ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު މެންދުރު 13:30 ގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުން ވަކިކުރީ އެ މަގާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައެވެ. މި މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. ޕީޖީ އޮފީހުން މި މައްސަލަތައް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.
މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.
މި މައްސަލާގެ ތަހުޤީގަށް އަލީ ވަހީދު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އޭނާގެ ދިރިއުޅުއްވާގެ ބަލާފާސްކޮށް 15 މީހެއްގެ ބަޔާންވަނީ ނަގާފައެވެ. އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ އޭނާ ވިދާޅުވީ މީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއްކަމަށެވެ. އަދި ތަހުޤީގު ނިމުމުން ހަގީގަތް ހާމަވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެއެވެ.