މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ “ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގައި ބައިވެރިވެ ޤުރުއާން ކިޔެވުމުގެ ރެކޯޑިންގ ވައިބާއިން ފޮނުވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި ގިނަ ބައިވެރިންގެ ޝަކުވާއަކަށްވެފައިވަނީ އެބޭފުޅުންނަށް ކިޔެވުމުގެ ރެކޯޑިން ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ހުރުމާއިގުޅިގެން، ޕޯޓަލަށް ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާނެކަމަށެވެ.
މީގެ ކުރިން މިމުބާރާތް ބާއްވާ ގޮތާއި ޚިލާފަށް މިއަހަރު ވާޗުއަލްކޮށް މިމުބާރާތްބާއްވަން ނިންމާފައިވަނީ ރާއްޖޭގައި މިވަތުގު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމާއި ރެކޯޑިންގތައް ހުށަހެޅުމުގެ މުއްދަތަކީ 16 ނޮވެމްބަރ އިން ފެށިގެން 28 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. ފައިނަލްބުރުގެ ރެކޯޑިންގތައް ހުށަހަޅަންޖެހޭނީ 13ޑިސެންބަރ އިން 17 ޑިސެންބަރ ވާ ބުރާސްފަތި ދުވަހު މެންދުރު 2:00 ހަމައަށެވެ.
މުބާރާތުގައި ރަޖިސްޓްރީވީ ކަމުގައި ބެލެވޭނީ ރެޖިސްޓްރީ ވީ ކަމުގެ މެސެޖް ކެނޑިޑޭޓަށް ލިބުމުންނެވެ.
މުބާރާތް ހުޅުވާލެވިފައިވަނީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) ކިޔަވާ ގޮތަށެވެ.