English Edition
Dhivehi Edition
ވަގުތު ފުޓްސަލް ޗެލެންޖް: ފޮޓޯ: ވަގުތު

ކޮންމެ ކަމެއްގައިވެސް ތިމާއަށްވުރެ ބޮޑެތިމީހުން ދައްކާވާހަކަ ގަބޫލުކޮށް އެ ވާހަކަތަކަށް އަމަލުކުރުމަކީ ހަމަ ޔަގީނުންވެސް މިހާ ކުރިއަރާ ދިއުމުގެ އެއް ސިއްރުކަން ޔަގީނެވެ.ތިމާ ކުރާ ކޮންމެ ކަމެއްގައި ރީތި އަހްލާގާއެކު އެހެން މީހުންނަށް އިހުތިރާމްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މިއީ އާންމު ދިރިއުޅުމުގައިވެސް އަދި ކުޅިވަރުގެ މައިދާނުގައިވެސް މިހާ ކުރިއަރާދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ޔަގީނެވެ.

ސ.މަރަދޫ އަށް އުފަން އުމުރުން 20 އަހަރުގެ ހަސަން އައިކް އަކީ ހަމަ ޔަގީނުވެސް ކުޅިވަރުގެ ދާއިރާގައި ރީތި މިސާލެއްގެ ގޮތުގައި ފާހަނގަކޮށްލެވޭ ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ އައްޑޫ ޔޫތް ޗެމްޕިއަންޝިޕްގައި މުޅި މުބާރާތުގެ ފެއާ ޕްލެޔަރުގެ މަގާމު ހަގީގަތުގައިވެސް އައިކުއަށް ހައްގެވެ. އުމުރު އެންމެ 08 އަހަރުގައި މަރަދޫ ސްކޫލްގެ ޓީމަށް ކުޅެން ފެށި އައިކްއަކީ ކިތަންމެ ޕްރެޝަރު ބޮޑު މެޗެއްގައިވެސް އޭނާގެ ރީތި އަހްލާގް ދަނޑުމަތިން ދައްކަމުންދާ ކުޅުންތެރިއެވެ. 2008 ވަނަ އަހަރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ކުޅިވަރުގެ ދަނޑަށް ނިކުތް އައިކުއަކީ މިއަދު މަރަދޫގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ޒުވާނެކެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން އައްޑޫ ސިޓީގައި ބާއްވާ ކޮންމެ މުބާރާތެއްގައިވެސް ޓީމްތަކަށް، އޭނާ ގެންނަން ބޭނުންވާ ކުޅުންތެރިއެވެ. “ޓީމަކަށް ކުޅެން އެއްބަސްވުމުގެ ކުރިން އެންމެ ފުރަތަމަވެސް ބަލަން އެ ޓީމެއްގެ ކުޅުންތެރިންނަށް. އަހްލާގު ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްތޯ ބަލަން. އެއީ ވަރަށް މުހިއްމު ކަމެއް” އައިކް ޓީމަކަށް ކުޅެން އެއްބަސްވުމުގެ ކުރިން ބަލާ ކަންކަން ހާމަކުރަމުން ބުންޏެވެ.

އަބަދުވެސް ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިކު ބުނީ ރުޅިގަދަވެގެން ކުޅެން އުޅެފިނަމަ މެޗު އަތުން ދޫވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. ” ބަލިވެފައި އޮންނަ މެޗެއްގައިވެސް ދަނޑުމަތީގައި ޑިސިޕްލިން ނުހިފެހެއްޓިއްޖެނަމަ ޓީމަށް އެކަމުން ގެއްލުން ވެ މެޗުން މޮޅުވުމުގެ ފުރުސަތުވެސް ގެއްލިގެންދާނެ” މެޗުތައް ކުޅެމުންދާއިރު އައިކް އެންމެ ބޮޑު އިސްކަމެއް ދެނީ އަބަދުވެސް އެހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތީގައި މޮޅު ކުޅުމެއް ކުޅެ މެޗު ނިންމާލުމަަށެވެ. މީގެ އިތުރުން އައިކު ބުނީ މެޗުތަކުގައި އަބަދުވެސް ބަލަނީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމަށް އެންމެ ބޭނުންވާ މޮޅު ކުޅުމެއް ކުޅެވޭތޯކަމަށެވެ.”ކުޅުންތެރިންޖެހޭނެ، ޓީމްގެ ކުޅުންތެރިންގެ އިތުރުން އިދިކޮޅު ޓީމްތަކުގެ ކުޅުންތެރިންނަށްވެސް އިހްތިރާމްކޮށް ރީތި އަހްލާގެއް ދައްކަން” ކުޅުންތެރިންގެ ގައިގައި ކޮންމެހެންވެސް ހުރުން މުހިއްމު ސިފައެއްގެ ގޮތުގައި ފާހަގަކުރަމުން އައިކް ބުންޏެވެ.

ފަހުގެ ތާރީހުތަކުގައި، އައްޑޫގައި ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އައިކުގެ ކުޅުން ފެނިގެން ދިޔައިރު އޭނާ ބުނީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ މާލޭގައި ބޭއްވި ޔޫތް ޗެމްޕިއަން ޝިޕް 2018ގައި ގްރީން ސްޓްރީޓް ކްލަބަށް ކުޅެ އެ ޓީމަށް ޗެމްޕިއަންކަން ލިބިގެން ދިއުން ކަމަށެވެ. އަބަދުވެސް ވެލެންސިއާ އާއި އަލީ އަޝްފާގްއަށް ސަޕޯޓްކުރާ އައިކު ބުނީ އޭނާ ރާއްޖެއިން ބޭރުން އެންމެ ސަޕޯޓްކުރަނީ ބާސެލޯނާއަށް ކަމަށާއި މެސީ އަކީ އޭނާ އެންމެ ތާއިދުކުރާ ކުޅުންތެރިޔާކަމަށެވެ. އަބަދުވެސް ގައުމީ ޓީމަށް ކުޅުމުގެ ހުވަފެން ދެކެމުން އަންނަ އިއިކް ބުނީ ބޭނުންވަނީ ފުޓްބޯޅައިގައި އިތުރަށް ކުރިއަށް ގޮސް ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.

ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ކޯޗު ޗިޅާ، އަދި ކޯޗު އިބްރާހީމް ނަސީމުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް އައިކު ބުނީ ކުރިއަށް ދިއުމުގައި ހުރިހާ ރައްޓެހިންގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަމަށެވެ، ” އައިކުގެ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އަބަދުވެސް ތިދޭ ތަރުހީބަށް ޝުކުރުވެރިވަމޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަޕޯޓަރުންގެ ތިގޮތުގައި ތިބެދޭށޭ. އަބަދުވެސް ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް، ކުޅުމަށް މަސައްކަތް ކުރާނަން” އައިކް ބުންޏެވެ.

އޭއޯ ޓީމުން އެދެނީ އައިކުއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.