English Edition
Dhivehi Edition

ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެ، ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބަދަލު ގެނައުމާއި ގުޅިގެން މީސްމީޑިއާގައި އެތައް ބަޔަކު ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

މީސްމީޑިއާގައި އެއްބަޔަކު ބުނަމުން ދަނީ ބީއެމްއެލް އިން އެ ކުންފުނީގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދުތަކަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުން ކޮވިޑްް19 ގެ ދުވަސްވަރުގައި ނިންމި ދޯހަޅި ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ނިންމުމުގައި ކުއްވެރި ވަނީ ބީއެމްއެލް ނޫން ކަމަށާއި މައްސަލައިގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީސްމީޑިއާގައި ދައުރުވާ ޕޯސްޓު ތަކުގައި އާންމުން ބުނަމުން އަންނަނީ ކޮވިޑް19ގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ފުރަތަމަ ކުރަން ފެށުމުން ސަރުކާރުން ރިސޯޓުތަކުގެ ވެރިން ދިވެހި ރުފިޔާއިން ރިސޯޓުގެ ޓެކްސް އަދި ކުލި ދެއްކޭނެ ގޮތެއް ހަމަޖެއްސުން އެއީ ރާއްޖޭގެ ގައުމީ ބޭންކަށް ބޭރުގެ ފައިސާ ލިބުން ދަތިވި އެންމެ މައިގަނޑު އެއް ސަބަބު ކަމަށެވެ. މީގެ އިތުރުން ސޮވެރައިން ފަންޑުގައި ހުރި ބައެއް ބޭރުގެ ފައިސާ ވަކި ސަބަބު ތަކެއް ހާމަ ނުކޮށް ސަރުކާރުން ދިވެހި ރުފިޔާއަށް ބަދަލުކުރުން އެއީ މިކަމުގެ ފަހަތުގައިވާ އެއް ސަބަބު ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ ގިނަ ފަރާތްތަކަކުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައިވަނީ މިއީ އެ މީހުންގެ ވިޔަފާރިތައް ފުނޑާލުން ކަމަށެވެ. އެގޮތުން އާމްދަނީ ލިބުން ދަތިވެ އަދި ގިނަ ބަޔަކަށް އާމްދަނީ ލިބުން ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމަން ހެޔޮނުވާނެ ކަމަށްވެސް ގިނަ ވިޔަފާރިވެރިންތަކެއް ވަނީ ބުނެފައެވެ.

ގިނަ ދިވެހިންތަކެއް ބޭރުގެ ގައުމުތަކުގައި ތަޢުލީމު ހޯދަމުން އަންނަ އިރު އެ ފަރާތްތަކުގެ ވެސް ކަންބޮޑުވުން މިކަމާއި ގުޅިގެން ވަނީ މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ހާމަކޮށްފައެވެ. އެގޮތުން އެ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ވަގުތީ ގޮތުން ލިމިޓެއް ޑޮލަރު ނެގުމުގައި ކަނޑައެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ، އެގޮތުން އެކި މަހުގެ ހަރަދުތަކަށް ހަރަދުވަނީ އެކި ވަރު ކަމަށާއި ބޭންކުން މިފަދަ ގޮތަކަށް ނިންމުމުން މިއީ ބޭރުގައި ދިރިއުޅެމުން އަންނަ އިރު މިހާރު ވިސްނަންޖެހުނު އިތުރު ކަމެއް ކަމަށާއި އުފުލަން ޖެހޭނެ ބޮޑު ތަކުލީފެއް ކަމަށްވެސް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ދިމާލަށް އެއްބަޔަކު އިނގިލި ދިއްކުރަމުން އަންނަ އިރު އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ މިހާރުގެ ސަރުކާރުން ދިވެހިން އިންޑިއާ އާއި ގުޅުން ބަދަހި ކުރުވުމަށް ހިންގަމުން އަންނަ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޙިދުމަތް ލިބިގަންނަ ދިވެހިން އިތުރު ކުރުމަށްޓަކައި ނިންމައިފައިވާ ނިންމުމެއް ކަމަށްވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

ރާއްޖޭން ބޭރުން ލިބޭ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުއްޓާލާފައެވެ. މިއީ ވެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ކުރަމުންދާ އެތައް ބަޔަކަށް ގެއްލުމާއި ކުރިމަތިލާން ޖެހުނު ކަމަކަށް ވުމުން މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް ދާދި ފަހުން ބުރޫ އަރާ އެކައުންޓުތަކުން ގޮތް ނޭނގި ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު އެއް ޓްރާންސްސެކްޝަނެއް ތަކުރާރުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ބޭންކަށް އަމާޒުވެފައެވެ. އެކަމަށްވެސް އިތުރު ޙައްލެއް ނައިސް އޮއްވާ ބޭންކުން މިއަދު ނިންމި ނިންމުމުގެ ސަބަބުން މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ބީއެމްއެލް ބޮއިކޮޓް ކުރުމަށްވެސް ގޮވާލަމުންނެވެ.

ރާއްޖެއަށް ބޭރުގެ ފައިސާ ލިބުން ދަތިވެ ޑޮލަރުގެ އަގު ބްލެކްމާކެޓުގައި މަތިވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ހާމަ ކުރި ގޮތުގައި އެ ކުންފުނީގެ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭގައި ތިބެގެން ރާއްޖޭން ބޭރުން މުޢާމަލާތްކުރެވޭނެ އަދަދު 250 ޑޮލަރަށް ވަނީ ކަނޑައަޅާފައެވެ. އަދި މި ބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މިގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.. އެގޮތުން އެ ފަދަ ހިދުމަތްތަކަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް އެކުންފުނިންވަނީ އެދިފައެވެ.