English Edition
Dhivehi Edition

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމްކޮށްގެން ބޭއްވި “ކޮކާކޯލާ ރަން އިން އައްޑޫ” ކާމިޔާބުކަމާއި އެކު މިއަދު ހެނދުނު ނިންމާލައިފިއެވެ.

ޓީއެފްޖީއިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ދުވުން ކަމުގައިވާ ކޮކާކޯލާ ރަންއިން އައްޑޫގައި މިއަހަރު 312 ބައިވެރިން ވަނީ ވާދަކޮށް އިވެންޓް ފުރިހަމަ ކުރި ކަމުގެ މެޑަލް ހޯދާފައެވެ.

ޓީއެފްޖީ ރަންއިން އައްޑޫ ފެށުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ އުމުރުން ދުވަސްވީ މީހުންގެ 4 ކިލޯމީޓަރުގެ ހިނގާލުމަކާއި ކުޑަކުދިންގެ 2 ކިލޯމީޓަރުގެ ދުވުމެއް އީސީސީ ސަރަހައްދުގައި ބާއްވާފައެވެ.

ޓީއެފްޖީ ފުލް މެރެތަން 28 ބައިވެރިންނާއި އެކު މިއަދު ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރު ސަރަހައްދުން ފަށާފައިވާއިރު މިއިވެންޓްގެ އެއްވަނަ ހޯދާފައިވަނީ އަޙްމަދު އާތިފްއެވެ.އަދި ހާފް މެރެތަން ގަން އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިން ފަށާފައިވާއިރު މި އިވެންޓްގެ އެއްވަނަ ހޯދާފައިވަނީ މުޙައްމަދު އާމިރުއެވެ.

ޓީއެފްޖީ ރަންގެ 10 ކިލޯމީޓަރުގައި ރޭސް 71 ބާއިވެރިންނާއި އެކު ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގައި ފަށާފައިވާއިރު މި އިވެންޓްގެ އެއްވަނަ ހޯދާފައިވަނީ ޕްރަދީޕް ކުމާރުއެވެ. މިއަދުގެ ފަހު އިވެންޓް 5 ކިލޯމީޓަރު ރޭސް 90 ބައިވެރިންނާއި އެކު ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގައި ފަށާފައިވާއިރު މި ރޭހުގެ އެއްވަނަ ހޯދާފައިވަނީ އިފާންއެވެ.

“ކޮކާކޯލާ ރަން އިން އައްޑޫ” އަކީ ޓީއެފްޖީން ފަށާފައިވާ “ރަން އިން މޯލްޑިވްސް” ސީރީސްގެ ފުރަތަމަ އިވެންޓެވެ. މިއިވެންޓަށްފަހު ޓީއެފްޖީ ތައްޔާރު ވާނީ “ރަން އިން ލާމު”އަށެވެ.

ޓީއެފްޖީން ފަށާފައިވާ “ރަން އިން މޯލްޑިވްސް” ސީރީސްގެ މެއިން ސްޕޮންސަރަކީ ކޮކާކޯލާއެވެ.