ކަރަންޓު ބިލާއި ގުޅުންހުރި ޝަކުވާގެ ގޮތުގައި ފެނަކަ ފުވައްމުލަކަށް ލިބެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ތިން ޝަކުވާ ކަމަށް ފެނަކަ ފުވައްމުލަކުގެ މެނޭޖަރ، ހުސައިން ޝާފީ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝާފީ ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ކަރަންޓަށް ދިމާވަމުން އައި ގިނަ މައްސަލަތަކެއް މިހާރު ހައްލު ކުރެވިފައިވާ އިރު މިހާރުވެސް ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މި ސަރުކާރުން ފުވައްމުލަކުގެ ކަރަންޓު ނެޓްވޯކް 11 ކިލޯ ވޯލްޓަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެވިފައިވީ ނަމަވެސް މަދު ސަރަހައްދުތަކަކަށް އަދިވެސް އެންމެ ރަނގަޅު ވޮލްޓޭޖު ނުލިބޭކަމަށް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ މައްސަލަ ދިމާވަނީ ރަށު ތެރެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ފޯމަރުގެ ދުރުވުމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކެއްގެ ސަބަބުން ކަމަށްވެސް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ. ޝާފީ ވިދާޅުވިގޮތުގައި އެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ފުވައްމުލަކަށް ގެނެވިފައިވާ ކަމަށާއި މަސައްކަތް ނުފެއްޓި ވަނީ މަސައްކަތަށް ބޭނުންވާ ޕެނަލުގެ ބައެއް ނުލިބި ލަސްވުމުގެ ސަބަބުން ކަމަށެވެ.
ޝާފީ އިތުރަށް ވިދާޅުވިގޮތުގައި ކަރަންޓު ބިލް ބޮޑު ވުމުގެ ސަބަބެއް ކަމުގައި ގެތަކުގައި ބެހެއްޓިފައި ހުންނަ އޭސީ ސާވިސް ނުކުރުމާއި ހޫނު ގަދަވުން ފާހަގަކުރެވިފައިވާ ކަމަށެވެ، އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން އިލެކްޓްރޯނިކް އާލާތްތައް ހިންގުމަށް ބޭނުންކުރާ ކޮއިލް ތައް ފިނި ކުރުމަށް ބޭނުންކުރާ ކަރަންޓު އިތުރުވެގެންދާ ކަމަށެވެ. ހަމަ މިގޮތަށް ހޫނު ގަދަ ދުވަސް ދުވަހު އެއަރ ކޮންޑިޝަންތަކުގެ ކޮމްޕްރެސަރު ގިނަ ވަގުތު ޖެއްސިފައި ހުރުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވާ ކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.
އޭސީފަދަ ތަކެތި ހަރުކުރާއިރު ރައްޔިތުން އެކަމާއި މެދު ބޮޑަށް ހޭލުންތެރިވުމަށް ވެސް ޝާފީ ވަނީ އެދިލައްވާފައެވެ. އެގޮތުން އޭސީ ހަރުކުރާއިރު އެ އޭސީ އަކީ ހަރު ކުރެވޭ ތަނަކަށް އެންމެ ބޭނުންވާ ސައިޒުގެ އޭސީއެއްތޯ ބެލުން މުހިންމު ކަމައްވެސް ޝާފީ ވަނީ ފާހަގަކުރައްވާފައެވެ. ތަނުގެ ސައިޒާއި ނުބައްދަލު އޭސީ އެއް ހަރުކުރުމުގެ ސަބަބުންވެސް ކަރަންޓު ބިލަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ޝާފީ ވިދާޅުވިއެވެ. މީގެ އިތުުރުން ކަރަންޓު ވަޔަރު ކުރުމުގައި ރަނގަޅު ފެންވަރުގައި އެކަން ކުރުމަކީވެސް ކަރަންޓުގެ ހަރަދު ކުޑަކުރެވިގެންދާނެ ކަމެއް ކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ.
ކަރަންޓު ބިލް ބޮޑު ވުމަކީ ފުވައްމުލަކުގެ ގިނަ ރައްޔިތުންތަކެއް ތަކުލީފު ކުރަމުން އަންނަ ވޭނަކަށް ވާއިރު ރަށު ފެންވަރުގައި ރައްޔިތުން ކަރަންޓު ބޭނުންކުރުމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގިގެން ދިއުމަކީ ކަރަންޓު ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމެއް ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.