ދިރޭ ޖަނަވާރާއި ގަސް ރާއްޖެއަށް އެތެރެ ވުމުގެ 24 ގަޑިއިރު ކުރިން އެ ތަކެއްޗާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އަންގައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރެވޭ ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރުމުގައި، އެތަކެތީގައި ހުންނަން ޖެހޭ މިންގަނޑު ކަނޑައެޅުމާއި ބަލާފާސްކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވަނީ އެ މިނިސްޓްރީއާ ކަމަށާއި، ފަހަކަށް އައިސް ރާއްޖެއަށް ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީވެ، އެތަކެތި ބަލައި ފާސްކުރުމުގައި އަދި ލިޔެކިޔުން ހޯދުމުގައި، އެ މިނިސްޓްރީއަށް އަދި ތަކެތި އެތެރެކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ދިރޭ ޖަނަވާރާއި ދިރޭ ގަސް އެތެރެ ކުރާ ފަރާތްތަކުން، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެ ވުމުގެ 24 ގަޑިއިރު ކުރިން، އެ މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް، އެތެރެކުރެވޭ ތަކެއްޗާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުވަންވާނެ ކަމަށާއި، ލިޔެކިޔުންތައް ފޮނުވާނީ، އެ މިނިސްޓްރީގެ “އެގްރިކަލްޗަރ އޮންލައިން ޕޯރޓަލް“ގެ ޝިޕްމަންޓް ނޯޓިފިކޭޝަން މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އީމެއިލް ކުރައްވާނަމަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ.
އެ އިންތިޒާމް އެ ގޮތައް ހަމަޖައްސާފައިމިވަނީ، “ދިވެހި ރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު” ގެ 6 ވަނަ މާއްދާއާއި 10 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ ދަށުން ކަމަށާއި، އެ އިންތިޒާމަށް އަމަލުކުރަން ފަށާނީ އިޢުލާން ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 15 ދުވަސް ހަމަވާ ދުވަހުން ފެށިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ޝިޕްމަންޓް ނޮޓިފިކޭޝަން ނުފޮނުވާ، ފަރާތްތަކުގެ ޝިޕްމަންޓް ބަލާ ފާސްކުރުމުގައި، ދިމާވާ ދަތިތަކަށް އެ މިނިސްޓްރީގެ ފަރާތުން ޒިންމާނުވާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އަދި ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤާވައިދުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ އިޢުލާނުގައި އެ މިނިސްޓްރީން ބުނެފައި ވެއެވެ.