ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވުމުން އެކަމާއި ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިިދާޅުވިގޮތުގައި ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް އަނެއްކާ ވެސް ރައްޔިތުން ތެދުވާން ޖެހޭ ކަމަށެވެ.
“ޑްރަގްގެ ވަބާއިން މުޖުތަމައު ސަލާމަތް ނުކުރެވި، އެތައް އާއިލާތަކެއް ހިތްދަތި ކަމުގެ ތެރެއަށް ގެނބި، ހައްލެއް ނުލިބި ތިއްބައި، ރަށްރަށުގައި ރާ ވިއްކުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން، ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް އަނެއްކާ ވެސް ރައްޔިތުން ތެދުވާން ޖެހޭ.” އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޝިޔާމް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައިވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވި ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ރާ ލިބެން ހުންނަ ކަމަށާއި ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމުގައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވިގޮތުގައި ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ޖެހޭ ކަމަށާއި އެފަދަ ގޮތެއް ރަށްރަށުގައި ޤާއިމުކުރެވިފައި ނެތުމުން މިހާރު އުކުޅަސް ތޮއްޑޫ އަދި ރަސްދޫއަށް އަންނަ ފަތުރުވެރިން ގެންދަންޖެހެނީ 45 މިނިޓުގެ ލޯންޗު ދަތުރެއްކޮށްފައި ރިސޯޓަށް ކަމުގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖައްސައި ހުއްދަ ދިނުމުގެ ގަވާއިދެއް އެކުލަވާލައިލި ނަމަވެސް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމުން އިހްތިޖާޖް ކުރަން ފެށުމުން ފަހުން އެ ގަވާއިދު ވަނީ ބާތިލްކޮށްފައެވެ.