English Edition
Dhivehi Edition

ހަނގުރާމައިގެ ކުށްތަކާއި، ނަސްލުނައްތައިލުމާއި ،އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ ގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުން ހިމާޔަތް ކުރުމަށް ނެގި ވޯޓެއް ނޫންކަމުގައި ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ. 15 ސެޕްޓެމްބަރު 2017 ގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން، ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާއިރު މިއަދު ފޮރިން މިނިސްޓްރީއިން ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެ ވޯޓަކީ އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72 ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަންގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި ނަސްލު ނައްތާލުމާއި، ޤަތުލު އާއްމުތަކާއި ހަނގުރާމައިގެ ކުށްތައް ކުރުމާއި، އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުން ހިމަނާނެތޯ ބެލުމަށް، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން ނެގުނު އުސޫލީ ވޯޓެއް ކަމަށެވެ.

އދ އިން ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ ‘ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް'(އާރު. ޓޫ.ފީ) ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ ކަމަށެވެ. އަދި ރާއްޖެއިން ވަނީ ވަރަށް ކުރީއްސުރެ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ނިންމާފައިކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބަޔާނުގައި ބުނެފައި ވަނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމަށާއި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި ގޮވާލާފައިވާކަމަށެވެ .