English Edition
Dhivehi Edition

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ކުރާ އަސަރު ދެނެގަތުމަށް ސާރވޭއެއް ކުރަން ފަށައިފިއެވެ.

ގދ. ހޯނޑެއްދޫ އަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމުގައިވާ ހުވަދޫ އެއިޑް އިން އިސްނަގައިގެން “އިންކްރީސިންގ ދި ރެސިލިއެންސް އޮފް އައިލެންޑް ކޮމިއުނިޓީސް ޓު ކޯޕް ވިތް ދި ކްލައިމެޓް ޗޭންޖް އިމްޕެކްޓް އޮން ވުމެން” ގެ ނަމުގައި މުޅި ދިވެހިރާއްޖޭ ހިމެނޭގޮތަށް ކުރާ މި ސާރވޭ ފަށާފައި ވަނީ ހުވަދުއަތޮޅުގައެވެ.

1 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާރވޭގައި މައިގަނޑު ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުން އަންހެންވެރިންނަށް ދިމާވާ ދަތިތަކާއި، ދިރިއުޅުމަށް ކުރާ އަސަރުތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެއެވެ.

މިހާތަނަށް ހުވަދުއަތޮޅުގެ ހަތަރު ރަށެއްގައި މި ސާރވޭ ކުރެވި ސާރވޭއަށް ބޭނުންވާ މައުލޫމާތުވަނީ ނެގިފައެވެ. އެ ރަށްތަކަކީ ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ، ގދ. ރަތަފަންދޫ އަދި ގދ. ގައްދޫއެވެ.

މި ޕްރޮޖެކްޓަކީ “ކެނެޑާ ފަންޑް ފޯރ ލޯކަލް އިނިޝިއޭޓިވްސް”ގެ ނަމުގައި ކެނެޑާ ސަރުކާރުގެ އެހީއާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.