ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހަކު ކަމުގައި ވާންޖެހޭނެ އެވެ.
މީގެ އިތުރުން އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، ޢުމުރުން 18 އަހަރު ފުރިފައިވުން އަދި މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުން ހިމެނެއެވެ.
އަދި އެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުމާއި، ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުމާއި ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމުގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފެއް ކަމުގައި ނުވުން އަދި މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 ޑިސެންބަރު 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި އެ ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ. ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
ޓްރައިބިއުނަލް އަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންވެސް މައްސަލައިގެ ހަޤީޤަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްޙޫރިއްޔާއެވެ.