English Edition
Dhivehi Edition
މީގެ ކުރިން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގޭގެ ގޯތިތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --

ހުޅުމާލެ އާއި ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައިވަނީ ހުޅުމާލެ ދެ ފްލެޓަކާއި ގެއެއް ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް އާއި ފުލުހުންގެ އިންޓެލިޖެންސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންގެ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި އެތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެންނެވެ.

19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫއެއް ފެނުމާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއްގެ ގޯތި ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އޮކްޓޫބަރު 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މަސްތުވާތަކެތީގެ އެ މައްސަލަތައް ހުޅުމާލެ ޕޮލިސް އާއި ފުވައްމުލަކު ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.