English Edition
Dhivehi Edition

ގދ. ހޯނޑެއްދޫއިން އިތުރު 19 މީހަކު ފައްސި ވެއްޖެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

އެޗްއީއޯސީ އިން ހާމަ ކުރި ގޮތުގައި އެމީހުން ފައްސިވިކަން އެނގުނީ އެރަށުން ކުރިން ފައްސި ވެފައިވާ ދެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސް ގެ ގޮތުގައި ފާހަގަ ވެފައިވާ މީހުންގެ ތެރެއިން 36 ސާމްޕަލެއް ޓެސްޓުކުރުމުންނެވެ. ފައްސި ވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި، 8 އަންހެނުންނެވެ. އޭގެ ތެރޭގައި އުމުރުން 1 އަހަރަށް ވުރެ ހަގު 2 ކުދިންނާއި 1 އަހަރާއި 8 އަހަރާއި ދެމެދުގެ 8 ކުދިން،ނާއި 18 އަހަރާއި 50 އަހަރާއި ދެމެދުގެ 7 މީހުން އަދި އުމުރުން 50 އަހަރުން މަތީގެ 2 މީހަކު ހިމެނޭ ކަމަށްވެސް އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.މިމީހުންނާއެކު މިހާރު ހޯނޑެއްދޫއިން ކޮވިޑް19 އަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދަކީ 25 އެވެ.

ހޯނޑެއްދޫއިން މިއެންމެން ފައްސި ވިއިރުވެސް އެއީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށެއްގެ ގޮތުގައި އަދި ނިންމާފައެއް ނުވެއެވެ.

މިކަމާ ގުޅޭގެ އިތުރު މަޢުލޫމާތު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް އެޗްއީއޯސީއިން ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫ އިން 19 މީހުން ފައްސި ވުމާއި ގުޅިގެން ވަނީ އެރަށާއި ގުޅިގެން އޮންނަ މަޑަވެއްޔަށް އަރާ ފޭބުން މަނާކޮށްފައެވެ.

މިއަދާ ހަމައަށް ކޮވިޑް-19ގައި މިހާތަނަށް ރާއްޖެއިން 8،361 މީހުންވަނީ ބައްޔަށް ފައްސި ވެފައެވެ. މީގެ ތެރެއިން 29 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.