English Edition
Dhivehi Edition

ރަމްލާ އޭނާގެ އޮފީސް ގޮނޑީގައި އިނދެ ވިސްނަމުން ދިޔައެވެ. އަމިއްލަ ނަފްސާ އަމިއްލަޔަށް އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

އަހަރެންނާނާ ޝާހިދު އާއި އެހާ ޙިޔާލު ތަފާތީ ކީއްވެ ބާވައެވެ. ކައިވެންޏަށް 12 އަހަރު ފުރިހަމަ ވީއިރުވެސް އަހަރެންނަށް އޭނާ ދަސްނުވީ އަހަރެންގެ ކޮން އުނިކަމަކުން ބާވައެވެ. ހަމަ ގައިމުވެސް ވާހަކަ ދައްކައިފިއްޔާ އަރައިރުމަކުން ނޫނީ ނުނިމެއެވެ. ލޯބިން ވާހަކަ ދެއްކުން އެއީ ޝާހިދު ދަންނަ ބަހުރުވައެއް ނޫން ކަހަލަ އެވެ. އެންމެ ޖޯކް ކަމަކީ އަސްލު މައްސަލަވެސް އަހަރުމެންނަށް ނޫނީ އަހަރެންނަށް ނުވެސް އެނގޭކަމެވެ. ނޫނީ އޭނާ އެމައްސަލައިގެ ބާވަތުން އަހަރެން ކާރީ ބުނާކަށް ބޭނުމެއް ނުމެވޭމެއެވެ. ބައެއްފަހަރު ޖެހިފައިވާ މައްސަލަ އަމިއްލައަށް ހައްލުވެދެޔޭވެސް އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު ހައްލުވެފައި ނުވާ އެކަހަލަ އެތައް މައްސލައެއް ހިތުގައި ސުވާލު ތަކެއްގެ ސިފައިގައި އެނބުރެމުން ދެއެވެ. ނަތީޖާއަކަށް ވަނީ އެންމެ ފަހުގެ ނިންމުން ނިންމަންވެސް އަހަރެން ފިޔަވަޅު އަޅަމެވެ. ރައްޓިހިންނާ އާއިލާމީހުން ދެކޭގޮތުން ހިމޭންކަން އަހަރެން އިޙްތިޔާރު ކުރީ އެއްފަހަރަށްވުރެ ގިނަފަހަރު އެވެ ނޫނީ އެގޮތް ނިންމުން އެއީ އަނބީންނަށް ކުރެވޭނެކަމެއް ނޫނޭ އަހަރެންގެ ހިތް އަހަރެން ކާރީ ބުނެ ނަސީހަތް ދީ އަނެއްކާ ކުރިމަގު އުޖާލާވާނެއޭ ބުނެ އަހަރެންގެ އަމިއްލަ ހިތް އަހަރެންނަށް ހިތްވަރު ދެއެވެ. އަދި އަހަރެން ހިމޭން ކުރުވައެވެ. އަހަރެންގެ ހިތް އަހަރެން ކާރީ ބުނާކަހަލައެވެ. އަހަރެންނަށް އަޑުއިވެނީ މަލާމާތުގެ އަޑެވެ. އާއެކެވެ. ކިތަންމެ ދުވަހެއްވިޔަސް ތިޔަކަމެއް ރަނގަޅެއް ނުވާނެއެވެ. ތިޔަ ކާވެނީގެ ގުޅުންވަނީ ހީނަރު ވެފައެވެ. ހިތުގެ މި އަޑަށް އަހަރެން ދޭންބޭނުމީ ބީރު ކަންފަތެކެވެ.” ރަމްލާ އޭނާގެ އަމިއްލަ ކަންފަތުގައި އަތް އަޅާލިއެވެ. ހީވީ އިވެމުން ދިޔަ އަޑު އަހަރެން އޭނާ އަށް ކެތްނުކުރެވުނީ ހެންނެވެ.

ބޯހޫރާލުމަށްފަހު އަނެއްކާވެސް ރަމްލާ ޖީބުން ފޯނު ނަގާފަ ބަލާލިއެވެ. މެސެޖެއް އައީއޭ ހީކޮށްފައެވެ. ހަމަ ގައިމުވެސް އެކަނިވެރި ކަންދެކެ ރަމްލާ ބިރުގަނެއެވެ. ދަތުރަކު ދާންވީއެވެ. ޝާހިދު އާއި މަޝްވަރާ ކުރަންވީއެވެ މެސެޖް ބަދަލު ކުރުމުގެ ބަދަލުގައި ބައްދަލު ކުރަން ވީއެވެ. ޝާހިދު އާއި ރަމްލާގެ ގުޅުމަށް ކޮންމެވެސް ރަނގަޅު ބަދަލެއް ގެންނަން ގައިމުވެސް އޭނާ ބޭނުމެވެ. ޝާހިދުގެ މޫޑް ކޮންމެ ދުވަހަކުވެސް ބަދަލުވެގެން ލޯބިން ވާހަކަ ދައްކަން ފައްޓާނެޔޭ ރަމްލާ އުންމީދު ކުރެއެވެ. ރަމްލާ އާއި ޝާހިދު އެކުގައި ވަގުތު ހޭދަ ނުކުރެވުން މިއީ އަސްލު މައްސަލަ ކަމަށް ރަމްލާ ދެކެއެވެ. ކުޑަކޮށް ތަފާތު ކޮށްލުމުގެ ގޮތުން އެދެމީހުން ރޭވީ ކާރީ ރަށަކަށް ދަތުރު ދާށެވެ. އާއެކެވެ. ރާއްޖޭގެ އެންމެ ރީތި އެއްރަށްކަމަށްވާ އައްޑު އަތޮޅަށް ދިޔުމަށެވެ. ޝާހިދުވެސް ރަމްލާގެ ޙިޔާލަށް ތާއިދު ކުރިއެވެ. އަދި ވަކި ދުވަހެއް ކަނޑައަޅާފައި ޝާހިދުވެސް ހަމަ އެދުވަހު އައްޑުއަށް ދާން ނިންމިއެވެ. އޮފީހުން އޭނާއަށްވެސް ވަރަށް ފަސޭހައިން 10 ދުވަހުގެ ޗުއްޓީއެއް ލިބުނެވެ. ދިވެހި ރާއްޖޭގެ ރީތިކަން ދިވެހިންގެ ނަޒަރުން ބަލަން ދެމަފިރިން ވެސް ބޭނުންވީކަހަލައެވެ. އެއާއި އެކު ހީނަރުވެފައިވާ ލޯބީގެ ގުޅުންވެސް ތާޒާކުރަން ބޭނުންވީ ކަންޔަގީނެވެ. ކޮންމެ ގޮތެއް ވިޔަސް ދެމީހުން ބޭނުން ވަނީ އެކުގައި ވަގުތު ހޭދަ ކުރާށެވެ.. އެކުގައި ދަތުރު ކޮށްލާ މާހަލު ބަދަލު ކުރުމަކީވެސް ކޮންމެވެސް ރަނގަޅު ބަދަލެއް މި ގުޅުމަށް އަތުވެދާނެ ކަމަށް ރަމްލާ އާއި ޝާހިދުވެސް ހީކޮށްލިއެވެ. އައްޑޫގެ އެއަރޕޯޓްގެ ހަލަބޮލި ތަނުން ރަމްލާ ދަބަސް ކޮނޑުގައި އަޅުވައިގެން ވަށައިގެން ހޯދަމުން ބޭރަށް އައީ ދަންނަ މޫނެއް ފެނޭތޯއެވެ.

ދުރުގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން ޝާހިދު ހުއްޓެވެ. ރަމްލާ އަށްވުރެ ކުރިން އޭނާއަށް އާދެވުނީއެވެ. ރަމްލާ އޭނާ ކާރިޔަށް އައިސް ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. ޝާހިދު ފޯނުގައި ބިޒީކަން ދައްކާލަމުން ރަމްލާ ދިއްކޮށްލި އަތުގައި ނުހިފިއެވެ. ލަދުވެތި ކަމާއެކު ރަމްލާ އިސްދަށަށް ޖަހާލިއެވެ. އެވަގުތުވެސް ޝާހިދު ބޭނުންވީ ރަމްލާ ދެރަކޮށްލުން ކަހަލައެވެ. 10 ދުވަސް ކެތް ކުރާނީ ކިހިނެތް ބާވައޭ ރަމްލާ ހިތަށް އެރިއެވެ. ފާޑަކަށް ހިނިއައިސްގެން ޝާހިދު ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ކާރީގައި ބީރައްޓެއްސެއްހެން ރަމްލާ އިނެވެ. އާއެކެވެ. އެއަރޕޯޓުގައި ސަލާން ނުކުރިޔަސް ގައިމުވެސް ދެމީހުން ދާނީއެއްގެޔަކަށެވެ. މިހާރު ގެއޮތީވެސް ބުކްކޮށްފައޭ ޝާހިދު ކުރީދުވަހު މެސެޖް ކުރިއިރު ބުނިކަމަށްވެއެވެ. މިގޮތަށް ދެމީހުން މިހާދުރު ދުރުން އުޅެގެން އެއްގެޔަކަށް ގޮސް އެއްކޮޓަރިއެއްގެ އެއް އެނދު ހިއްސާ ކުރެވިދާނެ ބާވައެވެ. ރަމްލާ ހިތާހިތާ ސުވާލު ކުރިއެވެ. ރަމްލާ އާހް އަކާއެކު ވިސްނަމުން ދިޔައެވެ. ޝާހިދުގެ ހިމޭންކަން އިންތިހާއެވެ. ރަމްލާއާއި ދިމާލަށް ބަލާވެސް ނުލިއެވެ. ފޯނުން ކޮންމެވެސް ތަނަކަށް ނުގުޅިގެން އުޅުނީއެވެ.

ވަމުން ދިޔައީ އާކަމެއް ނޫނެވެ. ޝާހިދު އާއި ރަމްލާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ދެމީހުންނަށް ވެސް ހިތް ރުހޭ ކަމެއް ކުރެވޭނީވެސް މަދުފަހަރަކުއެވެ. އެކަކު ރުހޭ އެއްޗެއް އަނެކަކަށް ބުނެވޭނީވެސް މަދު ފަހަރަކުއެވެ. ގިނަފަހަށް ވަމުން ދާކަންތަކާމެދު ސުވާލުކޮށްލަންވެސް ރަމްލާ ހުންނާނީ ޖެހިލުން ވެފައެވެ. ޖަވާބު ރުންކުރުވެދާނެތީއެވެ. ދަނޑިވަޅު ބަލާފައި ރަމްލާ ވާހަކަ ދައްކަންފެށިއެވެ. އާދެވިފައިމިވަނީ މުޅިން އާތަނަކަށް ވެފައިވާތީއެވެ. ދަންނަ އެއްވެސް ތިމާގެ މީހަކު ނުވަތަ ރައްޓިއްސަކުވެސް ނުހުންނާނެތީއެވެ. ވާހަކަ ދައްކާ ހިޔާލު ބަދަލް ކޮށްލަން އޮތީވެސް ހަމަ ޝާހިދުއާއި އެކުގައެވެ.

“ކާކާ ވާހަކަ ދައްކާލީ” ރަމްލާ ދަބަސް ރަނގަޅުކޮށްލަމުން އަހާލިއެވެ.

“އަހަރެން ވާހަކަ ދައްކާލީ އަހަރެން ކުއްޔަށް ހިފި ގޭ މީހުންނާ ފުލައިޓް ލަސްވެގެން އެމީހުން ކާރީ ނުބުނެވި އޮތީ އެކަމަކު މިހާރު ވިޝަން ޓެކްސީގެ ކާރެއް އަންނާނެ ވާހަކަ އެމީހުން ބުނި ދެން ރަނގަޅުތާ”

ކާރު އަންނަންދެން ދެމީހުންވެސް ޕޯޓިކޯތެރެއަށް ނިކުމެ ދެގޮނޑީގައި އިށީނެވެ. އެދެމީހުންގެ ދޭތެރޭގައިވެސް އޮތީ ބުނަން ނޭނގޭ ހިމޭންކަމެކެވެ. ދެމީހުންނަށްވެސް ވާހަކަ ދައްކަން ފަށަންވާ މައުޟޫ ނޭނގޭކަހަލައެވެ. ރަމްލާ އޭނާގެ ދަބަހުން ފޮތެއް ނަގާކިޔަން ފެށިއެވެ. ކާރު އަންނަންވެސް ވެސް އެތައް އިރެއް ނަގާފާނެއޭ ރަމްލާ ހީކުރިއެވެ.

ވައުދުތައްވެސް ކުރެވުނޭ ލޯބީގެ ނަމުގައި މާކުރިން

ވަޢުދުތައް އެހެނަސް އުވިއްޖޭ ތާޖަކުން އެޅި ދަޅަޔަކުން

ފޮތް ކިޔަމުން އޭނާ ލޯފޮހެލީ ކީއްވެބާވައެވެ. ޝާހިދު މާދުރުގައި ރަމްލާއާއި ދިމާލަށް ބަލަން އިނެވެ. އެއްވެސް ގާތްކަމެއް އެދެމެދުގައި ނުވާކަހަލައެވެ.

ރަމްލާދެކެ ލޯބިވާ ވާހަކަ އަބަދުވެސް އޭނާގެ މެސެޖް ތަކުގައި ބުނެވިފައި ވާނެއެވެ. އެކަމަކު އެ ބުނާ ބުނުން ރަމްލާއަށް ގަބޫލް ކުރެވުން އެއީ ދަތި ކަމެކެވެ.

ކާރު ލަސްވާނެ ވާކަހަކަ ޓެކްސީ މީހާ ގުޅާފައި ބުނެލިއެވެ. ހަމަ އެވަގުތު ރަމްލާ އާއި ޝާހިދު މިސްރާބު ޖެހީ ކާރީގައިވާ ރެސްޓޯރެންޓާއި ދިމާލަށެވެ. ޝާހިދު އާއި އެކު އަންނާށޭ ޝާހިދު ރަމްލާ ކާރީ ނުބުނެއެވެ. ޗާބީ ދީފައިވާ ބުދެއްހެން ޝާހިދު ފަހަތުން ދިޔައީ ރަމްލާއެވެ. ފެހިފަތްތަކުން މުއްސަނދި ވެފައިވާ ހިތްގައިމު މާޙައުލެކެވެ. މީހުން މަދުކަން ވެގެން ދިޔައީ ރަމްލާ އަށް ލިބުނު އުފާވެރި ކަމަކަށެވެ. އިށީންނަތަނަށް ދެވުމާއެކު ޝާހިދު ކުރިޔަށް ޖެހިލާފަ ރަމްލާ އިށީންނަން ގޮނޑި ދުރުކޮށް ދިނެވެ. ޝާހިދުގެ މިއަދާ ވެގެންދިޔައީ ރަމްލާގެ ހިތުން ޝާހިދުއަށް ކުރަމުންދިޔަ ޝަކުވާތަކަށް އައި ހުއްޓުމެއް ކަމަށެވެ.

އާއެކެވެ. ލޯބީގެ ކުޑަކުޑަ ހަރަކާތަކުންވެސް އަނބިމީހާގެ ހިތް އަތުލުމުގެ ހުނަރު ޝާހިދުއަށް ލިބިފައިވާކަހަލަ އެވެ.

ރަމްލާ އާއި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލުމަށްފަހު ޝާހިދު އިށީނެވެ. ވަރަށް ކާރިގައެވެ.

ރަމްލާ ގެހިތުން ތަފާތު އަޑެއް ރަމްލާއަށް އެކަނި އިވުނެވެ.

ފަރިވަމުން ފޮޅެމުންއެއައި ޝާހިދު އެއީ މަލަކަށްވެފާ

ކަރުގަނޑެއްގެ މަގާމުގާ އަހަރެން ނިކަން އުފަލުން އިނިން

އެއްފަހަރު ފެނުނީ ރަމްްލާ ލޯ ފޮހެލި ތަނެވެ. މިފަހަރު ފެނުނީ ސިއްރުވެރި ގޮތަކަށް ރަމްލާ ހިނިތުންވެލި މަންޒަރެވެ.

“ކޮބާ ކޯޗެއް ގެންނަންވީ؟” ޝާހިދު ރަމްލާއާއި ދިމާލަށް ބަލާލާފައި އަހާލިއެވެ. ރަމްލާވެސް ޝާހިދުއާއި ދިމާލަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ.

އެދެމީހުން ތިބި ހިސާބުން ރާޅުތަކުގެ އަޑު ރީތިކޮށް އިވެމުން ދިޔައެވެ. ކާރީގައިވާ މޭޒްތަކުގައި ތިބިމީހުން ފުރަން ފުލައިޓަށްދާން ގޮވާލުމާއެކު އެންމެން ދިޔައީއެވެ. މުޅި ތަނަށްހިމޭންކަން ވެރިވިއެވެ. ޝާހިދު އިނީ ފޯނާ ކުޅެލަ ކުޅެލައެވެ. ނޫނީ ނޫސް ކިޔަނީއެވެ. ކޮވެލި ތަކުގެ ގޮވުމުގެ އަޑުވެސް ދޭތެރެއަކުން އިވެމުން ދިޔައެވެ. ރަމްލާ ހަމަ ފޮތުގެ ތެރެއަށް ގެއްލިފައެވެ. އިސްވެ ވާހަކަ ދައްކަން ބޭނުން ނުވާތީ ހިމޭނުން ފޮތްކިޔަން އިނީ ކަންނޭގެއެވެ.

“އަހަރެންގެ ހިތަށް ޒަޙަމް ތިޔަދެނީ ކީއްވެބާެއޭ؟” އަހާލަފާނަމޭ ކިތަންމެ ފަހަރަކު ރަމްލާ ހިތަށް އެރިއެވެ.

ނުނިމޭ