English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފު އެ ރަށު ހޮސްޕިޓަލުގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު އެ ހޮސްޕިޓަލުގައި ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ފުވައްމުލައް ސިޓީ ކައިރީގައިވާ އަވަށްޓެރި ރަށްތަކާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންނެވެ. އެގޮތުން ފުވައްމުލަކަށް ބޭސްފަރުވާއަށް ކައިރި ރަށްރަށުން، ހާއްސަ ގޮތެއްގައި ހުވަދު އަތޮޅުން ގިނަ ބައެއް ޒިޔާރަތްކުރާއިރު އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ކޮވިޑް19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ހޮސްޕިޓަލާއި ކައުންސިލު ގުޅިގެން ކުރަން ހުރި މަސައްކަތްތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ކަންކަން ފުރިހަމަ ކުރުމުގައި ހޮސްޕިޓަލުން ކޮށްދެވެން ހުރި ކަންތައްތަކާއި މެދު މަޝްވަރާކޮށްފައިވާ ކަމަށްވެސް އަހުމަދު ސައީދު ވިދާޅުވިއެވެ.

ކޮވިޑް19ގެ ހާލަތުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތްތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ހޮސްޕިޓަލަށް ތަޢުރީފުކޮށްފައެވެ.