English Edition
Dhivehi Edition

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާއެއް ކަމަށްވާ “ނާމްކަރަން” ގައި އަވްނީގެ މާމަގެ ރޯލު ކުޅޭ މަޝްހޫރު އެކްޓްރެސް ރީމާ ލާގޫ މަރުވެއްޖެ އެވެ. ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކެއްގައި މަންމަގެ ރޯލު އަދާކޮށްފައިވާ ރީމާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި މުމްބައީގެ ކޮކިލަބެން ހޮސްޕިޓަލުގަ އެވެ. އުމުރުން ރީމާ59 އަހަރުގެ ރީމާ މަރުވީ މޭގައި ރިއްސާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ކަމަށް ޚަބަރުތައް ބުނެއެވެ. ރީމާ އަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ މަރުވެއްޖެ ކަމަށް ރީމާގެ ދަނބިދަރިފުޅު ވިނޭ ވައިކުލް ވަނީ ބުނެފައެވެ. ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް ވަރަށް މަޝްހޫރު ރީމާ ވަނީ އެކި ފިލްމުތަކުގައި މަންމަގެ ރޯލު ކުޅެގެން ފިލްމުފެއާ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ހަތަރު ފަހަރެއްގެ މަތިން ހޯދާފަ އެވެ. ރީމާ މަޝްހޫރުވެފައި ވަނީ ފިލްމުތަކުގައި ވަރަށް މަޑުމައިތިރިކަމާ އެކު ލޯބިން ވާހަކަ ދައްކާ ރަނގަޅު މަންމައެއްގެ ގޮތުގަ އެވެ. އެގޮތުން “މައިނޭ ޕިޔާރް ކިޔާ”ގައި ސަލްމާން ޚާންގެ މަންމަގެ ރޯލު، “ޖައި ކިޝަން”ގައި އަކްޝޭ ކުމާރުގެ މަންމަގެ ރޯލު، “ގުމްރާހު”ގައި ޝްރީދޭވީ ގެ މަންމަގެ ރޯލު، “ހަމް އާޕް ކޭ ހޭ ކޯން” ގައި މާދުރީ ޑީކްޝިޓްގެ މަންމަގެ ރޯލު އަދި “ކަލް ހޯ ނަހޯ”ގައި ޝާހްރުކް ޚާންގެ މަންމަގެ ރޯލު ރީމާ ކުޅެފައި ވެ އެވެ. މިހާރު ސްޓާޕްލަސްގައި މަޝްހޫރު ޑްރާމާއެއް ކަމަށްވާ “ނާމްކަރަން” ގައި “ދަޔާވަންތީ މެހެތާގެ” ނަމުގައި ގޯސް މީހެއްގެ ރޯލު ކުޅެމުންދާ ރީމާ ގެ ހުރީ އެންމެ އަންހެން ދަރިއެކެވެ. އެއީ އެކްޓަރެއް ކަމަށްވާ މިރުންމައީ އެވެ.