English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ރާއްޖެ އަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހުރި މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ 11 މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ މޭ މަހު އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ވިސާމް ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލާފައިވާއިރު ވިސާމްގެ އިތުރުން 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. މި މައްސަލައިގައި މަސްދޯނިން ހަތް މީހާކާއި މާލެތެރެއިން 04 މީހަކު ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ،

މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ:

  • އަހްމަދު ވިސާމް، މއ. ބޮއިލިންފިޝް
  • އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ
  • މުހައްމަދު ހަމީދު، ގދ.ރަތަފަންދޫ، ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، މ. މާކޮޅު،
  • މުހައްމަދު ޝާމިން، މއ. ވިރާހު،
  • އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4،
  • ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ،
  • ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން،
  • މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ،
  • މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު
  • މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ

ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ.