English Edition
Dhivehi Edition

ދިވެހިރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ބޭރުގެ ނޫހެއް ކަމުގައިވާ ‘ބޮލްނިއުސް’ އިން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފައުޖުތަކުން ހަރަކާތްތެރިވެ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ދިވެހިރާއްޖެއާއި އަރަބި ކަނޑާއި ގުޅޭ ސަރަހައްދުންނެވެ.

އޭއެންއެފް އިން ހާމަކޮށްފައިވާ ގޮތުގައި މަސްތުވާތަކެއްޗާއި އެއްކޮށް އަތުލައިގެންފައިވާ ނެޓްވޯކަކީ އެތައް ގައުމަކަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރަމުން އައި ނެޓްވޯކެކެވެ.

ފޮޓޯ: ބޮލްނިއުސް

މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުން މި މީހުން އަތުލައިގަތްއިރު ނަގާފައިވާ ވީޑިއޯ އެއް މިހާރު ދައުރުވަމުން އަންނަ އިރު އެ ވީޑިއޯގައި ފެންނަގޮތުން މަސްތުވާތަކެއްޗާއި އެއްކޮށް ދަތުރުކުރަމުން އައިސްފައިވާ ޑިންގީއެއްގައި ތިބި މީހުންތަކެއް ވަނީ ހައްޔަރުކުރެވިފައެވެ. ޑިންގީގައި ތިބި މީހުން ސަލާމަތީ ބާރުގެ އުޅަނދުތައް ފެނުމުން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ގޯނިތަކެއް ކަނޑައް އުކާފައިވާ މަންޒަރުވެސް އެ ވީޑިއޯގައި ފެނެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ސަލާމަތީ ބާރުގެ ގޮތުގައި ދިވެހިން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ދިވެހި ބަހުން ވާހަކަ ދައްކާ އަޑު ވީޑިއޯގައި އިވެއެވެ.

މި އޮޕަރޭޝަނާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު އައްޑޫ ސިޓީގައި މިއަދު ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ޓްވީޓުގައި ހަމީދު ވިދާޅުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ އޮޕަރޭޝަންގައި މެރިން ޕޮލިސްގެ އިތުރުން ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓް އަދި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.