އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން ފަހު ވަގުތު ވައްދާލި ލަނޑުން 1-0 އިން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމަށް ފަސްވަނަ ލިބުނީ ހަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން ބަލިވި ބާންލީ އޮތީ އެއް ޕޮއިންޓާއެކު ފުލުން ތިންވަނައިގައެވެ. ލީގުގައި އެންމެ ފަހުން ކުޅެވުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ އެވަޓަން އާއި ލިވަޕޫލެވެ. މި ދެ ޓީމަށްވެސް 13 ޕޮއިންޓް ލިބިފައިވާއިރު، އެވަޓަން އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނަ އާއި ހަތަރުވަނައިގައި އޮތީ އެސްޓަން ވިލާ އަދި ލެސްޓާ ސިޓީ އެވެ. މި ދެ ޓީމުގެ ފަރަގަކީ ވެސް ފައިދާ ގޯލެވެ.
ބާންލީގެ ޓާފް މޫ ގައި ރޭ ކުޅުނު މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ޓޮޓެންހަމުންނެވެ. އެހެންނަމަވެސް، މުޅި މެޗުގައިވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލި ބާންލީ އިންނެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ގޯލެއް ކާމިޔާބުކުރިއެވެ. ބާންލީގެ ފޯވާޑް އޭޝްލީ ބާންސް ޖެހި ގޯލް ބަލަނުގަންނަން ރެފްރީ ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ބާންސް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސޮން އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ސޮން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ސޮން ވަނީ މިހާތަނަށް ލީގުގައި 8 ލަނޑުޖަހައި، ލަނޑުލިސްޓުގެ އެއްވަނަ އަށް ޖެހިލާފައެވެ.
ޓޮޓެންހަމުން މި ލަނޑުޖެހުމުގެ ކުރީން، ބާންލީގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ އަށް ވަނީ ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ކެޕްޓަން އޭޝްލީ ވެސްޓްވުޑް ނަގައިދިން ހުރަހަކުން ޓާކޯސްކީ ބޮލުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކޭން ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
ލީގުގައި ރޭ ބްރައިޓަންގެ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ބްރޮމްގެ ކެޕްޓަން ޖޭކް ލިވަމޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ބްރައިޓަން ލީޑްނަގާފައިވަނިކޮށް، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ވެސްޓް ބްރޮމް އަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ ކާލާން ގްރާންޓް ވައްދާލި ލަނޑުންނެވެ.