English Edition
Dhivehi Edition

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ޕަދްމަވަތީގެ އެކްޓަރު ރަންވީރު ސިންގް އަށް ފިލްމުގެ މަންޒަރެއް ކުޅުމުގެ ތެރޭގައި އަނިޔާ ވެއްޖެއެވެ. މި ފިލްމުގައި އަލާއުއްދީން ޙިލްޖީގެ ރޯލުން ފެނިގެންދާ ރަންވީރަށް އަނިޔާވީ ފިލްމު ނިންމުމަށްޓަކައި ކުޅެންޖެހޭ އެންމެ ފަހުގެ މަންޒަރުތައް ނިންމުމުގެ ތެރޭގައެވެ. މި އެކްސިޑެންޓާއި ބެހޭ ގޮތުން މީޑިއާ އާއި މާ ގިނަ ވާހަކަތަކެއް ފިލްމު އުފައްދާ ފަރާތުން ހިއްސާކޮށްފައި ނެތްނަމަވެސް ރަންވީރު އާއި އެކު ފިލްމުގެ މަސައްކަތުގައި އުޅޭ ފަރާތަކުން ބުނެފައިވަނީ ފިލްމުގެ މަންޒަރެއް ނެގުމުގެ ތެރޭގައި ރަންވީރު އަމިއްލައަށް އޭނަގެ ބޮލުގައި ޖެހުމާ ގުޅިގެން ވަރަށް ބޮޑަށް ބޯފަޅައިގެން ދިއުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމުގައެވެ. “ރަންވީރު އަށް ފިލްމުގެ މަންޒަރުތެރެއަށް ވަދެވިފަ ހުރިވަރުން ނޭގުނު ބޯފަޅައިގެން ދިޔަކަމެއްވެސް. އެހެން މީހުންނަށް ލޭ އަންނަ މަންޒަރު ފެނުމާއެކު ޝޫޓިން ހުއްޓާލާ އެތަނުގައި ފުރަތަމައެހީ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައީ. އެކަމަކު ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހުވެސް ރަންވީރު ފުރަތަމަ ވެސް ދިޔައީ ޝޫޓިންއަށް” އެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.މީގެ އިތުރުން އެ ފަރާތުން ބުނެފައިވަނީ ބޮލަށް ލިބުނު ގެއްލުމާއެކުވެސް އެ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މަންޒަރެއް ރަންވީރު ވަނީ ޝޫޓްކޮށް ނިންމާލާފައިކަމުގައެވެ. ފިލްމުގެ ޝޫޓިން ފެށި ދުވަހުން ފަށައިގެން އެކި ކަހަލަ މައްސަލަތައް ދިމާވަމުންދާ ޕަދްމަވަތީ އަކީ ލީލާ ބަންސާލީގެ ފިލްމީ ހަޔާތުގައިވެސް އުފައްދާ އެންމެ ގިނަ މައްސަލަތަކާ ކުރިމަތިލާންޖެހުނު ފިލްމު ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ