އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން (ޔޫޑީ) ފައިނޭންސިނގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ބައްލަވައިގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އުރީދޫ އިން ހާމަކުރި ގޮތުގައި މި ޕަރޓްނާޝިޕްގެ ދަށުން އެމްއައިބީ ޔޫޑީ ފެސިލިޓީ ގެންގުޅުއްވާ ކޮންމެ ބޭފުޅަކަށްވެސް އުރީދޫ މޯލްޑިވްސްއިން ލިބެންހުރި ކޮންމެ ޑިވައިސްއެއްވެސް އިންސްޓޯލްމެންޓްއަށް ބައްލަވައިގަނެވޭނެއެވެ.
“އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކާއިއެކު އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. އެހެންކަމުން، މި ޕަރޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެން މާރކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭންއެއްގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވޭކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން އަންނަނީ މިހާރުވެސް އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ. އެގޮތުން ޑިވައިސްތައް ބައްލަވައިގަންނަވާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކުގެ ދަށުން ލިބިވަޑައިގަންނަވާ ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ބައްލަވައިގަންނަވާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ. އަދި އެހެނިހެން ނެޓްވާރކްތަކުގެ ކަސްޓަމަރުންނަށްވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންފުޅުވާ ޑިވައިސްއެއް ހެޔޮ އަގުގައި ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.
އުރީދޫ އިން ބުނި ގޮތުގައި އިންސްޓޯލްމެންޓް ޕްލޭން ކަނޑައެޅިގެންދާނީ ކޮންމެ ކަސްޓަމަރެއްގެ އެވޭލަބަލް ލިމިޓްއަށް އެކަށޭނަ ގޮތަށް އެމްއައިބީ އިން އެޕްރޫވް ކުރެވިގެންކަމަށް އެމްއައިބީ އިން ހާމަކޮށްފައިވާކަމަށެވެ. އެގޮތުން މާލެ އަދި ހުޅުމާލެ އުރީދޫ ޝޮޕަށް ވަޑައިގެން ބޭނުންފުޅުވާ ފޯން، އެކްސެސަރީ އަދި ޑިވައިސް އެމްއައިބީ ޔޫޑީ ފެސިލިޓީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެކަމަށްވެސް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.