English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަޙްމަދު އަވްޝަން އިލްޔާސް (މިހާރު)

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 33 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،916 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 93.01% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11،737 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 776 މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،318 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 228 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 56 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 38 މީހަކު ވަނީ މަރުވެފައެވެ. އެއީ 31 ދިވެހިންނާއި ހަތް ބިދޭސީންނެވެ.