English Edition
Dhivehi Edition

ރޯމަހާ ދިމާކޮށް މާލޭގައި ކާއްޓާއި ކުރުބާގެ އަގު ބޮޑުވުމުން އެކަން ހައްލުކުރުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ޚާއްސް ފިޔަވަޅެއް އަޅުއްވައިފިއެވެ. އެ ވުޒާރާއިންވަނީ އެތަނުގެ ދަށުގައި ހުރި ފަޅުރަށްރަށުން ކާއްޓާއި ކުރުބާ ގެނައުމުގެ ހުއްދަ ދެފަރާތަކަށް ދީފައެވެ. އެ ދެފަރާތަށް ހުއްދަދިނީ މާލެގެނެސްގެން ވިއްކާނެ އަގު ކަނޑައެޅުމަށްފަހުއެވެ. ކަނޑަ އެޅިފައިވާ އަގަކީ ކުރުބައެއް 12 ރުފިޔާއަށެވެ. ކާއްޓެއް 7 ރުފިޔާއަށެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދަނޑުވެރިކަމާއި މަސްވެރިކަމާބެހޭ ވަޒީރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނީ އެކަމަށް އާންމުކޮށް ހުޅުވައިލުމުން 26 ފަރާތަކުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން އެ ހުއްދަ ދެއްވީ ދެ ފަރާތަކަށެވެ. މިފުރުސަތު ދެއްވީ އެއްވެސް އަގަކާ ނުލައެވެ. މިއީ ހަމައެކަނި ރޯދަމަހަށް ހުޅުވާލި ފުރުސަތެކެވެ. “ރަމަޟާންމަހު ކާށި އަދި ކުރުބާގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީގެ ދަށުގައިހުރި ފަޅުރަށްތަކުން ކާށި އަދި ކުރުބާ ގެންނަންވަނީ ހަވާލުވެފައި.” ވަޒީރު ޝައިނީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ކާށީގެ އަގުބޮޑުވެ އަތްނުފޯރާ ފަށަށް ދިޔުމުން ބަންގާޅުން ކާށި ގެންނަންވެސް ބައެއް ފަރާތްތަކުން ވިސްނައެވެ. “މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު ސާޅީހުން، ފަންސާހުން އެހުރީ. ކިހިނެއް އެވަރުން އެ ގަންނާނީ. އެހެންވެ އެބަވިސްނަން އެއީ ވާވަރު ކަމެއް ކަމަށްވާނަމަ ބަންގާޅުން ކާށިގެނެސް ހެޔޮއަގުގައި ވިއްކަން،” ރާއްޖޭގައި ކުދި ވިޔަފާރިއެއްކުރާ މީހަކު ބުންޏެވެ. މާލޭގެ ބާޒާރުގައި ކާށީގެ އަގަކީ ދިހަ ރުފިޔާއާއި ފަންސާސް ރުފިޔާއެވެ. ކުރުބާގެ އަގު ފަނަރަ ރުފިޔާއަށްވުރެ ބޮޑެވެ.