English Edition
Dhivehi Edition

ސަލާންޖަހައިގެން ތަރައްޤީ ގެނައުމަށް ވުރެ އަމިއްލައަށް ބޮޑުކަމު ދިއުމަށްފަހު އޭގައި ދަނޑިބުރިއަކުން ތެޅުން ވެސް މާ ރަނގަޅުވާނެ ކަމަށް ބުނެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވަޒީރުންގެ މަޖިލީހަށާއި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯރޓަށް ސަންނަ ބަހުސް ކޮށްފައިވަނީ ހުވަދު އަތޮޅު ބަހުންނެވެ. ސަންނަ މިއަދުގެ ބަހުސްގައި ވަނީ ވަޒީރުން ފޯނު ނުނަންގަވާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ސަންނަ ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބޭފުޅުން ހިތްހަމަ ނުޖެހުމުން، ރައްޔިތުން ހޮވާފައިވާ މެންބަރުން ގުޅުމުން ފޯން ނުނެންގެވުމީ ވެރިކަން ކުރުމެއް ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެންބަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރިކަމުގައި ވިއަސް ވަޒީރުންގެ މަޖިލީހުން އެބޭފުޅުން ބޭނުންވާ ކަންތައް ނިންމާލަނީ އެ ވަޒީރުންގެ ފައި ދަށަށް ވެއްޓި، “ވަޒީރަށް ޝުކުރިއްޔާ” މިފަދައިން ވާހަކަ ދައްކަވާ މެންބަރުންނަށް ފައިދާވާ ފަދަ ގޮތަކަށް ކަމަށް ސަންނަ ވަނީ ފާހަގަކުރައްވާފައެވެ.

މި ނިޒާމް ބަދަލުކޮށްގެން ނޫން ގޮތަކަށް ރައްޔިތުންގެ ހައްގުތައް ހޯދައި ނުދެވޭނެކަމަށް ސަންނަ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަލްޓި ޕާޓީއަށް ވެރިކަން ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ސަންނަ ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިލައްވާފައެވެ.

އެ ރަށެެއްގެ ބަޔަކު އެރަށެއްގެ ވެރިކަން ކުރާ ނިޒާމެއް ގެނެވެން ޖެހޭކަން ދަސްކޮށްދެއްވީ ކުރީގެ ދިވެހިރާއްޖޭގެ ރައީސްކަން ކޮށްދެއްވާފައިވާ އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ފާހަގަކުރައްވާ ކައުންސިލްތައް މެދުވެރިކޮށް ވެރިކަން ހިންގުން އެއީ ރައީސް ނަޝީދު ވަކާލާތުކުރެއްވި ކަމެއްކަމަށްވެސް ސަންނަ ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންނަށް އެކި ގޮތްގޮތުން ފައިދާކުރާނެ ވެރިކަމެއް ކުރަމުން ދަނިކޮށް މުޙައްމަދު އަމީނުގެ ވެރިކަން ވައްޓާލުމަށް ސިޔާސީ ބަޔަކު މަސައްކަތް ކުރިފަދައިން ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުންދީ ވެރިކަން ވައްޓާލާފައި ވާކަމަށް ސަންނަ ވަނީ ވިދާޅުވެފައެވެ. މަކަރުވެރި ބައެއްގެ ރޭވުމުން ސަލާމަތްވެ ހުންނެވުން މީ ދެވަނަ ފުރުސަތެއް ދެއްވުން ފަދަ ކަމެއް ކަމަށާއި އިމްތިހާނެއް ކަމަށް ބުނެ، ކުރިން އެކުރެއްވި ފަދައިން ކައުންސިލްތައް މެދުވެރިކޮށް ރަށްތައް ތަރައްގީކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ސަންނަ މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ.

މިއަދުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ޒަމާނުއްސުރެ ބަޖެޓް ތަންފީޒު ނުކުރެވިގެން އެއް އަހަރުން އަނެއް އަހަރަށް ބަދަލުކުރަން މި ޖެހޭ ނިޒާމު ކަމުނުދާކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށްވެސް ސަންނަ ވަނީ ގެނެސްފައެވެ.