English Edition
Dhivehi Edition
ލޮސް އެންޖެލަސް ލޭކާސް ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން އެންބީއޭ ތަށްޓާއެކު. --ފޮޓޯ: އެންބީއޭ

އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯޅަ ލީގު (އެންބީއޭ) ފައިނަލްގައި މިއަދު ކުޅުނު މެޗުގައި މިއާމީ ހީޓްގެ މައްޗަށް 93-106 ޕޮއިންޓުން ކުރިހޯދައި ލޮސް އެންޖެލަސް ލޭކާސް އެ މުބާރާތުގެ ތަށި 17 ވަނަ ފަހަރަށް ހޯދައިފިއެވެ.

މިއާއެކު ލޭކާސް ވަނީ މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބޮސްޓަން ސެލްޓިކްސްގެ ރެކޯޑާ ހަމަކޮށްފައެވެ. މި ދެ ޓީމު ވެސް މި މުބާރާތް 17 ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

މިއީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެންބީއޭ ޕްލޭ އޮފްސްގައި ވާދަކުރި ލޭކާސް އިން 2010 ވަނަ އަހަރުގެ ފަހުން އެންބީއޭގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ލޭކާސް އިން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންބިއޭ ފައިނަލްސްގެ ބެސްޓް އޮފް ސެވަން ސީރީޒް 4-2 އިން ކާމިޔާބުކޮށްގެންނެވެ.

ކޮވިޑް-19ގެ ސަބަބުން މި ފަހަރުގެ އެންބީއޭ ސީޒަނުގެ ފަހުބައި އެމެރިކާގެ ފްލޮރިޑާގެ ވޯލްޓް ޑިޒްނީ ވޯލްޑް ރިޒޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު، މި އަހަރުގެ ފައިނަލްސްގެ ފުރަތަމަ ދެ މެޗު ލޭކާސް އިން ގެންދިޔައީ 116-98 އަދި 124-114 އިންނެވެ. އަދި ދެންޖެހިގެންއައި މެޗު މިއާމީން 115-104 އިން ގެންގޮސްފައިވާއިރު، ހަތަރުވަނަ މެޗު ލޭކާސް އިން ކާމިޔާބުކުރީ 102-96 އިންނެވެ. ދެންޖެހިގެންއައި މެޗު 111-108 އިން ގެންދިޔައީ މިއާމީ އިންނެވެ.

މިއާމީ ހީޓް ބާސްކެޓްބޯޅަ ޓީމާ ދެކޮޅަށް ލޮސް އެންޖެލަސް ލޭކާސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

އޯލާންޑޯގެ އެޑްވެންޓްހެލްތު އެރީނާގައި މިއަދު ކުޅުނު އެންބީއޭ ފައިނަލްސްގެ ހަވަނަ މެޗުގެ ފުރަތަމަ ދެ ކުއާޓާ އަށް ފަހު ލޭކާސް އިން ވަނީ 28 ޕޮއިންޓްގެ ލީޑެއްނަގާފައެވެ. އެގޮތުން، ލޭކާސް އިން ފުރަތަމަ ދެ ކުއާޓާ ގެންދިޔައީ 28-20 އަދި 36-16 އިންނެވެ.

ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް މިއާމީން ވަނީ ފަހު ދެ ކުއާޓާގައި ތަފާތު ކުޑަކޮށްފައެވެ. ޖެހިގެންއައި ތިންވަނަ ކުއާޓާ، ލޭކާސް އިން 23-22 އިން ގެންގޮސްފައިވަނިކޮށް މިއާމީން ފަހު ކުއާޓާ ގެންދިޔައީ 35-19 އިންނެވެ. އެހެންނަމަވެސް، އޭރު މިއާމީން މެޗު ކާމިޔާބުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އަމާޒަށް ވާސިލްނުވެވި ލޭކާސް އަތުން ބަލިވީ 13 ޕޮއިންޓްގެ ފަރަގަކުންނެވެ. ލޭކާސް އިން މި މެޗު ކާމިޔާބުކުރީ 106-93 އިންނެވެ.

މި މެޗުގައި ލޭކާސްގެ ފޯވާޑް ލެބްރޮން ޖޭމްސް ވަނީ 28 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑާއެކު 10 އެސިސްޓް ހަމަކޮށް، ޓްރިޕަލް ޑަބަލްއެއް ހާސިލްކޮށްފައެވެ. މިއާމީ އިން އެންމެ ރަނގަޅަށް ކުޅުނީ 25 ޕޮއިންޓާއެކު 10 ރީބައުންޑް ނެގި ސެންޓަ ބޭމް އަޑެބާޔޯ އެވެ.

އެންބީއޭ ފައިނަލްސްގެ އެމްވީޕީއަކަށް ހޮވުނީ ވެސް ލޭކާސް އަށް މި މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޖޭމްސް އެވެ. މިއާއެކު ޖޭމްސް ވަނީ އެންބީއޭގެ ތާރީޚުގައި ތަފާތު ތިން ޓީމަކާއެކު މި އެވޯޑް ހާސިލްކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، ޖޭމްސް ވަނީ މިއާމީ އާއެކު ދެ ފަހަރު އަދި ކްލީވްލެންޑް ކަވަލިއާސް އާއެކު އެއް ފަހަރު އެންބީއޭގެ ޗެމްޕިއަންކަން ހޯދާފައެވެ.