ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ލެސްޓާ ސިޓީ މޮޅުވެ ސައްތައިގެ ރެކޯޑް ދެމެހެއްޓިއިރު، މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އޭސީ މިލާން ބަލިވެއްޖެއެވެ.
އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ނޯވޭގެ މޯލްޑް ބަލިކޮށްފައެވެ. ލެސްޓާގެ ދަނޑުގައި ޕޯޗުގަލްގެ ބްރާގާ އަތުން 4-0 އިން މޮޅުވިއިރު، މިލާންގެ ދަނޑުގައި އެ ޓީމު ލިއްލޭ އަތުން ބަލިވީ 3-0 އިންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ މޯލްޑް އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ މާޓިން އެލިންސަން އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އާސެނަލުން އެއްވަރުކުރި ލަނޑަކީ މޯލްޑްގެ ކްރިސްޓޮފާ ހޯގަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ރޭގެ މެޗުގައި އާސެނަލުން ފުރަތަމަ ފަހަރަށް ލީޑްނެގީ ވެސް މޯލްޑްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި މި ލަނޑުޖަހައިދިނީ މޯލްޑްގެ ޝެރީފް ސިންޔަން އެވެ. އޭގެ ހަތް މިނެޓުފަހުން އާސެނަލްގެ އައިވަރީ ކޯސްޓް ވިންގާ ނިކޮލަސް ޕެޕޭ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި އާސެނަލުން ޖެހި ފަހު ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޯ ވިލޮކް އެވެ.
މި މެޗުން މޮޅުވެ ސައްތައިގެ ރެކޯޑަކާއެކު އާސެނަލުން ގްރޫޕުގެ އެއްވަނައިގައި އޮތްއިރު، 2017/18 ވަނަ އަހަރުގެ ސީޒަނަށްފަހު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން 15 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ހަތަރު މެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.
މި މުބާރާތުގައި ރޭ ލެސްޓާ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ ޑެނިސް ޕްރަޓް އާއި ޖޭމްސް މެޑިސަން އެވެ. ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ސައްތައިގެ ރެކޯޑަކާއެކު ލެސްޓާ ވެސް އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ބްރާގާ އަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
މި ފަހަރުގެ ސީޒަނުގެ މިހާ ހިސާބަށް އައިއިރު ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި އެއްވެސް މެޗަކުން ބަލިނުވެ އޮތް މަދު ޓީމުތަކުގެ ތެރޭގައި ހިމެނުނު މިލާނަށް ރޭ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު، މި މެޗުގައި ލިއްލޭ އިން ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްދިނީ ތުރުކީގެ ފޯވާޑް ޔޫސުފް ޔަޒީޝީ އެވެ. މިއީ މި ފަހަރުގެ ޔުރޮޕާ ލީގުގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ.
މިނަތީޖާއާއެކު ލިއްލޭ ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕް އެޗްގެ އެއްވަނައަށް ޖެހިލާފައެވެ. އޭގެ އެއް ޕޮއިންތް ފަހަތުން ދެވަނައިގައި މިލާން އޮތްއިރު، މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ސެލްޓިކްގެ ދަނޑުގައި 4-1 އިން މޮޅުވެ ޗެކްރިޕަބްލިކްގެ ސްޕާޓާ ޕްރާގް ވަނީ ތިން ޕޮއިންޓާއެކު ތިންވަނަ އަށް އަރާފައެވެ. އެންމެ ފުލުގައި އޮތް ސެލްޓިކަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.