English Edition
Dhivehi Edition

އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ހެނދުނު 09:00 އާއި 10:00 ދެމެދު ރަސްފަންނާއި ވީ ދިމާލު ބޭރު ކަނޑުއަޑީގައި ނިޔާވެފައި އޮއްވާ ފެނުނު ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ އަހުމަދު ނިޔާވި ސަބަބު ދެނެގަތުމަށް އިންޑިއާ އަށް ހަށިގަނޑު ގެންގޮސްގެން ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުގައި ނިޔާވި ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ،

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސިދުރަތުﷲގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު އެއްޗެއް ކައިފައިވުމުގެ ސަބަބުން ލިބިފައިހުރި ޒަހަމް ތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ހެދުނު ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެ އިދާރާއިން ވަނީ މި ޕޯސްޓްމޯޓަމް އާއި ގުޅުން ހުރި އިތުރު ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މިހާރުވެސް އަންނަނީ އިތުރަށް ބަލަންޖެހޭ ކަންތައްބަލާ ތަހުގީގު ކުރަމުންނެވެ.

ސިދުރަތުﷲ ރަސްފަންނާ ދިމާލަށް މޫދަށް ފޭބި ވީޑިއޯއެއް ފުލުހުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ. އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.