English Edition
Dhivehi Edition
ވަޒީފާއާބެހޭ ޓްރައިބިއުނަލް - ފޮޓޯ: ސަން

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިންޓަރންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ޓްރައިބިއުނަލުގައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 06 މަސް ދުވަހުގެ މުއްދަތުގެ 08 އިންޓާންޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އިންޓާންޝިޕްގެ ދަށުން ޢާއްމުކޮށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޓްރައިބިއުނަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ޓްރައިބިއުނަލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރައިބިއުނަލުން ހިންގާ ތަމްރީންތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން އަދި ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން ހިމެނެއެވެ.

މީގެ އިތުރުން ވަޒީފާއާބެހޭ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުންތައް ބަލާ ދިރާސާކުރުމާއި، ދިވެހިރާއްޖޭގައި މިފަދަ މައްސަލަތަކުގައި މީގެ ކުރީން ޢަމަލުކޮށްފައިވާ ގޮތް ބަލާ ހޯދުމާއި، ޤާނޫނީ ލިޓްރޭޗަގައި މިފަދަ މައްސަލަތަކާއި މެދު ޢަމަލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތް ދެނެގަތުމުގައި އެހީތެރިވުމުގެ އިތުރުން ޓްރައިބިއުނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުންވެސް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޓްރައިބިއުނަލްގެ އިންޓާންޝިޕަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ޙާޞިލް ކޮށްފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރަކަށް ވާންވާނެއެވެ. އަދި އެ މަސައްކަތަށް މީހުން ނެގުމުގައި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ ޓްރައިބިއުނަލުން ބުންޏެވެ.

މީގެ އިތުރުން އެ މަސައްކަތަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުމާއި، ވޭތުވެދިޔަ ފަސް އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން ހިމެނެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އެ ޓްރައިބިއުނަލްގެ އިންޓަރންޝިޕަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމޭލުކުރުމަށް އެ ޓްރައިބިއުނަލުން ވަނީ އަންގައިފައެވެ.

1 ކޮމެންޓް
Kaalhu
އޮކްޓޯބަރު 19, 2020
Theegen addu ga thibe meeehunah othy ކޮން ފައިދާއެއް.