭނެއެވެ. މިދަތުރުގައެވެ. ހަޔާތުގެ ދެން އޮތް ދުވަސްތަކުގައެވެ. އާއެކެވެ. ކެތްތެރި ކަމަކީ އަންހެނާގެ ދެވަނަ ސިފައެވެ. ރަމްލާ ކެތްކުރިއެވެ. ލޯތްބަކީ ނިކަން ބާރުގަދަ ހަތިޔާރެކެވެ. އެހާމެ ފޮނި މޭވާއެކެވެ. މިއީ އެންމެންވެސް ދަންނަ މުހާވިރާއެކެވެ. ހުރިހާ ކަމެއްވެސް އެމީހެއްގެ އިޙްތިޔާރުން ދުރުގައި ވާކަމެވެ. ތަދުބީރު ކުރަނީ އިންސާނާއެވެ. އެކަމަކު ތަގުދީރަކީ އޮތްއެއްޗެކެވެ. ގިނަ ފަހަރަށް އެމީހާ ތަދުބީރު ކުރާގޮތަށް ނުވެވެސް ހިނގައިދާނެއެވެ. ކޮންމެ ކަމެއް ހިންމަވާނީ ﷲ އެވެ. އާއެކެވެ. ޝާހިދު އާއި ރަމްލާގެ ލޯބިވެސް ވަނީ އެފަދަ ފަލްސަފާއެއްގައެވެ. ޝާހިދުގެ ލޯބި ލިބޭތޯ ކެނޑި ނޭޅި އޭނާ ދުޢާ ކުރާނެއެވެ.ހިތުގައި އުފެދޭ ލޯބީގެ މިޖަޒްބާތަށް ރަމްލާ ދިންނަމަކީހަޔާތުގެ ފަސާނާ މިއެވެ.

ނިމުނީ