English Edition
Dhivehi Edition
އައްޑޫ ސިޓީން އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވި ފަރާތެއް - ފޮޓޯ: އުރީދޫ

ރާއްޖޭގެ ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން، ‘އުރީދޫ އަތޮޅު ދުވުން’ ކާމިޔާބުކަމާއެކު އުރީދޫ މޯލްޑިވްސްއިން ބާއްވައިފިއެވެ. 28 އޮގަސްޓް އިން 31 އޯގަސްޓްގެ ނިޔަލަށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅުންނާއި ރާއްޖޭން ބޭރުން 5800 ދުވުންތެރިން ބައިވެރިވެފައިވެއެވެ.

“އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން. މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު. މި ފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއްއިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަމައެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައްބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ. މިއީވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަންޒަރަކަށްވެގެންދިޔަ.” އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ހާމަކުރާ ގޮތުގައި ‘އުރީދޫ އަތޮޅު ދުވުން’ ވަރޗުއަލް ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުމެވެ.

“މި ރަންއަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ވަރޗުއަލް ރަންއަށްވެފައި، ރާއްޖޭގެ އެކި ހިސާބުތަކުންވެސް ދުވުމުގައި ބައިވެރިވެ ފުރިހަމަކުރި ފުރަތަމަ ރަންއަށް ވުމުން، އަތޮޅު ދުވުމުގެ ރަން ޑައިރެކްޓަރކަން ކުރަން ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރަންއަށް ލިބުނު ބޮޑު ކާމިޔާބީ އާއި ތަރުހީބުން، ދުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އުފެދިފައިވާ ޝައުގުވެރިކަން ފެނިގެންދިޔަ. މިއީ އަޅުގަނޑަށް ވަރަށް އުފާވެރި މަންޒަރެއް. މި ދުވުމުގައި ބައިވެރިވި ބައެއް ދުވުންތެރިން އަލަށް 5 ކިލޯމީޓަރު ފުރިހަމަކޮށްފައިވެސް އެބަހުރި. މި ފަދަ މަންޒަރުތަކަކީ ދުވުން ކުރިއަރުވަން އަޅުގަނޑަށް ލިބޭ ހިތްވަރެއް އަދި އެހެން ދުވުންތެރިންނާއި ދުވަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭނެ ހިތްވަރެއްކަން ޔަގީން.” އަތޮޅުދުވުމުގެ ރަން ޑައިރެކްޓަރ، ހުސެން ޝުޖާއު ވިދާޅުވިއެވެ.

28 އޯގަސްޓްގައި ‘އުރީދޫ އަތޮޅު ދުވުން’ ފެށުމާއި އެކު ދުވުމުގެ ތެރެއިން ނަގާފައިވާ އުފާވެރި ހިތްގައިމު މަންޒަރުތައް އަދި 5 ކިލޯމީޓަރު ހަމަކުރިކަމުގެ “ރަން ރޫޓް” ސްކްރީންޝޮޓްތަކާއި ވަރޗުއަލް މެޑަލް، ސޯޝަލް މީޑިއާގައި ދުވުމުގެ ބައިވެރިން ޝެއަރ ކުރަމުން ގެންދިޔައެވެ. ދުވުން ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ އަތޮޅު ދުވުމުގެ ޕަރޓްނަރުންގެ ތެރެއިން ހެބިޓަސް ފްރެޝް، ދަ މެރަތަން ޝޮޕް އަދި މެޑްމެކްސް ބިސްޓްރޯ އާއި ގުޅިގެން ނަސީބުވެރި ފަރާތްތަކަށް ޚާއްޞަ އިނާމްތަކެއްވެސް އިއުލާންކޮށްފައެވެ. އެގޮތުން:

  • ދުވުމަށް ރެޖިސްޓަރވުމުން ލިބޭ ވަރޗުއަލ ބިބް ސޯޝަލް މީޑިއާގައި ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތަކަށް އޮޕޯ އޭ1ކޭ ފޯނެއް ލިބިވަޑައިގަންނަވާނެއެވެ.
  • ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބިވަޑައިގަންނަވާނެއެވެ.
  • ދުވުން ނިންމުމަށްފަހު، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް ލިބިވަޑައިގަންނަވާނެއެވެ.
  • އަދި މީގެ އިތުރުން ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫން ބުނީ އެ އިނާމުތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.

5 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، 20 އަތޮޅުން 20 ދުވުންތެރިންނާއިއެކު 15 ކިލޯމީޓަރުގެ ވަރޗުއަލް ރިލޭއެއްވެސް ވަނީ އުރީދޫ އަތޮޅުދުވުމުގައި ފުރިހަމަކޮށްފައެވެ. މި ވަރޗުއަލް ރިލޭ ބޭއްވުނީ، އުރީދޫ މޯލްޑިވްސްއިން ދިވެހިންނާއިއެކު ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލަދިނުމަށް ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއްގެ ގޮތުންނެވެ. މި 15 ކިލޯމީޓަރުގެ ރިލޭއަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ވަރޗުއަލް ރިލޭވެސްމެއެވެ.