English Edition
Dhivehi Edition
ޑރ. މުޙައްމަދު އިބްރާހިމް އާއި ޣާޒީ އަލީ ރަޝީދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ / ސަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ޣާޒީ، އަލީ ރަޝީދު ހުސެއިން އާއި ޑރ. މުޙައްމަދު އިބްރާހިމް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށްޓަކައި ވަކި ވަކިން ނެގި ވޯޓުތަކުން، އަލީ ރަޝީދު ސުޕްރީމް ކޯޓަށް ޢައްޔަނުކުރަން ފާސްވީ 55 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި ޑރ. މުޙައްމަދު އިބްރާހިމް ޢައްޔަނުކުރަން ރުހުން ދީފައި ވަނީ 63 މެންބަރުންނެވެ.

ޣާޒީ އަލީ ރަޝީދާއި ޑރ. މުޙައްމަދު އިބްރާހިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނުކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުން، އެ ކޮމިޝަނުން ވެސް ވަނީ އެ ބޭފުޅުން އެ މަޤާމަށް ޢައްޔަނުކުރުމަށް ފެންނަ ކަމަށް ލަފާދީފައެވެ.

އެކަމާ ގުޅިގެން އެ ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހު ކަމަށްވާއިރު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ކޮމިޓީން ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށް، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޣާޒީ އަލީ ރަޝީދަކީ މީގެ ކުރިން ސިވިލް ކޯޓުގެ ޣާޒީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. މުޙައްމަދު އިބްރާހިމް އަކީ ޕްރިމިއަރ ޗެމްބާސް ލޯ ފާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އެ ފާމުގެ ހިއްސާދާރެކެވެ. މީގެ އިތުރުން 16 އަހަރަށްވުރެ ގިނަ ދުވަހު ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޑރ. މުޙައްމަދު އިބްރާހިމް އަކީ ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒް ޑިރެކްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.