English Edition
Dhivehi Edition
Islamophobia and muslim women discrimination concept. Woman in black hijab covering face with hands, posing over gray studio background

(މިއީ ދެކުނުގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކު އޭނަގެ ޙަޔާތާއި ބެހޭގޮތުން އަމިއްލަ އަށް ކިޔައިދީފައިވާ ޙަގީގީ ވާހަކައެކެވެ.)

ކޮންމެ އެއްޗެއްގެވެސް މުހިއްމުކަމާއި އޭގެ ފައިދާއާއި އެނގެނީ އެ އެއްޗެއް އަތުން ބީވެ، ގެއްލިގެން ދިއުމުންނެވެ. މިއީ އިންސާނުންގެ ތަބީޢަތެވެ. ދުނިޔެއަކީ ތަފާތު އެކި ކުލަކުލައިން ޒީނަތްތެރި ވެފައިވާ ތަނެކެވެ. އެއްބަޔަކު ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިގެން އޭގެ އަވައިގައި ޖެހިފައިވާއިރު، އެއްބަޔަކު ދުނިޔެއާއި ޢާޚިރަތް ކާމިޔާބު ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރެއެވެ. ނަމަވެސް ނިސްބަތުން މަދުބައެކެވެ. އެއްބައެއްގެ ބޮލުގައި ތަފާތު ދޮގުތުޙުމަތު އެޅުވި އޭގެ ވޭނުގައި ދުވަސްތައް ހޭދަކުރަމުންދާއިރު، އެ ތުހުމަތުކުރާ ފަރާތް އެވަނީ ޖާހިލުކަމާއި، ޝައްކާއި ވަހުމުގައިކަން ކަށަވަރެވެ. އޭނާ އެ ހަލާކުކޮށްލަނީ އޭނާގެ މުޅި ދިރިއުޅުންކަން ކަށަވަރެވެ. ނަމަވެސް އޭގެފަހަތުގައި އޮތީ ކޮންއެއްޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އެދެނީ އޭނާއަށްވެސް ދެ ދުނިޔޭގައިވެސް ކުރިއެރުމާއި ކާމިޔާބީއެވެ.

އަހަރެންގެ އެއްވެސް ކުށެއްނެތި އަހަރެންގެ ހިތް ހަލާކުކޮށް، އަދި ދިރިއުޅުން ފުނޑުފުނޑު ކޮށްލިކޮށްލުމަކީ އަހަންނަށް ލިބުނު ޢިބުރަތެކެވެ. ފުރަތަމަ ފަހަރަށް ދިރިއުޅުމެއް ފަށާ އަހަރެންދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިކޮށް ބިކަ ކޮށްލީމާ އަހަންނަށް ލިބުނީ ދެވަނަ ފަހަރަށް ހިތްވަރާއެކު އަލުން ތެދުވުވެ ހިންދެމިލުމުގެ އާ ފުރުސަތެއްކަން ކަށަވަރެވެ.

އަހަރެންނަކީ އުފާވެރި މަޖާ، މީހުންނާއި ގުޅޭ މިޒާޖެއްގެ މީހެކެވެ. ޙަޔާތެއްފަށާ ދިރިއުޅުމަކާއި ދޭތެރޭ ވިސްނަން ފެށީއްސުރެން އަހަރެން އުންމީދު ކުރަމުންދިޔައީ އަހަރެންގެ ބައިވެރިޔާއަކީ އަހަރެންފަދަ އުފާވެރި، މީހުންނާއިގުޅޭ، މަޖާމިޒާޖެއްގެ މީހަކަށް ވުމަށެވެ. ކަންތައް ވީވެސް އަހަރެން އުންމީދު ކުރި ގޮތަށެވެ. އަހަރެންގެ ބައިވެރިޔާވީ އަހަރެން އުންމީދުކުރި ފަދަ މީހަކަށެވެ. އޭނާއަކީ ވަރަށް މީހުންނާއި ގުޅޭ، ވަރަށް އަންޑަސްޓޭންޑިންގްމީހެކެވެ. ބޮޑުއާއިލާއަކަށް ނިސްބަތްވެގެންވާ މީހެކެވެ.

ނަމަވެސް އަހަރެންގެ ދިރިއުޅުމުގައި އަހަރެން އުންމީދުކުރި ގޮތާ ޚިލާފަށް ކަންތައްތައް ދެން ވެގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. އަހަރެން ﷲގެ މިންވަރުފުޅަށް ރުހެމެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ. އެއްޗެއް ނުވަތަ ކަމެއް ލިބުން އެއީ ނިޢުމަތަކަށްވާފަދައިން އެއްޗެއް ބީވެ އުނިވެގެން ދިއުމަކީވެސް ނިޢުމަތެއްކަމުގައި ނޫނީ ނުވާނެއެވެ.

އަހަރެންގެ ޙަޔާތުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިރިމީހާގެ ނަޒަރުގައި އަހަރެންނަކީ ދޮގުވެރި، މަކަރުވެރި، ބޭވަފާތެރިއަކަށްވުމެވެ. އަހަރެންނަކީ ބަދުއަޚުލާޤީ ޢަމަލުހިންގާ ޒިނޭކުރާ މީހަކަށް ވުމެވެ. މިއީ އަހަރެންގެ ބައިވެރިޔާ އަހަރެންނާއި ދޭތެރޭ ދެކެމުން އަންނަ ގޮތެވެ. މިއީ އަހަރެންގެ ބޮލުގައި ދުވާލަކު އެތަކެއް ފަހަރެއްގެމަތީން އެޅެމުން އަންނަ ދޮގު ތުހުމަތުތަކެވެ. މި ތުހުމަތުތަކުން ބަރީޢަވުމަށްޓަކައި އޭނާ އަހަރެން ލައްވައި އެތައް ފަހަރަކު ﷲގަންދީ ހުވާކުރުވައެވެ. އަހަރެން އޭނާ ބުނާގޮތަކަށް އޭނާ ލައިދޭ އިބާރާތަކުން އެ ހުވާތައް ކުރަމެވެ. ނަމަވެސް އޭނާ އެހުވާތަކެއް ޤަބޫލެއް ނުކުރައެވެ. އެ ކުރާ ހުވާގެ އިބާރާތް ތަކަކީ އެވަގުތު އޭނާގެ މޫޑް ހުންނަ ގޮތަކުން ކުރުވާ ހުވާތަކެކެވެ. އެ ހުވާތަކުގެ ސަބަބުން އޭނާގެ ހިތްހަމަޖެހެނީ ކުޑަ ވަގުތު ކޮޅަކަށެވެ. އެވަރުގެ ބޮޑެތި ހުވާތައް އޭނާ އަހަރެންލައްވައި އެ ކުރުވަނީ އޭނާގެ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވެއެވެ. އޭނާ އަހަރެންނާއި އަހަރެންގެ ހިތްހަމަޖެހުން ޤައިދުކުރިއެވެ. މިނިވަންކަމާއި އެކު ދިރިއުޅުން ހޭދަކުރުމުގެ ފުރުސަތު ބަންދުކޮށް އަހަރެން އަޅުދާސްތު ކުރުވިއެވެ.

އަހަރަމެން ދެމީހުން ކައިވެނީގެ މަތިވެރި މާތް ޢަޤުދުން ޢަޤުދުވެގެން އުޅޭތާ މިއީ 14 ވަނަ އަހަރެވެ. ފާއިތުވެގެން މި ދިޔަ ހުރިހާ އަހަރު ތަކެއްގައިވެސް އަހަރެން އޭނާއަށްޓަކައި، މި ގުޅުން ކުރިޔަށް ގެންދިއުމަށްޓަކައި، ވެވެންހުރި ހުރިހާ ޤުރުބާނީތަކެއްވީމެވެ. އަހަރެންގެ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި އަހަރެން އޭގެ އިންތިހާއަށް މަސައްކަތްކުރީމެވެ. ސައްތައިން ސައްތަ ވަފާތެރިވީމެވެ. އަހަރެންގެ އާއިލާއާއި، ރައްޓެހި ރަޙުމަތްރެރިންނާ، އުޅެ ބޮޑުވި ރަށްދޫކޮށްގޮސް އޭނާގެ އަތުގައިހިފީ އެއީ އަހަރެންގެ މުޅި ދުނިޔެކަމުގައި ދެކިގެންނެވެ. އަހަރެންގެ ރަސްގެފާނަކީ އެއީ ކަމުގައި ދެކިގެންނެވެ. އެ ދެއަތުގެ ޙިމާޔަތަށް އެދި އަހަރެންގެ މުޅިދިރިއުޅުން އޭނަޔާއި އެކުކައި ވުމަށް އެދި ޤުރުބާންކުރީމެވެ. ހަމަ އެފަދައިން އޭނާވެސް އޭނާގެ މުޅި ދިރިއުޅުމަކީ އަހަރެންކަމުގައި އަހަރެންގާތު އެތައް ފަހަރަކު ބުނަމުންގެން ދިޔައެވެ. އަދި އަހަންނަކީ އޭނާގެ ހަމަޖެހުމާއި، ހިތުގެ ހިނގުން ކަމުގައިވެސް ބުނަމުން ގެންދިޔައެވެ. އަދި އަހަންނާއި ނުލާ އޭނާގެ ދިރިއުޅުމަކީ ބޭކާރުއެއްޗެއްކަމުގައިވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. އަހަރެންގެ އުނގަށް މުޅިދުނިޔޭގައިވާ ހުރިހާ އުފާތަކާއި، ހަމަޖެހުމެއް ޖަމާކޮށްދޭނެކަމަށްވެސް ތަކުރާރުކޮށް ބުނަމުންގެންދިޔައެވެ. މުޅި އުމުރަށް އަހަންނާއިއެކުގައި ވާނެކަމަށްއެތަކެއް މަޢުދުތަކެއްވިއެވެ. އެހެނަސް ކަންތައްވީ އެއާއި މުޅިން ޚިލާފަށެވެ.

ދިރިއުޅުމުގައި އެންމެ އުފާކުރަންވީ ވަގުތު ،ދަރިން ލިބި ދިއުޅުމުގައި ހެއްދި ބަގީޗާގައި މާތަށް ފޮޅި ފަރިވެލާ ބަގީޗާ ތާޒާވެލާ އެއިން ރީތިކަމާއި، މީރުވަސް ދުވެ، ހިތަށްފިނިކަމާއި އަރާމް ހޯދަންވީ ވަގުތު، އަހަންނަށް ފާރަލުމަކީ އޭނާގެ ވަޒީފާކަމުގައި ހަދައި، ދިމާވާ ކުދި ކުދި ކަންތައް ތަކުގައި ޒުވާބުކޮށް ތަޅާ ފޮޅުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި އޭނާހެދިއެވެ. ދެގުޅުމެއް ކުރިއަށް ގެންދިއުމުގައި އިތުބާރަކީ ނެތް އެއްޗެއް ކަމުގައި އޭނާ ހެދިއެވެ. އަހަންނަކީ އޭނާ ހިތަށް އެރިހާވަގުތަކު ހިތަށް އެރިހާ އެއްޗެއްގޮވަން ހުރި އަޅެއްފަދަ މީހެއްކަމުގައި ހެދިއެވެ. އޭނާގެ ނަޒަރުގައި އަހަންނަކީ ފެންނަ ކޮންމެ މީހަކާއި ޒިނޭ ކުރަމުން ދުވާ، މަކަރުވެރި ހަވަރު ތުންފުއްސެކެވެ. އަހަރެންނާއި ޒުވާބުކުރަމުން ހިތަށްއެރިހާ އެއްޗެއް ގޮވަމުން އޭނާ ގެންދަނީ އެ ވިހަގަދަ ބަސްތަކުން އަހަރެންގެ ހިތަށް ކުރާނޭ އެއްވެސް އަސަރަކަށް ބެލުމެއްނެތިއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އަހަރުމެންނަށް ލިބިފައި ތިބި ތިންކުދިންނަކީ އޭނާގެ ފުށުން ލިބިފައިތިބި ކުދިން ނޫންކަމަށް ތަކުރާރުކޮށް ބުނަމުން ގެންދެއެވެ.

އެކަމަކު އަހަރެން އުފާކުރާކަމަކީ އޭނާގެ ފަރާތުން އެދެމުން ދިޔަ އިތުބާރާއި ޔަޤީކަން އޭނާގެ ޢާއިލާގެ ފަރާތުން އަހަންނަށް ލިބެމުންދާތީއެވެ. އެއީ އަހަންނަށް ޙައްޤުވާ އިތުބާރަކާއި ޔަޤީންކަމެއްކަމަށް އެމީހުނަށް ޤަބޫލުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

އަހަރެން އުންމީދު ކޮށްގެންހުރީ ފަހުނޭވާއާއި ހަމައަށްވެސް އަހަރެންގެ މުޅި ދިރިއުޅުން އޭނާއާއި އެއްކޮށް ހޭދަކުރުމަށެވެ. އެއީ އަހަރެންނަށް ޙަޤީޤީ ލޯބި މި ދުނިޔެއިން ވެވުނު ފުރަތަމަ އިންސާނާއެވެ. ފިރިހެނެއްގެ ފުށުން އަންހެނަކަށް ލިބޭނޭ އަރާމާއި އުފާ އަހަރެންނަށް ފުރަތަމަ އިޙުސާސްވި މީހަކީވެސް އެއީ އެވެ. އޭނާގެ އެ ފޮނިހަނދާން ތަކާއި އެ ހިތި ހަނދާންތަކަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލާނުދާނެ ހަނދާންތަކެކެވެ. ހަމައެއާއިއެކު އޭނާގެ ފަރާތުން އަހަރެންނަށް ލިބިފައިވާ 3 ކުދިންނަކީ އަހަރެންގެ މުޅި ޙަޔާތެވެ. މުޅި ދިރިއުޅުމެވެ. އަހަރެންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އޭނާ އަހަންނާއި ޒުވާބުކޮށް ހަދާކޮންމެ ވަގުތަކު އަހަރެންގެ ކުޑަކުޑަ ތިން ދަރިން އަހަރެންގެ ހިމާޔަތުގައި ތެދުވަނީ އައްޑަނަތަކެއް ފަދައިންނެވެ. އެކަމާއި އަހަރެން އުފާކޮށް ޝުކުރުވެރިވަމެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއޭ ބުނާ ބީދައިން އޭނާ އަހަންނާއި ޒުވާބުކުރާ ކޮންމެ ފަހަރަކު އެކުދިން ކުރިން ބިރުގަތަސް މިހާރު އެ ކުދިންގެ އެބިރުވަނީ ފިލާގޮސް އެކަމަށް ހޭނިފައެވެ. ނަމަވެސް އެތަން ފެނި އެކުދިން ދެރަވެ އެކަމާއި ހިތާމަކުރާކަން އަހަންނަށް އެނގެއެވެ. ސަބަބަކީ އެކުދިން އަހަރެންދެކެ ލޯބިވާފަދައިން އެކުދިންގެ ބައްޕަ ދެކެވެސް ލޯބިވާތީއެވެ.

ނަމަވެސް މިހާރު އަހަރެން އުންމީދު ކުރަނީ އޭނާގެ ޙަޔާތުން ދުރަށްދިއުމަށެވެ. ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއޭ ބުނަމުންދާ ބީދައިން އަހަރެންގެ ބޮލުގައި ދުވާލަކުއެތަކެއްފަހަރު އެޅެމުންދާ ދޮގުއިލްޒާމް ތަކަށް ނިމުމެއްގެންނާށެވެ. އަހަރެންގެ ހަލަބޮލިވެފައިވާ ނަފްސަށް ހަމަޖެހުމުގެ ވަގުތުކޮޅެއް ގެންނާށެވެ. ކުދިކުދިވެ ހަލާކުވެފައިވާ އަހަރެންގެ ނިކަމެތި ހިތަށް ހަމަޖެހުމެއް ގެންނާށެވެ. ﷲ އިރާދަކުރެއްވިއްޔާ އެކަންތައް އަހަރެން ކުރާނަމެވެ. ގޮތެއް ފެންނާނީ ގޮތެއް ހޯދަން ނުކުތީމެވެ. މަންޒިލެއް ހޯދޭނީ ދަތުރުހަދައި އެދަތުރަށް ފެށީމައެވެ.

އޭނާ އަހަރެންގެ ބޮލުގައި ޒިނޭގެ ތުޙުމަތު އަޅުވާއިރު، އޭނާ އަހަރެންގެ ޙަޔާތަށް އައިފަހުން އެނޫން ދެވަނަ މީހަކަށް އަހަރެންގެ ނަފުސު ނޭދެއެވެ. އެނޫން އެއްވެސް ފިރިހެނަކަށް އަހަރެން ނުބަލަމެވެ. ސަބަބަކީ އަހަރެންގެ “މިސްޓަރ ޕާފެކްޓަކީ” އޭނަކަމަށް ވީތީއެވެ. މިގޮތަށް އަހަރެން އެތައް ފަހަރަކު ތަކުރާރުކޮށް އޭނާގާތު ބުނަމެވެ. މިއީ ހަމަ ހަޤީޤަތުގައިވެސް ތެދެވެ. އެނޫން އެހެންމީހަކަށް އަހަރެން ނޭދެމެވެ. ނަމަވެސް މިވާހަތަކެއް އޭނާ ޤަބޫލެއްނުކުރެއެވެ.

އަހަރެންގެ ހިތަށްއަރައެވެ. އިންސާނުންގެ ތެރެއިން އެއްބަޔަކު ހާދަހާވާ މޮޔައެވެ. ލޯބިވާ މީހަކު ހަޔާތަށް އައިސް މުޅި ހަޔާތް އެމީހަކާއި އެކީގައި ހޭދަކުރުމަށް ތައްޔާރަށް ހުންނަކަން އެނގޭއިރުވެސް އެކަމަށްޓަކައި ފުރަގަސްދީ އެނިޢުމަތާއި ދުރަށްދަނީ ކީއްވެގެންހެއްޔެވެ؟ ބައެއް އަންހެނުން ވަފާތެރިކަމާއި، ތެދުވެރިކަމާއި އެކީގައި އުޅޭއިރު އޭގެ އިނާމަކަށް ލިބެންވީ ވޭނާއި ހިތްދަތިކަންހެއްޔެވެ؟ ހަމަޔަޤީނުންވެސް އަހަރެންގެ ބޮލުގައި ދުވާލަކު އެތަކެއް ފަހަރަކު އެއަޅުވާއިލްޒާމް ތަކަކީ ދޮގު އިލްޒާމް ތަކެކެވެ. އަހަރެން ހެއްދެވިފަރާތް އެކަމަށް ހެކިވާނެއެވެ. ނަމަވެސް އަހަރެން ދެރައެއް ނުވަމެވެ. ސަބަބަކީ އެކަމުން އަހަރެންނަށް ކެތްތެރިވާން ދަސްވެއްޖެއެވެ. ރުޅީގެ މައްޗަށް ބުއްދި އިސްކުރަން ދަސްވެއްޖެއެވެ. ގަދަޔަށް ރުޅި އަންނަފަހަރުތަކުގައިވެސް ގޯސް ހެދުމުގެ ބަދަލުގައި ނަފްސް ކޮންޓްރޯލްކުރަން ދަސްވެއްޖެއެވެ. ވޭނާއި ހިތްދަތިކަމުގައިވެސް ކެތްތެރިކަމާއިއެކު ދިރިއުޅުމާއިގެން ކުރިޔަށްދާން ދަސްވެއްޖެއެވެ.

މިހާރު އަހަރެން ދެރައެއްނުވަމެވެ.އަހަރެން ޤަބޫލުކުރާގޮތުގައި އޭނާ އަހަރެންގެ ބޮލުގައި އަޅުވަމުންދާ ދޮގުއިލްޒާމް ތަކުން އޭނާއަކީ އަހަރެން އެދުނު މިސްޓަރ ޕާފެކްޓް ނޫން ކަން ސާބިތުކޮށްދީފިއެވެ. އޭގެ ސަބަބުން އަހަރެންނަށް ދުނިޔެ ދަސްވެއްޖެއެވެ. އެކަނިމާއެކަނިވެސް ދިރިއުޅުމާއިގެން ކުރިޔަށްދާން ދަސްކޮށްދީފިއެވެ. މައިންބަފައިންނާއި، އެއްބަނޑު އެއްބަފާމީހުންގެ މުހިއްމުކަން ދަސްކޮށްދީފިއެވެ. ޙަޔާތުގައި އެއްފަހަރު ފެއިލްވުމަކީ އެއިން އިބުތަރް ޙާސިލްކޮށްގެން ދެވަނަ ފަހަރަށް ޓުރައިކުރަން ލިބޭ ފުރުސަތެއްކަން ދަސްކޮށްދީފިއެވެ. އަހަންނަށް ކުރިމަތިވީ ފިލާވަޅުތަކެކެވެ. އެއިން އަހަރެން ފެއިލްވީއެކޭ ދަންނަވާކަން ނެތީމެވެ. އަހަންނަށް ލިބުނު ފިލާވަޅުތަކުން ޢިބުރަތް ލިބިގަންނަން އަހަރެންގެ ފަހަތުގައި ތިން އަންހެން ދަރިން ތިބުމަކީ އަހަރެން އުފާކުރާ ކަމެކެވެ. ދިމާވާ ދަތިއުދަނގޫ ކަންތައް ތަކުން ޢިބުރަތް ލިބިގަނެ ކުރިޔަށް ދިއުމަކީ އެންމެ ބުއްދިވެރިގޮތެވެ. އިންސާނުންނަށް ކެތްކުރެވޭނީ ވަކިމިންވަރަކަށެވެ. ހީނާފަތުގެ އަސްލަކީ އެއިން ގެނުވާ ރަތްކުލަކަމަށްވިޔަސް ހީނާފަތުން ކުލަނެރެވެނީވެސް އެފަތްތައް ޗިސްޗިސް ކުރުމުންނެވެ.

ދިރިއުޅުމުގައި ދިމާވާ ދަތި އުދަނގޫ ޙާލަތްތަކުގައި އަންހެނާ އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ވަރަށް މުހިއްމުކަމެކެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ އަޒުމަކީ އަމިއްލަފައިމައްޗަށް ތެދުވެ އަހަރެންގެ އަންހެންދަރީންވެސް އެމީހުންގެ އަމިއްލަފައިމައްޗަށް ތެދުކުރުވުމެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ތަޢުލީމަކީ އޭގެ މުހިއްމުކަން ކޮޅުނެތްކޮޅަށް ފެތުރިފައިވާ ގޮވާންކުރާ ދަނޑެއްފަދަ އެއްޗެއް ކަން އަންގައިދިނުމެވެ.

ދިރިއުޅުމުގެ މި ދަތި އުނދަގޫ މަރުހަލާ ވެގެން ދިޔައީ ލިބިގެން ކުރިމަތި ކުރުވި ވަރުގަދަ އިމްތިޙާނަކަށެވެ. މި އިމްތިޙާނުން އަހަންނަށް ދަސްވެގެން ދިޔައީ ދަތިއުދަގޫވަގުތުތަކުގައިވެސް ހިތްވަރާއިއެކު ކުރިޔަށްދިއުމަށެވެ. ހިތް ރޮއި ރޮއި ހުންނަ ޙާލުގައިވެސް ހިނިތުންވުމާއެކު އަނެކުންނާއި ކުރިމަތިލުމަށެވެ. ހިތްދަތި ވަގުތުތަކުގައި ޝުކުރުވެރިވުމަށެވެ.

އޭނައާއި އޭނަ އަހަރެންގެ ބޮލުގައި އެޅުވި ދޮގުއިލްޒާމް ތަކަށް އެއްދުވަސްވަރަކު ރޮއި ހިތާމަކުރިޔަސް މިއަދު އެއިލްޒާމްތަކަށް އަހަރެން ޝުކުރުއަދާކުރަމެވެ. އޭނާ އަހަންނަށް އިތުބާރުނުކުރުމުން މިހާރު އަހަރެން އުފާކުރަމެވެ. އިތުބާރަކީ ދެމީހެއްގެ ގުޅުމުގައި އެންމެ އިސް ރޯލެއްއަދާކުރާނެ މައިބަނދައެވެ. ތެދެކެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އިންސާނުންގެ އަތުގައި ނަސީބު ހިފާނީ އެކިގޮތްގޮތަށެވެ. އަހަރެންގެ ނަސީބު އަހަރެންގެ އަތުގައި މި ހިފީ މިގޮތަށް ކަމަށްވެސް ވެދާނެއެވެ. މާދަމާ ކަންހިނގާނީ ކިހިނެއްކަމެއް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ. މިންވަރަށް ރުޙި ޤަބޫލުވުމަކީ މުޢުމިނުންގެ ސިފައެކެވެ. ކެތްތެރިކަމުގެ މޭވާ އަކީ ނުލިބި ނުދާނޭ އެއްޗެއްކަން ކަށަވަރެވެ. “ވަގުތަކީ ފަރުވާއެކެވެ”. ވަގުތާއެކު ހުރިހާ ކަމެއްވެސް ބަދަލުކޮށްލައެވެ. އިންސާނުންނަށްޖެހޭނީ ކެތްކުރާށެވެ.

އަހަރެންގެ ދިރިއުޅުން އެންމެ ހަލަބޮލިވީވަގުތު މަތީ ތަޢުލީމަށް ފުރުސަތުލިބުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަސީބެވެ. މަތީތަޢުލީމަށް ދިރިއުޅުމުގެ “ނައު” ދީލާލި ވަގުތަކީ ދިރިއުޅުމަށް އެތަކެއް ބަދަލުތަކެއް އައި އުނދަގޫ ވަގުތެކެވެ. ނަމަވެސް އަހަރެންގެ ވިސްނުންހުރީ ފުރުސަތަކީ ނުލިބޭނެއެއްޗެއްކަމާއި، ހިތްވަރާއިއެކު މަސައްކަތް ކޮށްގެން ނޫނީ އަހަރެންގެ ދިރިއުޅުން އުޖާލާނުވާނޭކަމެވެ. އޮޅުންބޮޅުންވެފައިވާ އަހަރެންގެ ދިރިއުޅުން ތިންކުދިންނާއިގެން ކުރިޔަށް ގެންދެވޭނީ މަތީތަޢުލީމަށްލިބުނު ފުރުސަތުގެ ބޭނުންކޮށްގެންކަމެވެ. ކުލާހަށް ހާޒިރުވާ ގަޑިތަކަކީ ޝައްކާއި ވަހުމުން ފުރިގެންވި އަހަރެންގެ ބައިވެރިޔާއަށް އުދަގޫ ވަގުތުތަކެއް ކަމުގައިވީ ކަމުގައިވިޔަސް އެވަގުތަކީ އަހަންނަށާއި އަހަރެންގެ ނަފުސަށް ހަމަޖެހުން ގެނުވައިދިން ވަގުތުތަކެކެވެ. ދިރިއުޅުމާއި ދޭތެރޭ ހަމަހިމޭން މާޙައުލެއްގައި އިނދެ ވިސްނާލަން ލިބުނު އަމާން ވަގުތުތަކެކެވެ.

މިހާރު ކިޔެވުމުގެ ދުވަސްތައްވެސް ނިމުމަކާއި ގާތްވަނީއެވެ. މިހާރު އަހަންނަށް އިޙުސާސްވަނީ ފާއިތުވެގެންދާ ކޮންމެދުވަހަކާއެކު އަހަރެންގެ މަންޒިލް ގާތްވަމުންދާކަމެވެ. ދެންވާނެގޮތެއްއެނގޭނީ ދަތުރަށް ފުރީމައެވެ. އަހަރެން އަހަރެންގެ ނަފްސް ޙަވާލުކޮށްގެން މިހިރީ އަހަރެން ހެއްދެވިފަރާތާއިއެވެ. ކޮންމެކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. އޭގެފަހަތުގައިވީ ކޮންގޮތެއްކަން އެނގޭނީ މާތްﷲއަށެވެ. އޮތީ ދެގޮތެވެ. މޮޅުގޮތާއި ދެރަ ގޮތެވެ. އިންސާނުންނަށް އޮތީ މިންވަރަށް ރުޙި ޤަބޫލުކުރުމެވެ.

 

2 ކޮމެންޓް
Princess
މާޗް 24, 2021
Varah furiha liyumeh❤️
މޯޑް
މާޗް 4, 2021
ޥަރަށް ޢަދަބީ ، ޢިބާރާތް މޮޅު ލިޔުމެއް. އެމުނި އެކުލެވުން ވަރަށް ފުރިހަމަ