English Edition
Dhivehi Edition

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކުގެ ތެރޭގައި ގއ. ގެމަނަފުށީގައި ހަދާ ޕާކުގެ މަސައްކަތް ނިމި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް ގެމަނަފުށީ ކައުންސިލުން ބުނެފިއެވެ.

“އަމީނީ ޕާކު” ގެ ނަމުގައި ހުޅުވުމަށްތައްޔާރުވަމުން އަންނަ މި ޕާކުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކުރާ މި ޕާކުގައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ގެމަނަފުށްޓަށް ގެނެސްފައިވާ ކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވިއެވެ.

ޕާކަށް ބޭނުންވާ ތަކެތި ހޯދައި ޕާކު ތަރައްގީ ކުރުމުގެ އިސްދައުރެއް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓުސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓުން ކުރައްވަވަމުން ގެންދަވާތީ ޝިޔާން ވަނީ އެކަން ފާހަގަކޮށް މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވަވާފައެވެ.

މި ޕާކުގެ ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީން ކުޅޭ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދެއްވަވާފައިވާ އިރު ތަކެތި މާލެ އިން ރަށަށް ގެނައުމާއި އަދި ޕާކުގެ ވަށާއިންފާރު ރޭނުމުގެ އިތުރުން ޕާކު ނިންމުމަށް ކުރަން ޖެހޭ އިތުރު މަސައްކަތްތަކަށް ޚަރަދު ކޮށްފައިވަނީ ގެމަނަފުށީ ކައުންސިލުންނެވެ.

ޝިޔާން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މި ޕާކުގެ މަސައްކަތްތައް ނިމި ޕާކުގެ ބޭނުން ކުރެވޭނެ ފަދަ ގޮތްތަކަށް މަސައްކަތް ނިންމުމަށް އަމާޒު ހިފާފައި ވާކަމަށެވެ.

“ގެމަނަފުށީގެ ރައްޔިތުންގެ އުއްމީދަކީ ކުރިޔަށް މިއޮތް 2021 ވަނަ އަހަރަކީ އިތުރު ގިނަ ޕުރޮޖެކުޓުތަކެއް ގެމަނަފުށީގައި ހިންގޭނެ އަހަރަކަށް ވެގެން ދިއުން. މިފަދަ މަސައްކަތްތަކެއް ގެމަނަފުށީގައި ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވީތީ މިހާރުގެ ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” ޝިޔާން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ރަށްތަކުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.

ޕާކުތަކަށް ބޭނުންވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވަނީ މަގަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކަށް ޒިޔާރަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިންނަށް އެ ކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިއީ ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ބަޔަކު ހީކޮށްފާނެ ކަމަށާއި އެހެން ނަމަވެސް މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާއެކު ރަށްރަށުގައި ތިބި އެތައް ހާސް ކުޑަކުދިންނެއްގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގެމަނަފުށީގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން އެރަށުގައި ހުރި ކުޑަކުދިންގެ ޕާކުގެ ސާމާނުތައް އާކުރުމަށްފަހު ފެންވަރު ރަނގަޅު ސާމާނާއެކު ކުޑަކުދިންނަށް އަލުން ހުޅުވައިލާފައެވެ.