English Edition
Dhivehi Edition
އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ އަޅުކަމާ ތަޤްވާގެ މޫސުން ފެށެނީއެވެ. މިއީ އާޚިރަތުގެ އަގުބޮޑު މުދާ ހެޔޮ އަގުގައި “ސޭލް އެޅުވޭ” ފައިދާ ބޮޑު ބާޒާރުގެ މޫސުމެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދާ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
މިމަތިވެރި މޫސުމަކީ ތަޤްވާގެ މައްސަރުކަމުގައިވާ، ބަރަކާތްތެރި ރަމަޟާން މަހެވެ. މިމައްސަރަށް ތައްޔާރުވާން ގެދޮރު ސާފުކޮށް، ދޮވެ، ކުލައާއި ދަވާދުލައި ޒީނަތްތެރިކޮށް، ހިފައިގެންގުޅޭ ތަކެތި އާކޮށް، ބާވަތް ބާވަތުގެ ކާބޯތަކެތި ގެއަށް ވައްދައި ރައްކާކުރުމަކީ މިމައްސަރަށް ތައްޔާރު ވުމުގެ ގޮތުން އެންމެ އާއްމުކޮށް ކުރެވޭ ކަންކަމެވެ. ރަމަޟާން މަސް ފަދަ މައްސަރަކަށް ތައްޔާރުވުމުގެ ގޮތުން އިސްރާފަކަށް ނުވާ މިންވަރަށް މިދެންނެވުނު ކަންކަން ކުރުމަކީ ނެތް ކަމެއް ނޫނެވެ.
އެހެންނަމަވެސް، މިދެންނެވުނު ކަންކަމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ރޫޙާނީ ގޮތުން މިމަތިވެރި މައްސަރަށް ތައްޔާރުވުމެވެ. މިކަމަށްޓަކާ ކުރެވިދާނެ ބައެއް ކަންކަން މިފުރުސަތުގައި ފާހަގަކޮށްލާނަމެވެ.
1- ތައުބާވެ ޝަރުޠު ހަމަވާ، އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން ދުޢާކުރުން. އެހެނީ، ރޯދައިގެ އެންމެ މަތިވެރި މަޤްޞަދު ކަމުގައި ކީރިތި ﷲ އަންގަވާފައި ވަނީ ތަޤްވާވެރިވުމެވެ. ތަޤްވާވެރި ވެވޭނީ މިދެންނެވި ކަންކަން ކުރެވިގެންނެވެ.
2- ރޯދައިގެ ޙުކުމްތަކާއި، އެމަހުގައި ކުރެވޭ ޢަޅުކަންތަކުގެ މަޢުލޫމާތު ރަގަޅަށް ހޯދައި ދެނެގަތުން
. 3- ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، ރަމަޟާންމަހުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޢަޒުމްކަޑައެޅުން.
4- ރޫޙާނީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ތިމާ ރަމަޟާންމަހުގައި ކުރާނެ ކަންކަމުގެ ތާވަލެއް އެކުލަވައިލުން.
5- ކީރިތި ﷲ ވަޙީކުރައްވާފައިވާ ފަދައިން ރަމަޟާންމަހަކީ ކުޑަ ދުވަސްކޮޅެއްކަން ހަދާންކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ނަފުސަށް މާބޮޑަށް ބުރަ ނުވާނެ ގޮތަށް ތިމާގެ ޢަމަލުތައް ރާވައިލުން.
6- މިރަމަޟާންމަހަކީ އެތައް ރަމަޟާންމަހެއްގެ ސަވާބު ތިމާ ހޯދާނެ މައްސަރަކަށް ހެދުމަށްޓަކައި، ރޯދަވެރިންގެ ތެރެއިން ނިކަމެތި ފަޤީރުންނަށް ޞަދަޤާތްކުރުމާއި، ހެޔޮ މަގުން އެއްފަރާތްވާ ފަރާތްތަކަށް ނަސޭހަތްދީ އެމަގަށް އެޅުވުމަށް މަސައްކަތްކުރުން ފަދަ ކަންކަން ގިނަ ކުރުން.
ދެންނެވުނު ފަދައިން ތައްޔާރުވެވިއްޖެ ނަމަ، ރަމަޟާންމަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބި، ރަމަޟާންމަސް ނިމޭއިރު ފުއްސެވުމާ ދިންނެވުން ލިބޭ މީހުންގެ ތެރެއިން ތިބާވެގެން ދާނެއެވެ. ކީރިތި ﷲ އަޅަމެން އެންމެންނީ ރަމަޟާންމަސް އެންމެ ހެޔޮ ގޮތުގައި ވޭތިކުރާ މީހުން ކުމުގައި ލައްވާށިއެވެ. އާމީން.

ނޯޓް: މިއީ ލިޔުންތެރިންގެ ގުޅުމުގައި އައްޝައިޚް މުޙައްމަދު އަބްދުﷲ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަސްލެކެވެ.